މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި

ޑިސެމްބަރ 2، 2019: މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ހުޅުމާލެ އަދި ބްރިޖުމަތިން މުދާ އުފުލޭނެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލެ އާއި ހުޅުމާލޭގައި 350 ކިލޯ އިން ދަށުގެ ޕިކަޕުތަކުގައި ދުވަހުގެ ހުރިހާ ވަގުތެއްގައިވެސް މުދާ އުފުލާ، ޑެލިވަރީ ކުރެވޭނެ ކަމަށެވެ.

އަދި ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެ ކަމަށާއި ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލާ، ޑެލިވަރީ ކުރުން މަނާވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މީގެ އިތުރުން ފެނާއި ގޭސް އުފުލޭނީ ހަވީރު 06:00 އިން ހެނދުނު 06:00 އަށް ކަމަށާއި ހުރިހާ ގިންތިއެއްގެ އުޅަނދެއްގައިވެސް މި ވަގުތުގައި ފެނާއި ގޭސް އުފުލޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މީގެ އިތުރުން ހުޅުމާލެ އަށް މުދާ ގެންދިޔުމަށް ދެ ޓަނުން މަތީގެ އުޅަނދު ގައި ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އަދި ކޮންސްޓްރަކްޝަނަށް މުދާ، ބްރިޖު މަތިން މާލެ އަދި ހުޅުމާލެ އަށް އުފުލޭނީ ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ކަމަށާއި މިގޮތަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި ފަދަ މުދާ މި ވަގުތަކުގައި ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުންޏެވެ.

އެ އޮތޯރިޓީ އިން އިތުރަށް ބުނީ ސްކޫލު ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލުތައް ހިމެނޭ ސަރަހައްދުގައި އެއްވެސް މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށެވެ.

comment ކޮމެންޓް