ދޯންޏެއްގައި ރޯވެ ފިހުނު މީހާގެ ފަރުވާއަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ތިލަފުށީ ފަޅު ތެރޭގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވު ފިހުނު ދިވެހި މީހާގެ ފަރުވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ އާއިލާގެ ފަރާތުން އެދިއްޖެ އެވެ.

އެ ހާދިސާގައި ފިހިފައި ވަނީ ކ. ތުލުސްދޫ އަށް ނިސްބަތްވާ އަހްމަދު ހާލިދު އެވެ.

އޭނާގެ ބޭބެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ހާދިސާގައި ހާލިދުގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ހާލިދު ޕްރައިވެޓް ރޫމެއްގައި އެޑްމިޓްކުރީ، ވަކި ޓެމްޕަރޭޗާއެއްގައި ބާއްވައިގެން ފަރުވާ ދިނުމަސް ޑޮކްޓަރުން ބޭނުންވާތީ ވެސް އެކުގައި ކަމަށެވެ.

ނަމަވެސް ޕްރައިވެޓް ރޫމަކަށް ކޮންމެ ހަތަރު ދުވަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، އަދި ފިހިގެން ލިބިފައިވާ ގެއްލުމުގެ ސަބަބުން ހާލިދަށް ހާއްސަ މެނޫއެއް ވެސް ޑޮކަޓަރުން ދީފައިވާ ކަމަށާއި، ކެއުމަށް ވެސް ދުވާލެއްގެ މައްޗަށް މަދުވެގެން 500 ރުފިޔާ ހޭދަވާ ކަމަށެވެ.

"މިފަދަ ނާޒުކު، ހިތްދަތި، އަތްމަތި ދަތި ދުވަސްކޮޅެއްގައި މިގޮތަށް މި ހަރަދުކުރުމަށް އަޅުގަނޑުމެން ވަނީ ނުކުޅެދިފަ އެވެ." ޕޯސްޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން އާއިލާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް