ޑީޕީއެލް: މާޒިޔާ އަލުން އެއްވަނައަށް އެރި އިރު، ގްރީނަށް ފުރަތަމަ މޮޅު

މާޒިޔާއާއި ސަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ ކުރި ހޯދީ 0-3 އިން --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗު ވީކް ފަހެއްގެ މެޗުތަކުގައި ސުޕަ ޔުނައިޓެޑްގެ ބަލިނުވެ އައުމުގެ ރެކޯޑަށް ނިމުން ގެނެސް މާޒިޔާ ތާވަލުގެ އެއްވަނައަށް ޖެހިލި އިރު، ދަ ގްރާންޑޭ ބަލިކޮށް ގްރީންސްޓްރީޓުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގެ ފުުރަތަމަ ތިން ހަފުތާ އެއްވަނައިގައި އޮތް މާޒިޔާއަށް މަގާމު ގެއްލުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުވުމުންނެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުވެފައި އޮތުމުން ރޭގެ މެޗުން މޮޅުވެގެން މާޒިޔާ އަށް އޮތީ އަނބުރާ އެއްވަނައަށް އެރުމުގެ ފުރުސަތު ފަހި ވެފަ އެވެ.

އެއާ އެކު މާޒިޔާއިން ރޭ ސަސް ބަލިކޮށް އެއްވަނައަށް އެރީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވެލެންސިއާއަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައި އޮތް އިރު، މާޒިޔާ މަގާމުގެ ގޮތުން ކުރި ހޯދަނީ ފައިދާ ހަ ގޯލުގެ ތަފާތަކުންނެވެ.

އިއްޔެ ކުޅުނު މެޗުގައި ސަސް އިން މުޅި މެޗު ކަހަލަ ގޮތަކަށް ފަހަތުގައި ޑިފެންސް ކޮށްގެން ކުޅުނު އިރު، އާ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ އެ މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ. ސަސް ކޮޅަށް މާޒިޔާގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ މާޒިޔާ އިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު އޭރިޔާ ބޭރުން ވައްދާލީ ހިލޭ ޖެހުމަކުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ލިބުނު މި ހިލޭ ޖެހުން އުމޭރު ގޯލުގެ ކަނަށް އަމާޒު ކޮށްލި އިރު ކީޕަރު ހުރީ ގުޑިލަން ވެސް ނޭންގިފަ އެވެ. އެގޯލަށް ފަހު މާޒިޔާ އިން ވަނީ އިތުބާރާ އެކު ކުޅެ މިހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ.

އެގޮތުން 31 ވަނަ މިނެޓާއި 41 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ކޮނޭލިއަސް އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ކޮނޭލިއަސް ޖެހީ އުމެއިރު ދިން ބޯޅަ ހޯދުމަށް ފަހު އޭރިޔާ ބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެފަހުން މެޗުގެ ތިން ވަނަ ލަނޑު އޭނާ ޖެހީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެހީތެރިކަމާ އެކު ކީޕަރު ކައިރިން ކަޓުވާލުމަށް ފަހު އެވެ.

މިފަހަރުގެ ލީގުގައި އަންބީޓެން ޓީމެއްގެ ގޮތުގައި އޮތް ދަ ގްރާންޑޭއިން ރޭ ގްރީންސްޓްރީޓްސް އަތުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. ގްރީނުން ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު ވަނީ ފަސް ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަވަނައަށް އަރައިފަ އެވެ. ރޭގެ މެޗުން ބަލިވި ދަ ގްރާންޑޭ ތާވަލުގެ ތިންވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ހަ ޕޮއިންޓާ އެކު ހަތަރުވަނައިގައި ޓީސީ އޮތީ ދަ ގްރާންޑޭއަށް ވުރެން ފައިދާ ގޯލު މަދުވީމަ އެވެ. އަދި އިއްޔެގެ މެޗުން ބަލިވި ސަސް ވެސް ފަސްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ.

މިރޭގެ މެޗުގައި ގްރީންގެ ހަމައެކަނި ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒެވެ. މިއީ ހަލީލް ގަމަލް ދިން ބޯޅަ އަކަށް އަރައި އޭރިއާ ތެރެއިން ގޯލްކީޕަރު ކައިރިން ނައްޓާލާފައި އޭނާ ޖެހި ގޯލެކެވެ.

comment ކޮމެންޓް