އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ޖަކާޓާއިން ނައްޓާލި ފަހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ސްރިވިޖަޔާ އެޔާގެ މަތިންދާބޯޓެއް -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (ޖެނުއަރީ 9): އިންޑޮނޭޝިއާގެ ސްރިވިޖަޔާ އެޔާގެ މަތިންދާބޯޓެއް ޖަކާޓާއިން ނައްޓާލިތާ މާގިނައިރެއް ނުވަނީސް އެ ބޯޓާ ގުޅުން ކެނޑި، ގެއްލިފައިވާ ކަމަށް އެގައުމުގެ ނެޝަނަލް ޓްރާންޕޮޓޭޝަން ސޭފްޓީ ކޮމިޓީން ބުނެފި އެވެ.

ފްލައިޓްރޭޑާ24ގައިވާ ގޮތުން ސްރިވިޖަޔާ އެޔާގެ ފްލައިޓް އެސްޖޭ182 ޖަކާޓާއިން އެގައުމުގެ ބޯނިއޯގައި އޮންނަ ޕޮންޓިއަނަކްއަށް ދާން ދަތުރު ފަށަން ހަމަޖެހިފައި އޮތީ އެގައުމުގެ ގަޑިން 1:40ގަ އެވެ. އަދި އެ ބޯޓާ އޭވިއޭޝަން އިދާރާތަކާ ގުޅުން ކެނޑުނީ 2:40ގައި ކަމަށް ދައުލަތުގެ ނޫސް އޭޖެންސީ އަންތާރާއިން ރިޕޯޓު ކުރި އެވެ.

ފްލައިޓްރޭޑާ24ގައިވާ ގޮތުން އެ ބޯޓު ގެއްލުމުގެ ކުރިން އެއް މިނިޓު ތެރޭ 10،000 ފޫޓު ތިރިއަށް ވެއްޓުނެވެ. އަދި ބޯޓު ގެއްލުނީ ޖަކާޓާގެ ސުކަރުނޯ ހަތާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުން 11 ނޯޓިކަލް މޭލު ދުރުންނެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގައި 62 މީހުން ތިއްބެވެ. އަދި އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނެ އެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން މިހާރު ވަނީ އެ ބޯޓާާ ގުޅުން ކެނޑުނު ސަރަހައްދަށް އޮފިޝަލުން ފޮނުވާފަ އެވެ.

ބީބީސީން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގެ ރެޖިސްޓްރޭޝަން މައުލޫމާތުގައިވާ ގޮތުން އެއީ 27 އަހަރުވެފައިވާ، ބޯއިން 737-500 މަރުކާގެ ބޯޓެކެވެ. އަދި އެއީ 2018 އާއި 2019 ވަނަ އަހަރު ވެއްޓުނު ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކަށް ވުރެ ޒަމާންވީ މޮޑެލްއެކެވެ.

ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކުގެ ތެރެއިން 2018އިގައި ވެއްޓުނީ އިންޑޮނޭޝިއާގެ ލަޔަން އެޔާގެ ބޯޓެކެވެ. އެބޯޓުގައި 189 މީހަކު ތިއްބެވެ. އަދި އޭގެ ފަސް މަސް ފަހުން ވެއްޓުނު އެ މަރުކާގެ ބޯޓަކީ އިތިއޯޕިއަން އެއާލައިންސްގެ، 157 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.

ސްރިވިޖަޔާ އެޔާގެ ބޯޓާ ބެހޭ ގޮތުން ސީއެންއެންއިން ބޯއިންއާ ސުވާލު ކުރުމުން އެ ކުންފުނިން ވަނީ ގެއްލިފައިވާ ބޯޓާ ބެހޭ ގޮތުން މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް