މޮނިޓަރިންގައި އޮތް ދެއްވަދުއަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފި

ގއ. އަތޮޅު ކައުންސިލުން ދެއްވަދުއަށް އެހީގެ ގޮތުގައި ބޯފެން ފޯރުކޮށްދެނީ ---

ގއ. ދެއްވަދޫގައި ކޮވިޑް19 ފެތުރި، ފުރަބަންދުގެ ހާލަތަށް ގެންދިއުމާއެކު އެކި ފަރާތްތަކުން އެ ރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު "ސަން"އަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

އެގޮތުން މިފްކޯއިން 50 މަސްދަޅު ކޭހާއި ގއ. އަތޮޅު ކައުންސިލުން 100 ފެން ކޭހުގެ އިތުރުން ގދ. ތިނަދޫގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން 300 ފެން ކޭސް ހަދިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ފެނުގެ އެހީތެރިކަމަށް އެދުނީ ދެއްވަދޫއިން ފެން ހުސްވުމުން ނޫން ކަމަށެވެ.

"ފެން ހުސްވީއެއް ނޫން، ހުސްވެދާނެތީ އެކަމުގެ އެހީތެރިކަމަކަށް އެދުނީ ދެން އެމްޑަބްލިއުއެސްސީއިންވެސް 300 ފެން ކޭސް ލިބޭނެކަމުގެ ޔަގީންކަން ދީފައި އޮތީ." ތައުފީގު ވިދާޅުވި އެވެ.

ދުރާލާ ތައްޔާރުވުމުގެ ގޮތުން ދެއްވަދޫގައި ފެން ސްޓޮކްކޮށްފައިވާއިރު، އެ ރަށު ފިހާރަތަކުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށް ވާވަރަށް ޒަރޫރީ ތަކެތި އެބަހުރި ކަމަށް ތައުފީގު ވިދާޅުވި އެވެ.

ދެއްވަދޫއިން ކޮވިޑް19ގެ ކޭސްތަކެއް ފެނުމާއެކު އެ ރަށް ފުރަބަންދުގެ ހާލަތަށް ގެނައުމަށްފަހު ރެންޑަމް ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މިހާތަނަށް ގާތްގަނޑަކަށް 200 ރެންޑަމް ސާމްޕަލް ނެގިފައިވާނީ. ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 25 ކޭސް ފާހަގަވެފައިވަނީ. މިއަދު އިތުރު 10 މީހުން ޕޮޒިޓިވް ވެފައި ވަނީ."

މިހާރު ފޮނުވާފައިވާ ސާމްޕަލްތަކުން ވެސް އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުން އެކަށީގެންވާ ކަމަށް އެޗްއީއޯސީއިން މައުލޫމާތު ދީފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ދެއްވަދޫ ފުރަބަންދުގައި އޮތް އިރު، ކައުންސިލުން އަންގާ އެންގުންތަކަށް އެ ރަށު ރައްޔިތުން ފުރިހަމައަށް އެއްބާރުލުންދޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފާރާތުންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވެއެވެ.

ދެއްވަދޫ ކްލާސްޓާއާ ގުޅުންހުރި 149 ކޮންޓެކްޓުން ހިމެނެ އެވެ. އޭގެ ތެރެއިން 55 މީހުންނަކީ ހައި ރިސްކް މީހުންނެވެ. އެ ކްލަސްޓާއިން ފެނުނު ޕޮޒިޓިވް ކޭސްތައް 30އަށް އަރާފައިވާއިރު، ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެއްވެސް އެ ކްލަސްޓާގައި ހިމެނެ އެވެ.

comment ކޮމެންޓް