ސ. މަރަދޫފޭދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އިބްރާހިމް ނަފީސް ހުސެއިންއަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފި އެވެ.
މިއަދު ޖޭއެސްސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސ. މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓުގައި ކުރިއަށްދިޔަ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަށް ގާނޫނީ ވަކީލަކު ހަމަޖައްސަން އެ ކޯޓުގެ އިސްމެޖިސްޓްރޭޓު އިބްރާހިމް ނަފީސް ހުސެއިން ފުރުސަތު ނުދެއްވި ކަމަށް ބުނާ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ އެކު އޭނާގެ މައްސަލަ ބަލަން އިއްޔެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީއިން ބުންޏެވެ.
ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ހުރިހާ އެންމެނަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ގާނޫނުއަސާސީގެ 53 ވަނަ މާއްދާގައި އޮވެ އެވެ.
ގާނޫނީ ވަކީލަކު ހަމަޖައްސަން އެކަށީގެންވާ ފުރުސަތު ދީފައި ނުވާތީ މީގެ ކުރިން ދަށު ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓުތަކުން ބާތިލުވެސް ކޮށްފައި އެބަ ހުއްޓެވެ.