ސަފާ ފުރުވާލި މައްސަލަ ޝަރީއަތުގެ މަރުހަލާއަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ)، 18 އަހަރަށް ޖަލަށްލާފައި ހުއްޓާ އޭނާ ގަވައިދާ ހިލާފަށް ފުރުވާލިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގޮސްފި އެވެ.

މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ބޮޑެއް ކަމަށް އޭރު ތުހުމަތު ކުރެވުނު ސަފާ ފުރުވާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަން މޫސާ އާޒިމް އާއި އޭރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރި މުހައްމަދު ހާނިމްގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މައްސަލަ ޕީޖީއަށް ފޮނުވީ 2014 ވަނަ އަހަރު އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މީހުންގެ މައްޗަށް އުފުލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އާޒިމްއާއި ހާނިމް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އަޑުހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމަކީ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. އާޒިމް އާއި ހާނިމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތް ނިންމަވަމުން ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އެ މައުޟޫއީ ގޮތުން އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ދެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރުވެސް މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް މިއަދު އިސްގާޒީ ޝަކީލް ނިންމެވި އެވެ.

އެހެންކަމުން ދެން އެ މައްސަލައިގައި އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ މަރުހަލާ އެވެ.

ސަފާ ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލައިގައި އައިޖީއެމްއެޗްގެ ޑޮކްޓަރަކާއިި، ކަރެކްޝަނަލް ސާވިސްގެ އޭރުގެ މެޑިކަލް ބޯޑުގެ ދެ މެމްބަރަކާއި، މާލޭ ޖަލުގެ ކުރީގެ ޗީފް ސުޕްރިންޓެންޑެންޓުގެ މައްޗަށްވެސް ދައުވާ ކުރަން އޭސީސީއިން ފޮނުވި އެވެ. ނަމަވެސް، އެ މީހުންނަށް ދައުވާކޮށްފައި ނުވެ އެވެ.

ސަފާ ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރަށް ފުރުވާލާފައި ހުއްޓާ ފަހުން އޭނާ ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. ނަމަވެސް، ފަހުން އޭނާގެ ހުކުމް ހައިކޯޓުން ވަނީ ބާތިލުކުރުމުން އޭނާ މިނިވަންވީ އެވެ.

comment ކޮމެންޓް