ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގެ ބެޓެރި ގޮވައި ކައްޕި ފިހިއްޖެ

ރަށެއްގެ ފަޅުގައި އޮތް ޑިންގީއެއް -- ސަން ފޮޓޯ

ވ. ތިނަދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ތިނަދޫ ކައުންސިލްގެ މެންބަރު އަހުމަދު ނަސީމް "ސަން" އަށް މިއަދު ވިދާޅުވީ އެރަށު ފަޅުގައި އަޅާފައިވާ ލޯންޗެއް ސްޓާޓު ކުރަން އުޅުމުގެ ތެރޭގައި ލޯންޗުގެ ބެޓެރި ގޮވައި، މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ބެޓެރީ ގޮވި ވަގުތު ލޯންޗުގައި ހުރީ ކެޕްޓަން އެކަނި ކަމަށާއި ގާތްގަނޑަކަށް އުމުރުން 20 ވަރަކަށް އަހަރުގެ ކެޕްޓަންގެ އެއްފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ބެޓެރީ ގޮވައިގެން ކަމަށް ބޮޑަށް ބެލެވެނީ. އޭނަ [ކެޕްޓަން]ގެ ދެފައި ފިހިފައި، އެސިޑް ބުރައިގެން އެއްފައިގެ ކުޑަ ކަޅުވާ އާއި ހަމައަށް ފިހިފައި އޮތީ. މިހާރު ވީ އަތޮޅު ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ގެންގޮސްފައި،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެ ހާދިސަގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެ ހާދިސާ ހިނގީ ތިނަދޫގައި ގެސްޓްހައުސް އެއް ތަރައްގީ ކުރާ ބޭރުގެ ބަޔަކު ގެންގުޅޭ މަސްވެރިކަން ކުރާ ލޯންޗެއްގައި ކަމަށް ކައުންސިލް މެންބަރު ނަސީމް ވިދާޅުވި އެވެ. ހާދިސާ ގައި އަނިޔާވީ އޭގެ ކެޕްޓަން އަކަށް އުޅޭ ބ. ތުޅާދޫ އަށް ނިސްބަތްވާ މީހަކަށެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 7:49 ހާއިރު ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވެފައިވަނީ ލޯންޗު ސްޓާޓުކުރި ވަގުތު ބެޓެރީގައި ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާން ރޯވި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އަޑިއަށް ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް