ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ފޮޓޯ/ ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި، ހައި ކޯޓުގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު އޮތީ ނިންމާލައިފަ އެވެ.

މީގެ ކުރިން ހައިކޯޓުން އެ މައްސަލައިގައި ހުކުމް ކުރަން ތާވަލު ކުރީ މި ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.

ނަމަވެސް، އެ ކޯޓުން މިއަދު ބުނީ، އެ މައްސަލައިގެ ހުކުމް ކުރުން މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އެއީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.

ރައީސް ޔާމީންގެ މައްސަަލަ އިސްތިއުނާފު ކުރިތާ އަހަރެއްވެފައިވާއިރު ހުކުމް ނުކޮށް އަދިވެސް ލަސްވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހު ކޮޅު އެވެ.

އެ ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމުންނެވެ.

comment ކޮމެންޓް