މިހާރު ފުދިއްޖެ، ބާރުތައް މުށުން ދޫކޮށްލަން ވެއްޖެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރަށު ކައުންސިލަށް ބޭނުންވާ ނަރުޖަހާ ދައްޗެއް، ގަލަމެއް ނުވަތަ ފަންސުރެއް ބޭނުންވިޔަސް "މާލޭ ސަރުކާރު"ގެ ހުއްދަ ހޯދަން ޖެހުމަކީ ބޮޑު ޝަކުވާ އެކެވެ. އެކަމަށް އެންމެ ބޮޑަށް ފާޑުކީ އެއް ބަޔަކީ ވެސް އެމްޑީޕީ އެވެ. އެ ޕާޓީގެ ވައުދަކީ އެކަން ނިމުމަކަށް ގެނެސް މާލެއަށް މަރުކަޒީކޮށްފައިވާ ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލުމެވެ. އެ މަގުސަދުގައި ގާނޫނަށް ބަދަލުތަކެއްވެސް ގެނަ އެވެ. ނަމަވެސް ކޮވިޑާ އެކު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމުން ގެނައި ބަދަލުތަކާ އެކު ކުރިއަށް ދާ ކޮންމެ ދުވަހަކީ އެމްޑީޕީގެ ވިސްނުމާ ދެކޮޅު ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރޭގައި ބާއްވައިގެން ކުރިއަށްދާ ދުވަހެކެވެ. އެގޮތަށް ކުރިއަށްދާތާ މިހާރު ބަރާބަރު އަހަރަކާ ގާތްވަނީ އެވެ.

މިހާރުގެ ހާލަތު އޮތް ގޮތުން ނަމަ، ރަށްރަށުން ޖެހެނީ ކިތަންމެ ކުޑަ ހަރަދެއް ކުރަން ޖެހުނު ނަމަވެސް، ރައީސް އައްޔަންކޮށްފައިވާ ބޭފުޅުންކޮޅެއް ތިއްބަވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ދަންނަވައިގެން އެކަން ކުރާށެވެ.

ބާރުތައް މުށުތެރެއަށްލައި ހިފަހައްޓާފައި އޮތީ ކައުންސިލު އިންތިހާބު ބާއްވާ އާ ކައުންސިިލަރުން އިންތިހާބު ކުރަންދެނެވެ. އިންތިހާބު ނުބޭއްވި ދިގުލައިގެން މިދިޔަ އަހަރެއްހާ ދުވަސް ކައުންސިލްތަކަށް ވެފައި މި ވަނީ ވަރަށް ބޮޑު ދުއްތުރާލާ ވޭނަކަށެވެ. ރަށްރަށުގެ ތަރައްގީ އާއި ހިނގުން ހުއްޓި ހުރިހާ ކަމެއް ވަނީ މަޑުޖައްސާލައިގެން ތިބެން ޖެހިފަ އެވެ.

އެލްޖީއޭ މިހާރު ފެންނަނީ ހަގީގަތުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ އިދާރީ މަސައްކަތް ކުރާ ބޮޑީއެއް ގޮތަށެވެ. އެ އިދާރާއިން މިދިޔަ ހަފްތާ ނިންމި ނިންމުންތައް އާންމު ކޮށްފައިވާ އިރު އެންމެ ގިނައިން އެ އިދާރާއިން ނިންމީ ކައުންސިލުތަކަށް މުވައްޒަފުން ނެގުމާއި އެކި ކަންކަމަށް ރައްޔިތުންގެ ފައިސާ ހަރަދު ކުރުމާއި، ބިމާއި ދަނޑުބިން ދޫކުރުން އަދި އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ ކައުންސިލްތަކަށް ދޭށެވެ. އެގޮތުން އެއް ހަފްތާ ތެރޭ 18 ހުއްދައެއް ކައުންސިލްތަކަށް އެ އިދާރާއިން ދޭން ޖެހުނެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ބާރު އެރަށަށް ދިނުން ކަމަށް ބުނެފައި އެހާ ދިގު މުއްދަތަކަށް ބާރުތައް ހިފަހައްޓާފައި އޮތުމުން ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން އެބަ އޮތެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ހާލަތު ދިގުލައިގެން ދާތީ ކައުންސިލުތަކުން ތިބީ ނުރުހިފަ އެވެ. ސަބަބަކީ ހުރިހާ ކަމެއް ހުއްޓާލައިގެން އަތް އުރާލައިގެން ކައުންސިލްތަކުން ތިބެން ޖެހުމެވެ. ނަތީޖާއަކަށް ވަނީ ރައްޔިތުންގެ ނުރުހުން ކައުންސިލްތަކަށް ވަރަށް ބޮޑަށް އަމާޒުވުމެވެ.

ގއ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ ކޮންމެ ކަމަކަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހުމުން އެކަމާ ހުރެ ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ކިތަންމެ ކުޑަ ހަރަދެއް ކޮންމެ ހަރަދެއް ކުރަން ޖެހުނަސް ޖެހޭ ހުއްދަ ހޯދަން. އެއީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމެއް." ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން އެކަމުގެ އެންމެ ބޮޑު ތަކުލީފަކާއި ގެއްލުމެއް އުފުލަން ޖެހިފައި ވަނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށު ކައުންސިލުތަކެވެ.

ރަށެއްގައި އޮތް ބިމެއް ކުއްޔަށް ދޭން ޖެހުނަސް އެލްޖީއޭއަށް ލިޔެ، އެ އޮތޯރިޓީގެ ބޯޑު މީޓިންގް އެއް ބާވައި ހުއްދަ ދޭން ފާސްކޮށްގެން މެނުވީ އެއް އެ ބިމެއް ކުއްޔަކަށް ނުދެވޭނެ އެވެ. ބައެއް ރަށްރަށުގައި ބިން ދޭން ހުއްދައަށް އެދުމުން ކުއްޔަށް ދެވޭނީ ހަމަސް ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ކަމަށް އެލްޖީއޭއިން އަންގާފައި ހުރިކަން ފުއާދު ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ވިޔަފާރި އާއި ތަރައްގީއަށް ހުރަސް އެޅެ އެވެ.

"އެހާ ކުރުމުއްދަތަކަށް ކުއްޔަށް ދޫކުރާ ތަނެއް ނަގާނެ މީހަކު ނުވެ. ކައުންސިލުތަކަށް ލިބެން ޖެހޭ އާމްދަނީ ނުލިބި މިދަނީ. އަޅުގަނޑު ގަބޫލުކުރަނީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް. ބާރުތައް އެބަޖެހޭ ކައުންސިލުތަކަށް ދޫކޮށްލަން." ފުއާދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލު އިންތިހާބަކީ 2020 ވަނަ އަހަރު އެޕްރީލް މަހު ބާއްވަން އުޅުނު އިންތިހާބެއް ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އިންތިހާބު ނުބޭއްވިގެން ކައުންސިލުތަކުގެ ދައުރު ދައްމާލީ އެވެ. އަދި އެއް އަހަރުގެ މުއްދަތެއް ތެރޭގައި އިންތިހާބު ބާއްވަން ގާނޫނު ފާސްކުރި އެވެ. އެމުއްދަތު މިހާރު ހަމަވުމާއި ކައިރިވެފައިވާއިރު އަދިވެސް އިންތިހާބު ބޭއްވޭނެ ކަމުގެ ފެހި ސިގުނަލެއް ނުފެނުމަކީ ކައުންސިލުތަކުގެ ކަންބޮޑުވުމެކެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނު 2020 ގައި ވާގޮތުން އެލްޖީއޭގެ ހުއްދަނެތި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން އެއްވެސް ގޮތަކަށް ހަރަދެއް ނުކުރެވޭނެ އެވެ. އަދި ކައުންސިލަށް މުވައްޒަފެއް ލެވޭނީވެސް އަދި ވަކިކުރެވޭނީވެސް ހަމަ އެ އޮތޯރިޓީގެ ހުއްދަލިބިގެންނެވެ.

އުތުރު ރަށެއްގެ ކައުންސިލު ރައީސަކު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނުގެ ސަބަބުން ކައުންސިލު ހިންގުމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ކަމަކަށް އެލްޖީއޭގެ ހުއްދައަށް އެދެން ޖެހުމަކީ ރައްޔިތުންނަށް ދޭން ހިދުމަތަށްވެސް ބުރޫއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަރަދު ކުރުމަށް ހުއްދައަށް ކޮންމެ ފަހަރަކު އެދެން ޖެހުމުގެ ބަދަލުގައި ހެދިދާނެ އޮޑިޓެއް ކުރާގޮތަށް. ބެލިދާނެ ބޭކާރު ހަރަދުކޮށްފައި އޮތްތޯ. ކޮންމެ ހިސާބެއް ވަކިން ބެލިދާނެ. އެކަމަކު މިހާރު މިއޮތީ ވަރަށް ތަކުލީފު ބޮޑު ގޮތަކަށް." ކައުންސިލެއްގެ ރައީސަކު ވިދާޅުވި އެވެ.

ހަރަދުތައް ކުރަން ނުވަތަ ކައުންސިލުން ނިންމަން ޖެހޭ ބޮޑު ކޮންމެ ކަމަކަށް ހުއްދަ ހޯދުމުގެ އިތުރުން ހިސާބު ހުށަހަޅަންވެސް އެ ގާނޫނު ލާޒިމް ކުރެ އެވެ. އެ ހިސާބު ހުށަހަޅަން ޖެހެނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށާއި އޮޑިޓަ ޖެނެރަލް އޮފީހަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ރައްޔިތުންނަށް ބާރުތައް ދިނުމަށް މި ސަރުކާރުން ބައެއް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލުތަކަށް ބޮޑު ބަޖެޓެއް ދޭން ނިންމި އެވެ. އަދި އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންބިމާއި ފަޅުރަށްރަށުން ލިބޭ މަންފާ އެ ކައުންސިލަކަށް ލިބެގޮތް ހެދި އެވެ. ނަމަވެސް ގާނޫނަށް ގެނައި އެ ބަބދަލުގެ ފޮނިމީރުކަން އަދި ރައްޔިތުންނަަކަށް ނުލިބެ އެވެ.

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ލާމަރުކަޒީ ބިލު ރައީސް ސޯލިހް ތަސްދީގު ކުރައްވަނީ ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ތަރައްގީ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ލާމަރުކަޒީ އުސޫލުން ބާރުތައް ދޫކޮށްލުމަށް ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަފުޅުގައި އަދި ހަގީގީ ކުލަޖެހިފައެއް ނުވެ އެވެ. މިހާރު ކައުންސިލުތަކުގެ ބާރު އޮތީ އެމަނިކުފާނުގެ މުށުތެރޭގަ އެވެ. އެލްޖީއޭގައި ތިއްބެވީ މުޅިންވެސް ރައީސް ސޯލިހު އައްޔަން ކުރެއްވި މެމްބަރުންނެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެ ތަރައްގީ ވެގެންދާނީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށަށް ބާރުތައް ދޫކޮށްލެވެންޖެހޭ. ވިޔަފާރީގެ މުއާމަލާތުތައް ހިންގުމުގެ ބާރުތައް ދޫކޮށްލެވެންޖެހޭ. އަދި ސިއްހީ، އަދި ތައުލީމީ ނިޒާމުވެސް ބައްޓަންކުރެވިގެންދާންޖެހޭނީ، ލާމަރުކަޒު ކުރެވިގެން ކަމަށްވަނީ. އޭރަށް އެބަދަލުތައް އަންނާނީ." މިއީ ރައީސް ސޯލިހު އެންމެ ފަހުން ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބެވެ.

ވާހަކައިން ހުރިހާ ކަމެއް ނުނިމޭނެ އެވެ. ރައްޔިތުންނަށް ވައުދެއް ވިއްޔާ އެ ވައުދު ފުއްދަން ޖެހެ އެވެ. ރައްޔިތުންނަށް ބާރުދޭ ވާހަކަ ތަކުރާރުކޮށް ދެއްކުމަކުން އެ ބާރު ރައްޔިތުންނަށް ދެވުނީ ކަމަކަށް ނުވާނެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރި ތިން ވަނަ އަހަރު މިހާރު ގުނަމުން ދަނީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލުމެވެ. ރަށްރަށުގެ ކައުންސިލުތަކަށް ބާރު ދިނުމެވެ. ހަގީގީ މާނާގައި ލާމަރުކަޒު ކުރުމެވެ.

އެހެންނަމަވެސް އެކަން ނުވެ ދިގުލައިގެން ދާ ކޮންމެ ދުވަހަކީ ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ. ރައްޔިތުންނަށް ބާރު ދޭން ޖެހެ އެވެ. ދީފައި އޮތް ބަޖެޓު މަތީ ސަރުކާރުގެ ހުއްދަ ނެތި ބޭނުން ކުރުމުގެ އިހުތިޔާރު ކައުންސިލުތަކަށް ދޭން ޖެހެ އެވެ. މާލޭ ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ޖެހުމަށް ނިމުމެއް ގެންނަން ޖެހެ އެވެ.

comment ކޮމެންޓް