އިންޑިއާއިން ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ދޭން ފަށަނީ

އިންޑިއާއިން އަންނަ ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ދޭން ފަށާނެ -- ފޮޓޯ: ގެޓީ

ދިއްލީ (ޖެނުއަރީ 10): އިންޑިއާއިން އަންނަ ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ޖުލައި މަސް އަންނަންވާ އިރަށް އެގައުމުގެ 1.3 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. އެއަށް ފަހު 50 އަހަރުން މަތީގެ މީހުންނަށާއި ސީރިއަސް ސިއްހީ މައްސަލަތައް ހުންނަ 50 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭނެ އެވެ.

"ހޮނިހިރު ދުވަހު މުޅި އިންޑިއާގައި ވެކްސިން ދިނުން ފެށޭނެ. އެންމެ އިސްކަން ދޭނީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ޑޮކްޓަރުންނާއި ހެލްތުކެޔާ ވޯކަރުންނާއި ފްރޮންޓްލައިން ވޯކަރުންނަށް،" މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ހެލްތު އޮފިޝަލުން ވަނީ ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން ޑްރިލްއެއް ކުރިއަށްގެންގޮސްފަ އެވެ. އަދި އެގައުމުގެ 700އަށް ވުރެ ގިނަ ޑިސްޓުރިކްޓުގައި ގާތްގަނޑަކަށް 150،000 މުވައްޒަފުން ވަނީ ތަމްރީނުކޮށްފަ އެވެ.

މި މަހުގެ ތިނެއްގައި އިންޑިއާއިން ވަނީ އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިނާއި އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އެ ދެ ވެކްސިންގެ ޑޯޒްތައްވެސް އިންޑިއާގައި އުފައްދަ އެވެ.

އިންޑިއާގައި މިހާތަނަށް 10.5 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 151،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް