ޖިހާދަށް ފުރަން ފުރުސަތު ނުދިން މައްސަލައިގެ ހުކުމް މާދަމާ

އޮކްޓޯބަރ 19، 2017: ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މަރުހަލާގެ ހުކުމް ކުރަން މާދަމާއަށް ތާވަލުކޮށްފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ.

އެ ނިންމެވުން، ޖިހާދުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރުފަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ދުބާއީއަށް ފުރާވަޑައިގަންނަވަން ޖިހާދު އެދިވަޑައިގަތީ ބޭސްފަރުވާ ހޯދަން ކަމަށް ވިދާޅުވެ އެވެ. އޭގެ އިތުރުން، އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ.

ޖިހާދު ބޭރަށް ފޮނުވަން ދައުލަތުން ދެކޮޅު ހެދީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށް ބުނެ އެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ. އޭގެ އިތުރުން އޭނާ ފަރުވާ ހޯދާ ކަންކަމަކީ ރާއްޖެއިން ފަރުވާ ލިބެން ނެތް ކަންކަން ކަމަށް ބުނެފައި ނުވާކަންވެސް ދައުލަތުން ފާހަގަކުރި އެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެ އެވެ. ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެންނެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް