ޑަބްލިޔުއެޗްއޯގެ ތަހުގީގީ ޓީމު ބުރާސްފަތި ދުވަހު ޗައިނާއަށް ދަނީ

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމުން ބުރާސްފަތި ދުވަހު ޗައިނާއަށް ދާނެ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (ޖެނުއަރީ 12): ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި ގޮތް ތަހުގީގު ކުރާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޓީމު އަންނަ ބުރާސްފަތި ދުވަހު އެގައުމަށް ދާނެ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ 10 މާހިރުން ހިމެނޭ ޓީމު އެންމެ ފުރަތަމަ ޗައިނާއަށް ދާން ހަމަޖެހިފައި އޮތީ މި މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އެމީހުންނަށް ވިސާ ނުލިބުމުގެ ސަބަބުން ދަތުރު ލަސްވީ އެވެ.

އޭގެ ފަހުން، އަންނަ ބުރާސްފަތި ދުވަހު ޑަބްލިޔުއެޗްއޯގެ ޓީމަށް ޗައިނާއަށް ދެވޭނެ ކަމަށް އެގައުމުގެ ހެލްތު ކޮމިޝަނުން އިއްޔެ ބުނި ނަމަވެސް، އެ ޓީމުން މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވަނީ ޗައިނާއިން އެޖަމްއިއްޔާގެ ތަހުގީގަށް ހުއްދަ ދިނުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި "ވައިރަހުގެ އަސްލާއި އެ ވައިރަސް އިންސާނުންނަށް ފެތުރުނު ގޮތް ހޯދުމަށްޓަކައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރާނެ" ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ޗައިނާގައި އާ ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެގައުމުން އެކަން ފޮރުވަން މަސައްކަތް ކުރި ކަމަށާއި އޭގެ ސަބަބުން ބަލި ކޮންޓްރޯލު ނުވެ، އިތުރަށް ފެތުރުމަށް މަގުފަހިވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ ޑަބްލިޔުއެޗްއޯގެ ތަހުގީގު "ދެފުށްފެންނަ" ގޮތަކަށް ކުރިއަށް ގެންދިޔުމަށް ގޮވާލާ، އެ ތަހުގީގުގެ ފުރަތަމަ ދިރާސާތައް ހެދުމުގެ ފުރުސަތު ޗައިނާގެ ސައިންސުވެރިންނަށް ދޭތީ ފާޑު ކިޔާފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާންއިން 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި ބަލީގެ ފުރަތަމަ ކޭސްތައް ގުޅިފައި ވަނީ ޖަނަވާރާއި ކަނޑުމަސް ވިއްކާ ހުއާނަން ސީފުޑް މާކެޓާ އެވެ.

ޗައިނާއިން މިހާތަނަށް ކޮވިޑުގެ 87،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ އިރު މުޅި ދުނިޔެއިން ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 90 މިލިއަން ހުރަސްކޮށްފަ އެވެ. އަދި ދުނިޔެއިން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1.9 މިލިއަނަށް އަރާފަ އެވެ.

comment ކޮމެންޓް