17،000 މީހަކަށް އިންކަމް ސަޕޯޓަށް 221 މިލިއަން

މާލޭ ބޭރުމަގުގައި މީހަކު އިށީންދެލައިގެން. ކޮވިޑުގެ ސަބަބުން ގިނަ ބަޔެއްގެ އާމްދަނީ އަށާއި ވަޒީފާ އަށް ވަނީ އަސަރު ކޮށްފައި --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 17،147 މީހަކަށް 221.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިއީ މިދިޔަ މަހުގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރި އަދަދެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

މިހާރު މި އެލަވެންސްގެ ތިންވަނަ ބުރެއް ވަނީ ތައާރަފު ކޮށްފައެވެ. އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ހަމަވެފައިވައިރު ޑިސެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މި ޖެނުއަރީ މަހުގެ ނިޔަލަށް އޮންނާނެއެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބްސެންޓަރުގެ ވެބްސައިޓުން ބަލާލެވޭނެ އެވެ.

comment ކޮމެންޓް