ދައުލަތުން ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އާ ގަވާއިދެއް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އެ ގަވާއިދަކީ، ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

ހަމައެއާއެކު، 20 ނޮވެންބަރު 2020 ގައި އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ، އެކަމާބެހޭ އުސޫލުތައްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތެއް އެ ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ އެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭނެ އެވެ.

އަދި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތު ފުރިހަމަވާންޖެހޭނެ އެވެ. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތްތައް އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށް ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތްނަމަ، އެ ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން ދަށުގެ ކުދިން އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުސޫލުތަކާއި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތަކާއި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަރުދަނާ ގޮތެއްގައި ގާއިމުކުރުމާބެހޭ އުސޫލުތައް ހިމެނެ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފެށުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު މިހާރު ވަނީ އުވިފައެވެ.

comment ކޮމެންޓް