މިދިޔަ 2020 ވަނަ އަހަރު މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ހިންގުމުގެ ހަރަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 14 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ހުސްވި 2020 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު 297،9 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު އެކުންފުނީގެ ބަޖެޓުގައި އިދާރީ އަދި ހިންގުުމުގެ ހަރަދަށް 838.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ ކަމަށް ހަރަދު ކުރީ 541 މިލިއަން ރުފިޔާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
މިއީ އޭގެ ކުރީ، 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ހަރަދާއި އަޅާބަލާއިރު 14 ޕަސެންޓު ކުޑަ އަދަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ކުންފުނީގެ ހިންގުމުގެ ހަރަދުތައްކުޑަކުރެވިފައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރު އެ ކުންފުނިން ކޮށްފައިވާ ހަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިން، މެނުފެކްޗަރިން، ފެނާއި ނަރުދަމާގެ ހިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރު ގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރު ގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރު ގައި 94.8 މިލިއަން ރުފިޔާހަރަދު ކޮށްފައި ވެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ކުންފުނީގެ ހަރަދުތަކާއި އަޅާބަލާއިރު، 2020 ވަނަ އަހަރު އިންޖިނިއަރިން ދާއިރާއިން ކުރި ހަރަދުތައް ހަ ޕަސެންޓުު ކުޑަކުރެވިފައިވާ ކަމަށާއި، މެނުފެކްޗަރިން ގެ ހަޚަރަދުތައް 14 ޕަސެންޓު ކުޑަކުރެވިފައިވާ ކަމަށާއި، ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓު ފެނާ ނަރުދަމާގެ ހިދުމަތައް ކޮށްފައިވާ ހަރަދުތައް 15 ޕަސެންތު ކުޑަ ކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންނެވެ.
އެ ކުންފުނިން ބުނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކަށް އެއްބާރުލުންދިނުމަށް އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައިދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.
ކުންފުނީގެ އިޖްތިމާއީ ޒިންމާގެދަށުން އެފަދަ ކަންކަމަށް މިދިޔަ އަހަރު ޖުމްލަ 4.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
މިދިޔަ އަހަރުވެސް އެމްޑަބްލިއުއެސްސީ އިން މަސައްކަތް ކުރީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުމަށް ކަމަށާއި އެގޮތުން މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައިވާނެ ކަމަށާއި ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއު ތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމައި، ފަސް ރަށެއްގެ އަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.