އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ ވަނީ މަރުވެފައި

ދ. ކުޑަހުވަދޫ -- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު ރަހުމުކުޑަ ގޮތަކަށް މަރާލި އެރަށު ސަމަންދަރުގޭ، އަލީ ހަސަން، 76، (އައްޔުބެ)ގެ ވާރިސެއްގެ ގޮތުގައި ހުރި ކުޑަކުއްޖާ 2018 ވަނަ އަހަރު ގެނބިގެން މަރުވެފައިވާކަން އެނގިއްޖެ އެވެ.

އައްޔުބޭ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރެވެ. ކުޑަހުވަދޫ ދަނޑި މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް އޭނާއަށް ހަމަލާދިނުމަށް ފަހު، އެ މަގުގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްދައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެވެ.

އެ މައްސަލައިގައި ހަ މީހަކަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އޭރު ކުޑަކުދިން ކަމުން އެ މީހުންގެ މައްސަލަ ކުރިއަށްގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ވަނީ ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ކޯޓުން ހުކުމްކުރީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުުރުމުން އެ ކުއްޖާ ބާލިޣުވެ، ގިސާސް ހިފުމާ މެދު ގޮތެއް ނިންމަންދެން އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ.

ނަމަވެސް، "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ވަނީ މަރުވެފަ އެވެ. އަހުމަދު އަފްސަން ކިޔާ އެ ކުއްޖާ މަރުވީ، މާޗް 29، 2018 ވަނަ ދުވަހު މޫދަށް އުޅެނިކޮށް ގެނބިގެންނެވެ. އެ ކުއްޖާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

ކުޑަހުވަދޫގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބިގެން މަރުވެއްޖެ

އެ ކުއްޖާ މަރުވެފައިވާއިރު، އޭނާ ފިޔަވައި ދެން ތިބި އައްޔުބޭގެ ހުރިހާ ވާރިސުންވެސް އެދިފައި ވަނީ މަރަށް މަރު ހިފުމަށެވެ.

އައްޔުބޭގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން 2017 ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އޭރު ދެވަނަ މީހާ އިސްތިއުނާފެއް ނުކުރެ އެވެ. މިހާރު ދެވަނަ މީހާވެސް ވަނީ އޭނާގެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ދެވަނަ މީހާގެ މައްސަލައިގައި އިސްތިއުނާފު އަޑުއެހުންތައް ފެށީ މި އަހަރުގެ ޖެނުއަރީ 4ގަ އެވެ. އަދި މިއަދު ކޯޓުގައި ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ. ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

އުމުރުން 18 އަހަރު ނުވަނީސް ކުރާ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންގެ މައުލޫމާތު ހާމަ ކުރަން ހުއްދަނުވުމުން ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ވަނީ ސިއްރު ކުރެވިފަ އެވެ. ހައިކޯޓުގައިވެސް އެ މައްސަލަ ކުރިއަށްގެންދަނީ ސިއްރު މައްސަލައެއްގެ ގޮތުގަ އެވެ.

އައްޔުބެގެ އާއިލާއަކީ ދ. ގެމެންދޫއިން ކުޑަކުޑަހުވަދޫއަށް ހިޖުރަ ކުރި އާއިލާއެކެވެ. އޭނާ މަރާލީ އޭނާ ސިހުރުހާހޫރު ހަދި ކަމަށް ބުނާ މައްސަލައަކާ ހެދި އެވެ.

އައްޔުބޭގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައިވެސް ތިން މީހަކަށް ދައުވާ ކުރި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް