ސްކޫލުތަކުގެ ދޮރު ހުޅުވުން، ދަރިވަރުންނަށް ހިނިތުންވުން!

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން ރާއްޖޭގެ ސްކޫލްތައް ހުރީ މުޅިންހެން ބަންދުކޮށްފަ އެވެ. އެއާއެކު ކިޔަވައިދިނުން ބަދަލުވީ އޮންލައިން ކިލާސްތަކާއި ޓެލެކިލާސްތަކަށެވެ.

މިކަންކަންވީ ރާއްޖޭގެ ތައުލީމީ ދާއިރާ ވެސް އަދި މައިބަފައިންނާއި ދަރިވަރުން ވެސް އެއްވެސް ވަރަކަށް ތައްޔާރުވެފައި އޮތް ކަމަކަށް ނޫނެެވެ. ނަމަވެސް އެހެން ގޮތެއް ނެތުމުން އިހުތިޔާރުކުރަން ޖެހުނީ އެ ގޮތެވެ.

އާ އަހަރާއެކު އިއްޔެ މި ވަނީ ސްކޫލްތަކަށް ދަރިވަރުން ގޮސް އާ ޓާމްގެ ކިޔެވުން މުޅި ރާއްޖޭގައި ފަށައިފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމާއި ގައިދުރުވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތީ އަޅައިފަ އެވެ.

"ވަރަށް އުފާވެއްޖެ. މިއީ މިިދޔަ އަހަރު ސްކޫލް ބަންދުކުރި ފަހުން އަލުން ސްކޫލަށް އައި ފުރަތަމަ ފަހަރު. ވަރަށް ގިނަ ދުވަސްވެއްޖެ ރައްޓެހިންނާ ބައްދަލުނުވެ." ކަލާފާނު ސްކޫލްގެ ދަރިވަރެއް ކަމަށްވާ އަހުނަފް ބުންޏެވެ.

އަލުން ސްކޫލަށް ހާޒިރުވާން ފެށި ނަމަވެސް އަދިވެސް އަހުނަފް ކްލާހަށް އަންނަން ޖެހެނީ ހަފްތާއަކު ދެ ދުވަހު އެވެ. ބާކީ ދުވަސްތަކުގައި ކިޔަވަނީ އޮންލައިންކޮށެވެެ. ނަމަވެސް މިއަަހަރު ވެކްސިން ދޭން ފެށުމުން ކުރިއެކޭ އެއްގޮތަށް ކިޔެވުން ފެށޭނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތްކަމަށް އަހްނަފް ބުންޏެވެ.

އޮންލައިންކޮށް ކިޔަވަން ފެށުމުން ބައެއް ދަރިވަރުންނަށް އެކަން މާ ގާޔާވާކަމަކަށް ނުވި އެވެ.

ސީއެޗްއެސްސީގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ޝާހު "ސަން" އަށް ބުނީ މިިދޔަ އަހަރު ކިޔެވުމާގެން މާބޮޑަށް ނޫޅެވުނު ކަމަށެވެ. ސަބަބަކީ އޮންލައިން ކިލާސްތައް ނަގަން ފެށުމުން ކިޔެވުމަށް ސީރިއަސް ނުވެވެނީ އެވެ.

"ގިނައިން ހަމަ ކްލާހަށް ސައިން އިން ވެލާފައި ނިދާ ދުވަސްވެސް ދާނެ. އަޅުގަނޑު ފަހުން ކިޔެވީ ރަށަށް ގޮސް. އަޅުގަނޑެކޭ އެއްގޮތަށް އެހެން ކިޔެވި ބައިވެރި ދަރިވަރުން އުޅޭނެ. ހަމަ ނަމަކަށް މިދިޔަ އަަހަރު ކިޔެވީ. ކްލާހަށް ހާޒިރުވެގެން ކިޔެވުމާ އޮންލައިންކޮށް ކިޔެވުމާ ހާސްބައި ވަރަށް ބޮޑަށް ތަފާތު" ޝާހު ބުންޏެވެ.

އާ ޓާމްގެ ކިޔެވުން އަމީނިއްޔާގައި ފެށުން--

ނަމަވެސް އާ ޓާމްއާއެކު ކިޔެވުން ރަނގަޅުވާނެކަމަށް ޝާހުވެސް ދެކެ އެވެ. މިދިޔަ އަހަރު ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް މިއަހަރު ތަފާތު ދައްކައި ރަނގަޅު ނަތީޖާއަކާ ހިސާބަށް ދާން އޭނާ ހުރީ ކެތް މަދުވެފަ އެވެ.

މިދިޔަ އަަހަރު ކިޔެވުން ރަނގަޅަށް ކުރިއަށް ނުގެންދެވުނުއިރު އިތުރު ހަރަކާތްތައްވެސް ހަމަ އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ.

"މިދިޔަ އަހަރު ވީ ވަރަށް ވައި އަަހަރަކަށް. އަޅުގަނޑަކީ ބާސްކެޓާ އެހެނިހެން ކުޅިވަރު ކުޅޭ ކުއްޖެއް. ނަމަވެސް މިއަހަރު ވަރަށް ބޮޑަށް އުއްމީދު އެބައޮތް ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައްވެސް ކުރިއަށް ގެންދާނެކަމަށް،" އަހުމަދިއްޔާ ސްކޫލަށް ނިސްބަތްވާ ޝަޔާން ބުންޏެވެ.

ސްކޫލުތައް އަލުން ހުޅުވުން މިއީ ދަރިވަރުން އަދި ބެލެނިވެރިންނަށް އޮތް އުފަލެކެވެ. އާ އުންމީދުތަކާ އެކު ފެށޭ މިއީ އާ ފެށުމެކެވެ.

comment ކޮމެންޓް