ދިރިއުޅެން ޖެހިފައި ވަނީ އެހެން މީހެއްގެ މޫނަކާ އެކު

ރޮބާޓް ޗެލްސީ، އެކްސިޑެންޓަށް ފަހު (ވ) އަދި ފޭސް ޓްރާންސްޕްލާންޓަށް ފަހު (ކ) -- ފޮޓޯ:ޓައިމް މެގަޒިން

އުމުރުން 68 އަހަރުގެ ރޮބާޓް ޗެލްސީއަކީ އޮގަސްޓް 2013 އާއި ހަމައަށް ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އެހެން ނަމަވެސް މީހަކު މަސްތުގެ ހާލަތުގައި އިދެ ދުއްވަމުން އައި ކާރެއްގައި ޖެހި އެކްސިޑެންޓްވެ އޭނާގެ ކަރު އޯވާ ހީޓްވެ މުޅި ހަށިގަނޑުގެ 75 ޕަސެންޓް އެއްކޮށް އެދުމާއި އެކު މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. މިހާރު އޭނާއަކީ ފުލް ފޭސް ޓްރާންސްޕްލާންޓެއް ހެދި ދުނިޔޭގެ ފުރަތަމަ ކަޅުނަސްލުގެ އެމެރިކާ މީހާ އެވެ. އަދި ފޭސް ޓްރާސްންޕްލާންޓެއް ހަދާފައިވާ އެންމެ އުމުރުން ދުވަސްވީ މީހާ އަކީވެސް މިހާރު އޭނާ އެވެ.

އެ އެކްސިޑެންޓަށްފަހު އޭނާގެ ލޯ ހުޅުވުނީ ހަމަސް ދުވަސް ފަހުންނެވެ. އިތުރު ނުވަ މަސްދުވަސް ހޮސްޕިޓަލްގައި ހޭދަކުރަންޖެހުނުއިރު ނޮވެމްބަރު 2014 އާއި ހަމައަށް އިތުރު 30 ސާޖަރީ އޭނާވަނީ ހަދާފަ އެވެ.

އެވަރުންވެސް އޭނާގެ ތުންފަތާއި، ނޭފަތް އަދި ވާތް ފަރާތުގެ ކަންފަތް އަސްލު ބައްޓަމަށް ގެނެވޭ ވަރެއް ނުވި އެވެ. އޭނާގެ އެ މޫނުވީ ހަޔާތުގެ ބަދު ނަސީބަކަށެވެ. މުޅި ވިޔަފާރި އާއި ގާތް ރަހުމަތްތެރިންވެސް ގެއްލުނުއިރު، ކެއުމާއި ބުއިންވެސް ވީ އުނދަގޫކަމަކަށެވެ. މަގުމަތިން ފެންނަ މީހުންވެސް އޭނާ ފެނި ބިރުން ސިހެ އެވެ. އެގޮތުގައި ހަ އަހަރު އޭނާ ވޭތުކުރަން ޖެހުނެވެ.

ކުރީގެ ފޭސް ޓްރާންސްޕްލާންޓްތަކާއި ހިލާފަށް މުޅި މޫނު ބަދަލުކުރަން މިފަހަރު އޭނާ ތައްޔާރުވިއިރު ޑޯނާއެއް ލިބި ހޮސްޕިޓަލުން ގުޅާފައިވަނީ ޖުލައި 2019ގަ އެވެ. އެހާ ގިނަ މުއްދަތެއް މިކަމަށް ހޭދަވީ ޗެލްސީގެ ހަމުގެ ކުލައާ ވައްތަރު ހުރިހާގޮތަކުން ގުޅޭ ޑޯނާއެއް ހޯދަން މަޑުކުރަންޖެހުމުންނެވެ.

މުޅި ސާޖަރީ އަށް 16 ގަޑިއިރާއި 45 ފިޒިޝަނުންނާއި، ނަރުހުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި، ދިރާސާވެރިން ވެސް ބައިވެރިވި އެވެ. އޭނާގެ މުޅި މޫނުގެ ހަންތައް ނަގާ ހަމުގެ ކޮންމެ ފަށަލައެއް ވަކިކޮށް ޑޯނާގެ މޫނުގެ ކޮންމެ ފަށަލައެއް ދިޔައީ ލައްވަމުންނެވެ.

މި މުޅި ސާޖަރީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ސިފަކުރީ "މާސްކް މޫވީ" އެއް ފަދައިންނެވެ. މި މުޅި ޕްރޮސެސް ކައިރިން ފެނުނު ނަމަވެސް ސާޖަރީއަށް ފަހު އެއީ ބައްޕަކަން ގަބޫލު ކުރަން އޭނާއަށް އުނދަގޫވި ކަމަށް 31 އަހަރުގެ އަންހެން ދަރިފުޅު ބުނެފައިވެ އެވެ.

ހުދު ޗެލްސީވެސް ބުނާގޮތުގައި ލޯގަނޑަށް ބަލާލުމުން ފެންނަން އެހެރީ ހުދު އޭނާކަމަށް ގަބޫލުކުރަން އުނދަގޫވި ދުވަސްތައް ދިޔަ އެވެ.

މިފަހުން އޭނާއަށް ދިމާވަމުން އަންނަ އެންމެ ބޮޑު އުނދަގުލަކީ ލޯ ރަނގަޅަށް ނުހުޅުވުމެވެ. މިއީ އާ މޫނުގެ މަސްތައް އެންމެ ރަނގަޅާށް ކަށިތަކުގައި ހަރުނުލާ ހުރުމުން ދިމާވާ މައްސަލައެއްކަމަށް ފާހަގަކޮށް މިކަން ހައްލުކުރުމަށް އަނެއްކާވެސް ސާޖަރީއެއް ހެދޭނެކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް