ވަރުން ބުނަނީ މިއަހަރުތެރޭ ކައިވެނި ކުރެވިދާނެކަމަށް

އެކްޓަރު ވަރުން އާ އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން އާ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނީގެ ވާހަކައަކީ 2019 ވަނަ އަހަރުން ފެށިގެންވެސް ދެކެވެމުން އައި ވާހަކައެކެވެ.

ދެމީހުން ކައިވެނިކުރުމަށް މިދިޔަ އަހަރު ތާރީޚުވެސް ކަނޑައެޅިއެވެ. ނަމަވެސް މުޅި ދުުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އެ ކައިވެނި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ދާދިފަހުން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނީ މި އަހަރުތެރޭ ކޮވިޑްގެ ބަލިމަޑުކަން ހަމައަކަށް އެޅިއްޖެނަމަ ނަތާޝާ އާ އުމުރަށް ގޮށް ޖަހަން ތައްޔާރަށް ހުރި ކަމަށެވެ.

"ފާއިތުވެ ދިޔަ ދެ އަހަރު ދުވަހުވެސް އެންމެންގެ ތުންތުން މަތިން ދެކެވެމުން އައީ އަހަރެންގެ ކައިވެނީގެ ވާހަކަ. މިވަގުތު ނެތް އެކަމަށް އެއްވެސް ޖަވާބެއް. އެކަމަކު ކޮވިޑް ކަންތައް މި އަހަރު ތެރޭ ރަނގަޅުވެއްޖެނަމަ ބަލަމާ މިއަހަރަށް. އަހަރެންވެސް ބޭނުންވޭ އަވަހަށް ނަތާޝާ އާ ކައިވެނިކުރަން،"

ދާދިފަހުން ވަރުން ވަނީ ނަތާޝާ އާ ގުޅޭގޮތުން ވަރަށް ފާޅުގައި ވާހަކަވެސް ދައްކާފައެވެ. ވަރުން ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑު ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ.

"އަހަރެން ލޯބި ހުށައެޅުމުން ނަތާޝާ އަހަރެން ތިން ހަތަރު ފަހަރަކު ރިޖެކްޓްކުރި. އެކަމަކު އަހަރެން އުންމީދު ކަނޑައެއް ނުލަން،"

ވަރުން އާ ނަތާޝާގެ ކައިވެނި މިދިޔަ އަހަރު ކުރަން ހަމަޖެހުނު އިރު އެކްޓަރު ރަންބީރު ކަޕޫރާ ބަތަލާ އާލިއާ ބަޓްގެ ކައިވެނިވެސް މިދިޔަ އަހަރު ކުރަން ހަމަޖެހުނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވެސް އެ ކައިވެނި ކުރެވޭގޮތް ނުވީއެވެ.

comment ކޮމެންޓް