މާލެ-އެއާޕޯޓު ބަސް ދަތުރު އަލުން ފަށައިފި

ކާނިވާ ސަރަހައްދުގައި ހުންނަ ބަސް ހުއްޓި -- ސަން ފޮޓޯ/ ސައީދު

މާލެ އާއި ހުޅުލެ އާއި ދެމުންދިޔަ ބަހުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން ބުނީ އެ ކުންފުނިން މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުންދިޔަ ބަހުގެ ހިދުމަތް ކޮވިޑް19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހުޅުލެ-މާލެ ބަސް ދަތުރު އޮންނާނީ ކާނިވަލް ބަސް ރޫޓުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކާނިވާ ބަސް ސްޓޮޕުން ބަސް ނައްޓާލާއިރު، އާޓިފިޝަލް ބީޗް ވޮލީ ކޯޓު ކައިރިއަށްވެސް ބަސް މަޑުކުރާނެއެވެ. އެއާޕޯޓުން ބަސް މަޑުކުރާނީ އޭޓީއެމް ކައިރިއަށް އަދި އެމްއޭސީއެލް އޮފީސް ކައިރީ ހުންނަ ބަސް ސްޓޮޕަށެވެ.

މި ރޫޓުން ބަހުގެ ހިދުމަތް ފަށާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 5:30 ގައެވެ. ހުކުރު ދުވަހު ބަހުގެ ހިދުމަތް ފަށާނީ 6:30 ގައެވެ. މާލެ-ހުޅުލެ ބަސް ދަތުރު އޮންނާނީ ކޮންމެ ގަޑިއަކު އެއް ފަހަރު އެވެ.

ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުން ބަހުގެ ހިދުމަތަށް ނަގަނީ 10 ރުފިޔާ އެވެ. ބަހަށް ފައިސާ ދައްކަން ބޭނުންކުރަނީ ޓަޗްލިކްން ކާޑެވެ.

comment ކޮމެންޓް