ހުޅުވާރުލު 149 ކިލޯގެ ޑްރަގް މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

ގދ. ހުޅުވާރުލުން އަތުލައިގަތް މަސްތުވާތަކެތި : ޖުމްލަ 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ -- ފޮޓޯ: ފުލުހުން

އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލާގައި ދައުވާ ކުރި މީހުންގެ މައްސަލަ ބޭރުކޮށްލަން ގައްދޫ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ލޯންޗަކުން ހުލުވާރުލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަަށް ބާލައި ވަޅުލި ކަމުގެ ތުހުމަތުގައި ފަސް މީހަކަށް ދައުވާ ކުރި އެވެ. އެ މައްސަލައިގައި ދައުވާ ކުރި މީހުން ހައްޔަރު ކުރި އިރު ލޯންޗުންވެސް ޑިންގީއިންވެސް މަސްތުވާތަކެތި ފެނިފައި ނުވެއެވެ. މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނީ އެ މީހުންގެ ތަހުގީގަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަތައް ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. ގައްދޫ ކޯޓުން ނިންމީ އެ ދައުވާތައް ބާތިލުކުރާށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލައިގައި ގައްދޫ ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރަން ނިންމެވިކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެ ނިންމުން ނިންމެވި ސަބަބު ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައްދޫ ކޯޓުން މައްސަލަތައް ބާތިލު ކުރީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައިވުމުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހައިކޯޓުން ހައްލެއް ހޯދައިގެން މެނުވީ މައްސަލަ ގައްދޫ ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ހުކުމުގައިވެ އެވެ.

އެ މައްސަލައިގައި ދައުވާ ކުރި މީހުންނަކީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައަކީ ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ހުންނެވި އިރު ދައުވާ ކުރި މައްސަލައެކެވެ.

ހުލުވާރުލުން ހޯދި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ.

މިއީ ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެއިން އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ.

comment ކޮމެންޓް