މީހަކު ގަޑިއަށް ކޯޓަށް ހާޒިރު ނުކުރުމުން ކަރެކްޝަންސް ޖޫރިމަނާކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތުގެ އަޑުއެހުމަކަށް މީހަކު ގަޑިއަށް ހާޒިރު ނުކޮށްދިނުމުން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ޖޫރިމަނާކޮށްފި އެވެ.

އެ ޝަރީއަތަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލި މައްސަލައަކާ ގުޅިގެން ތާވަލުކުރި ޝަރީއަތެކެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ އަހްމަދު ނިޝާން، ލ. މުންދޫ/ އަންނާރުމާގެ އަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަކަށް މިއަދު ހެނދުނު 10:00ގެ ކުރިން އޭނާ ހާޒިރުކޮށްދިނުމަށް އެދި މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން ކަރެކްޝަނަށް އަމުރު ފޮނުވާފައިވެ އެވެ.

އެހެން ނަމަވެސް ހެނދުނު 10:40 ވީއިރުވެސް އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. އެހެންކަމުން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 84 ވަނަ މާއްދާގެ ދަށުން 250 ރުފިޔާއިން ކަރެކްޝަންސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

އަމުރުގައި ބަޔާންކުރި ވަގުތަށް ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރު ނުކޮށްފައިވާއިރު، އެތައް އިރެއް ފަހުން އޭނާ ކޯޓަށް ގެނައި ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. އަދި މި މައްސަލައަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއަކަށް ވާތީ، ކަނޑައެޅި ވަގުތުގެ ފަހުން ކޯޓަށް ހާޒިރުކުރި ނަމަވެސް އަޑުއެހުން ކުރިއަށްގެންދިޔަ ކަމަށް ކޯޓުން ބުނެ އެވެ.

މިފަހުން ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް ދައުލަތުގެ ވަކީލަކު ގަޑިއަށް ހާޒިރުނުވުމުން، ޕީޖީ އޮފީސް ވެސް 250 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

comment ކޮމެންޓް