ވޮޝިންޓަން (ޖަނަވަރީ 12) : އެމެރިކާ ދަނީ ވަރުގަދަ ހަމަނުޖެހުމަކާ ދިމާއަށް ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމުގެ އިންޒާރު އެމެރިކާގެ ފެޑްރަލް ފުލުހުން ގެ ތަހުގީގީ އިދާރާ ކަމަށްވާ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދީފިއެވެ.
"އެފްބީއައި" އިން ބުނީ އެމެރިކާގެ އެތެރެއިން ހަތިޔާރުއެޅި އެތަށް ޖަމާއަތެއް މިހާރު ފެންނަމުންދާކަމަށާ މީގެތެރޭގައި ތަންތަނުގައި ބޮންގޮއްވައި ބަޑިން ޙަމަލާތައްދޭ އެތަށްޖަމާއަތެއް ހިމެނޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ. މީގެ ބައެއް ޖަމާއަތްތަކުން އެމެރިކާގެ 50 ސްޓޭޓުގައި ހަތިޔާރާއެކު ވަރުގަދަ މުޒާހަރާ ކުރަން ރާވާފައި ވާކަމަށާ މި މުޒާހަރާތައް ވެރިރަށް ވޮޝިންގްޓަން ގައިވެސް ކުރުމަށް ތައްޔާރުވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް އެެއިދާރާއިން ބުނެފައިވެއެވެ.
ދާދިފަހުން އެމެރިކާގެ ސިޓީއެއްކަމަށްވާ ނޭޝްވިލްގައި މީހަކު އަމިއްލައަށް މަރުވެގެން ކާރުބޮމެއް ގޮއްވާލާފައިވީނަމަވެސް އެއީ ޓެރަރިޒަމް ގެ އަމަލެއް ކަމަށް އެމެރިކާ ސަރުކާރުން ރަސްމީގޮތެއްގައި ކަނޑައަޅާފައެއް ނުވެއެވެ. ހަތިޔާރުއެޅި ޖަމާއަތްތައް އެމެރިކާގައިވެސް ހަރަކާތްތެރިވާ ކަމަށް "އެފްބީއައި" ބުނިނަމަވެސް އެއީވެސް ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ބުނެފައެއް ނުވެއެވެ.
މިމަހުގެ 6 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވޮޝިންޓަންގައި މުޒާހަރާކޮށް އެމެރިކާގެ ކޮންގްރެސް ގެ އިމާރާތަށް ވަދެގަނެ އެތަން ލޫޓުވައި ތަކެތި ހަލާކުކޮށް މެންބަރުންނަށް ބިރު ދެއްކުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައިވާއިރު އެއަމަލުތަކުގެ ތެރޭގައި ފުލުހުން ބަޑިޖެހުމުން 4 މީހުން މަރުވެ 16 މީހުން ޒަޚަމްވެފައިއެވެ.

އެފްބީއައި ގެ އެޖެންޓުން
އެ މުޒާހަރާގައި އިސްކޮށް އުޅުނު ޖަމާއަތްތަކުގެ ތެރޭގައި ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ "ޕްރަވްޑް ބޯއީސް" ހިމެނޭކަމަށް ވޮޝިންޓަންގެ ފުލުހުން ބުނެފައިވެއެވެ. ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ހަރުކަށި ޖަމާއަތްތަކަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކަތަކަށް ތާއީދު ކުރާ ޖަމާއަތްތަކެކެވެ.
މިމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްގެ އިމާރާތުގެ ކުރިމަތީގައި ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ގެންދިޔަވަގުތު ގޮވާތަކެތި އަޅާފައިވާ ލޮރީއެއް އެސަރަހައްދުގައި ގޮއްވާލުމަށް އޭގެތެރޭގައި ހިމެނޭ ހަތިޔާރުއެޅި ޖަމާއަތަކުން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ތަހްގީގްތަކުގެ އަލީގައި "އެފްބީއައި" އިން ބުނެފައިވެއެވެ.
އެމެރިކާގެ 50 ސްޓޭޓުގައި ހަތިޔާރާއެކު އެއްފަހަރާ ވަރުގަދަ މުޒާހަރާ ކުރަން ރާވާފައި ވާކަމުގެ އިންޒާރު އެފްބީއައިއިން ދީފައިމިވަނީ އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑަން ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތު ވޮޝިންޓަންގައި ބޭއްވުމަށްޓަކައި ވޮޝިންޓަންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ސަޕޯޓަރުން މި މުޒާހަރާތައް ކުރަން ރާވާފައިވަނީ ބައިޑަން ހުވާ ކުރައްވާ ވަގުތާ ދިމާކޮށް ކަމަށާ މުޒާހަރާތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓްތަކުގެ ކޯޓުތަކަށާއި ފެޑަރަލް ކޯޓުތަކަށް އެތަށް ސަތޭކަ ބަޔަކު އެއްފަހަރާ ވަދެގަތުމަށްވެސް ޓްރަމްޕްގެ ސަޕޯޓަރުން ރާވާފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.
މިމަހުގެ 20 ވަނަ ދުވަހު ޖޯބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިއީ ވޭތުވެދިޔަ 150 ވަރަކަށް އަހަރަށް ބަލާއިރުވެސް، އެމެރިކާގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ ފަހަރުކަމަށް މައުލޫމާތު ލިބެއެވެ.
ބައިޑަންއާއި އޭނާގެ ނައިބު ކަމަލާ ހެރިސް މަގާމުގެ ހުވާ ކުރައްވަން ނިންމަވާފައިވަނީ އެމެރިކާގެ ކޮންގްރެސްގެ އިމާރާތުގެ ކުރިމަތީގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. ނަމަވެސް ވޮޝިންޓަންގެ އަމަނާބެހޭ ކަންކަން ނުރައްކާވެދާނެކަމުގެ ބިރު ބޮޑުވެއްޖެނަމަ އެދެބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު ކޮންގްރެސް އިމާރާތުގެ އެތެރޭގައި ބާއްވާގޮތަށް ހަމަޖައްސާނެކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)