މިދިޔަ އަހަރު 13،662 މީހުން ޕާސްޕޯޓު ހެއްދި

ބަޔޯމެޓްރިކް ދިވެހި ޕާސްޕޯޓުގެ ސާންޕަލެއް ދައްކާލަނީ--

މި ހުސްވި 2020 ވަނަ އަހަރު އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ހޯދީ 13،662 މީހުން ކަމަށް ބުނެފިއެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރު 39 މީހަކު ޕާސްޕޯޓު ކާޑު ހައްދާފައިވެއެވެ.

ތާޑް ޕާޓީ މެދުވެރިކޮށް 2،932 މީހަކު މިދިޔަ އަހަރު ޕާސްޕޯޓު ހެއްދި އިރު އެމަޖެންސީ އެޕްލިކޭޝަންގެ ގޮތުގައި 94 މީހަކަށް އެމަޖެންސީގައި ޕާސްޕޯޓު ހައްދާދީފައިވެއެވެ.

އެކި ސަރަހައްދުތަކުން ޕާސްޕޯޓު ހައްދައިދިން އަދަދަށް ބަލާއިރު، މާލެ އިން 9،836 މީހަކު މިދިޔަ އަހަރު ޕާސްޕޯޓު ހަދާފައިވެއެވެ. އައްޑޫ ސިޓީ ހިތަދޫ އިން 339 މީހަކަށް ޕާސްޕޯޓު ހަދައިދީފައިވާއިރު ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ޕާސްޕޯޓު އޮފީހުން 127 މީހަކަށް ޕާސްޕޯޓު ހަދާދީފައިވެއެވެ. އަދި ކުޅުދުއްފުށިން 218 މީހަކަށް އަދި ދިއްދޫ އިން 116 މީހަކަށް ޕާސްޕޯޓު ހަދާދީފައި ވެއެވެ.

އެންމެ ގިނަ ބަޔަކު މިދިޔަ އަހަރު ޕާސްޕޯޓުގެ ހިދުމަތަށް އެދިފައިވަނީ ޖެނުއަރީ މަހުއެވެ. އެއީ ގާތްގަނޑަކަށް 5،000 އެއްހައި މީހުންނެވެ.

ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ބޮޑު ބަޔެއް ލޮކްޑައުންގައި ހޭދަކުރަން ޖެހުނުއިރު އޭޕްރީލް އަދި މެއި މަހު އެއްވެސް ފަރާތަކުން ޕާސްޕޯޓުގެ ހިދުމަތަށް އެދިފައެއް ނުވެއެވެ. ޖުލައި މަހު ބޯޑަރު ހުޅުވާލާ ދަތުރުފަތުރު ކޮންމެވެސް ވަރަކަށް ފެށުނުފަހުން ޕާސްޕޯޓަށް އެދުނު މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ނޮވެމްބަރާއި ޑިސެމްބަރު މަހު އެވްރެޖުކޮށް 900 އެއްހައި މީހުން ޕާސްޕޯޓުގެ ހިދުމަތް ހޯދާފައިވެއެވެ.

comment ކޮމެންޓް