54 އަހަރުގައި މިއުރާ އަނެއްކާވެސް އިތުރު ސީޒަނެއް ކުޅެން އެއްބަސްވެއްޖެ

ޖަޕާނުގެ ފުޓުބޯޅައިގެ ރަސްގެފާން ކަޒުޔޯޝީ މިއުރާ ---

އުމުރަކަށް ބެލުމެއްނެތި ފުޓުބޯޅަ ކުޅޭ ޖަޕާނުގެ ޔޮކޮހޯމާގެ ކެޕްޓަން ކަޒުޔޯޝީ މިއުރާ އުމުރުން 54 އަހަރުގައި އަދިވެސް އިތުރު ސީޒަނެއް ކުޅެން އެއްބަސްވެއްޖެ އެވެ.

"ކިންގް ކަޒޫ" ގެ ނަމުން މަޝްހޫރު މި ކުޅުންތެރިޔާ އަކީ ޖަޕަނީސް ލީގުގައި މިހާތަނަށް ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އެވެ. އަދި އޭނާ ވަނީ ޔޮކޮހޯމާއަށް ހުއްޓުމެއް ނެތި މިހާތަނަށް 17 ސީޒަން ކުޅެދީފަ އެވެ. މިއީ އަދި އޭނާގެ ފުޓުބޯޅަ ހަޔާތުގެ އެއްބައެވެ. އޭނާ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިން ކުޅެފައިވާ އިރު، ކުރިއަށް އޮތް ސީޒަނަކީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅޭނެ 36 ވަނަ ސީޒަނެވެ.

ޖަޕަނީސް ލީގުގެ ކުޅުން އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ އިރު، ލީގު ފެށުމުގެ ކުރިން މިއުރާ އޭނާގެ 54 ވަނަ އުފަންދުވަސް ފާހަގަ ކުރާނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުޓުބޯޅައިގެ މަތީ ޑިވިޝަނެއްގައި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް މިއުރާ ހެދި އިރު އޭނާގެ އުމުރަކީ 53 އަހަރާއި 210 ދުވަހެވެ. އެ ރެކޯޑަށް ފަހު ވެސް މިއުރާ ވަނީ އިތުރު ތިން މެޗު މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅެދީފަ އެވެ.

ބްރެޒިލްގެ ސައޯ ޕޯލޯގެ ޓީމެއް ކަމަށްވާ ޔުވެންޓަސްއިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ފުޓުބޯޅައިގެ ކެރިއަރެއް ޒުވާން އުމުރުގައި ފެށި މިއުރާގެ އުންމީދުތަކުގައި ކުލަޖެހިގެން ދިޔައީ އޭނަގެ "ސުޕަ ހީރޯ" ޕެލޭ ކުޅުނު ސަންޓޯސްއިން ފުރުސަތު ލިބުމުންނެވެ. މިވަގުތު ދުނިޔޭގެ ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އުފަންވެސް ނުވާ އިރު ފުޓުބޯޅައިގެ ހަޔާތް މިއުރާ އޭރު ފަށައިފި އެވެ.

ހަތަރު އަހަރު ވަންދެން ބްރެޒިލްގެ އެކި ކުލަބުތަކުގައި ކުޅުމަށް ފަހު 1990 ވަނަ އަހަރު އެނބުރި ޖަޕާނަށް މިއުރާ ދިޔައީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އޭރު ކުރަމުން އައި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ، އަދި އެ މަސައްކަތުގެ ތެރެއިން 1993 ވަނަ އަހަރު ޖަޕަނީސް ޖޭ ލީގު ތައާރަފުކޮށް ޖަޕާނުގެ ފުޓުބޯޅަ މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ އިރު، މުޅި ލީގުގައި ވެސް ކުޅޭ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް މިއުރާ ވަނީ ވެފަ އެވެ.

އޭގެ އަހަރެއް ފަހުން މިއުރާ ވަނީ އިޓަލީގެ ގެނޯއާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެފަ އެވެ. އެހެން ނަމަވެސް ހީކުރި ގޮތާ ޙިލާފަށް ކަންތައްވީ މުޅިން ގޯހަށެވެ. ފުރަތަމަ މެޗަށް ފަހު އަނިޔާވެގެން ސާޖަރީއަކަށް ދާން ޖެހުނީ އެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު މިއުރާ އަލުން އަނބުރާ ޖަޕަނީސް ލީގަށް ޖެހިގެން އައި އަހަރު އަލުން ބަދަލުވެ އަނެއްކާ ވެސް ތަފާތު މޮޅު ކުޅުމެއް ވަނީ ދައްކާފަ އެވެ.

ޖަޕާނުގެ ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކަށް ކުޅެ ކާމިޔާބީތައް ހޯދަމުން ގޮސް 2005 ވަނަ އަހަރު މިއުރާ އޭނާ މިހާރު ކުޅެމުން އަންނަ ޔޮކޮހޯމާއަށް ބަދަލުވި އިރު، އެންމެން ވެސް ހީކޮށްގެން ތިބީ މިއުރާގެ ފުޓުބޯޅަ ހަޔާތް ނިމުމަކަށް އައީ ކަމަށެވެ. އެކަމަކު ދެވަނަ ޑިވިޝަނުގައި އޮތް ޔޮކޮހޯމާއަށް ކުޅެން ފަށައި، އެކުލަބު ފުރަތަމަ ޑިވޝަނަށް ވެސް ގެންގޮސްދިނެވެ. އެއަށް ފަހު އަލުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ނަމަވެސް 40 ގެ އަހަރުތަކުގައި ވެސް ޒުވާން ކުޅުންތެރިންނަށް ދޫނުކޮށް މިއުރާ ވަނީ ކުޅެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގައި އުމުރުން 49 އަހަރުގައި ވެސް 20 މެޗު ކުޅެ ދެ ގޯލު ކާމިޔާބު ކުރި ޙަބަރާ އެކު މުޅި ދުނިޔޭގެ ސަމާލުކަން މިއުރާއަށް ވަނީ ލިބިފަ އެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ ދުވަސްވީ ގޯލް ސްކޯރާގެ ވާހަކަތައް ނޫސްތަކުގެ ބޮޑު ސުރުހީތަކަށް އެ ހިސާބުން އަރައިގެން ދިޔަ އިރު، މިއުރާ ހުރީ އަދިވެސް ކުޅުން ހުއްޓާކަށް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން މިހާރުވެސް ކޮންމެ ދުވަހަކު ޕްރެކްޓިސްތަކުގައި ބައިވެރިވަން. އަހަރެން އެންމެ ލޯބިވާ ކުޅިވަރާ ދުރަށް ދެވޭކަށް ނެތް." މިއުރާ ބުންޏެވެ.

comment ކޮމެންޓް