149ކިލޯ ޑްރަގުގެ ދައުވާތައް ބޭރުކޮށްލި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އޮކްޓޫބަރ 21، 2020: ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: އިންތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގެ ދައުވާތައް ކޯޓުން ބޭރު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. އަދި އޭގެ ފަހުން އެ މައްސަލަ ގދ. ގައްދޫ ކޯޓަށް ހުށަހެޅުމުން، އެ ކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލި އެވެ. ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލީ ގާނޫނުގައި ބުނާ މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނޭޅުމުން ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ފަސް މީހަކަށް ދައުވާ ކުރި އިރު، ގައްދޫ ކޯޓުން އެ މައްސަލަ ބޭރުކޮށް، އަދި އެމީހުން ދޫކޮށްލުމަށް އަމުރުކުރުމުން އެމީހުން މިހާރު ވަނީ މިނިވަންވެފަ އެވެ.

ކޯޓުން ދައުވާތައް ބޭރު ކުރި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ، މަފަންނު އިތުރު ދާްއިރާ މެމްމަބަރު އިމްތިޔާޒު ފަހުމީ އެވެ.

އިމްތިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، އޭނާ މައްސަލަ ހުށަހެޅީ ދެ ކޯޓުންވެސް މައްސަލަ ބޭރުކޮށްލަން ޖެހުމާއި އެކަމުގައި ޒިންމާވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކަމަށެވެ.

"ދެ ކޯޓުންވެސް މައްސަލަ ބޭރުކުރަން ޖެހޭ ހާލަތަށް ދިޔުމާއި މައްސަލައިގައި ދައުވާ އުފުލަން ޖެހުނު މީހުން ދޫކުރަން ޖެހުނު ހިސާބަށް ދިޔަ ގޮތް ބަލައި، ކޮމެޓީގެ މެންޑޭޓްގެ ތެރެއިން ޒިންމާވާ ފަރާތެއް އޮތް ނަމަ، އެ ޒިންމާވާ ފަރާތްތައް ބެލެނިވެރިކަމުގެ ކަންކަން ބެލުމަށް،" ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވަމުން ގެންދަވާ އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި ކޮމިޓީގެ މެންޑޭޑްޓްގެ ތެރެއިން މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރަން ޖެހޭ މީހުން ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ހާޒިރުކުރާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ބަލާނަން މިކަމުގައި އިހުމާލުވި ފަރާތްތައް،" އިމްތިޔާޒު ވިދާޅުވި އެވެ.

މަޖިލިސް މިއަހަރަށް ހުޅުވަނީ އަންނަ މަހު ހަތަރެއްގަ އެވެ. އެހެން ނަމަވެސް ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ބައެއް ކޮމިޓީތައް ޗުއްޓީގައެވެސް ބާއްވަ އެވެ.

އިމްތިޔާޒު ވިދާޅުވީ، ކޮމިޓީގެ މެމްބަރުންގެ މަޝްވަރާގެ މަތިން ވީހާވެސް އަވަހަކަށް ކޮމިޓީ ބައްދަލުވުން ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ތާރީހެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

ހުލުވާރުލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސް އެެވެ. އެއީ އެތަކެތި އަޅާފައި ހުރި ޕެކިންތައް ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސް އެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެ އެވެ. މިއީ ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެއިން އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ.

https://sun.mv/147720

comment ކޮމެންޓް