ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ހުޅުމާލޭގައި ފުރުސަތު

ހުޅުމާލެ --- ފޮޓޯ :އެޗްޑީސީ

ހުޅުމާލެއިން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށްވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވިޔަފާރި ކުރުމަށް ކޮމާޝަލް ސްޕޭސް ކަނޑައެޅުމުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާނެ ހިދުމަތްތަށް ފޯރުކޮށްދޭނެ ނިޒާމެއް ކަނޑައަޅާ، ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތަކެއް ކަނޑައެޅުމަކީ އެ ކޯޕަރޭޝަނުން އިސްކަންދޭ ކަމެއް ކަމަށެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭން އެކުލަވާލާ، ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހުޅުމާލޭގައި ހުރިހާ ދާއިރާއަކުން ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް އަދި ކުންފުނިތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުމާލެއިން އޮންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެއިން ވިޔަފާރިތަކަށް ކޮމާޝަލް ޖާގަ ދޫކުރުމަކީ އެ ކުންފުނީގެ ޒިންމާއަކަށް ވާއިރު، އެފަދަ ޖާގަތައް ދޫކުރަނީ ދެ ގޮތަކަށް ކަމަށެވެ.

އެގޮތުން ރިކުުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) މެދުވެރިކޮށް އަދި ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް ކޮމާޝަލް ސްޕޭސް ދޫކުރަން ނިންމައި، އެކަމާ ގުޅޭ ގަވައިދު އެ ކުންފުނިން ވަނީ އާންމު ކޮށްފައެވެ.

އެޗްޑީސީ އިން ބުނީ އާރްއެފްޕީ އަށް ހުޅުވާލާނީ، އާއްމުކޮށް ލިބެން ހުންނަ ހިދުމަތްތަކާއި ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ގްރޯސަރީ ސްޓޯ އަދި ސެލޫން ފަދަ ތަންތަނަށް މިގޮތަށް ފުރުސަތު ދޭނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ ފުރުސަތުގައި އިވެލުއޭޓް ކުރުމަށް ފަހު، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އެ ކޯޕަރޭޝަނުން އަމަލު ކުރާ ދެވަނަ ގޮތަކީ ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް އެންކާ ޓެނަންޓް، ފްރެންޗައިސް އަދި އާއްމުންގެ މެދުގައި މަޤުބޫލު ބްރޭންޑްތަކަށް ފުރުސަތުދިނުން ކަމަށާއި ޑައިރެކްޓް އެލޮކޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރަމުންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން އެ ހިސާބުތަކުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ހުޅުމާލެއިން އާއްމުކޮށް ނުލިބޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މިހާރުވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ގެދޮރުވެރިކަމުގެ ގިނަ ޕްރޮޖެކްޓްތަކާއި، ހުޅުމާލެ ސެންޓްރޯ މޯލް އިން ވިޔަފާރީ އުސޫލުން ކުއްޔަށް ދިނުމަށް ކޮމާޝަލް ސްޕޭސް ކަނޑައަޅައި އިއުލާނު ކޮށްފައިވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. ދެވަނަ ފިޔަވަހިގައި އިމާރާތް ކުކޮށްފައިވާ ހިޔާ ފްލެޓުގެ ބައެއް ޔުނިޓްތަށް ކޮމާޝަލް ސްޕޭސް ގޮތުގައި ކަނޑައެޅި އިއުލާނުކޮށްފައިވާނެ ކަމަށާއި ހުޅުމާލޭގައި އެކި ގޮތްގޮތުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީއޯއައި) ފޯމު ހުށަހަޅުމުގެ ފުުރުސަތު ވެސް އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އީއޯއައި ފޯމު ހުށަހެޅުމުން އެފަރާތަކާއި ގުޅުން ހުރި އާރްއެފްޕީ އެއް އިއުލާން ކުރާއިރު އެކަން އަންގާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް