ޤައުމު ކާ ކަތުރުފަނިތަކަކަށް ވެފައި ވާ ސިޔާސީ މަޤާމުތައް

ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާޔަކީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅައި އެނިއުމަރޭޓު ކުރާ މާއްދާއެކެވެ. އެ މާއްދާގެ (ޅ)ގެ ދަށުން، "ވަޒީރުންގެ މަޖިލިހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާ ކުރުމަށް ޓަކައި ބޭނުން ވާ މަޤާމުތަކަށް، މީހުން ޢައްޔަން ކުރުމާއި، އެ މަޤާމުތަކުން މީހުން ވަކި ކުރުމާއި، އެމީހުންގެ އިސްތިޢުފާ ޤަބޫލު ކުރުން" މިއީ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި "ސިޔާސީ މަޤާމުތަކުގެ" ގޮތުގައި މަޝްހޫރު ވެފައި އޮންނަނީ މި ދެންނެވި ދުސްތޫރީ މާއްދާގެ ދަށުން އުފެއްދޭ މަޤާމުތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައްދަވައި، 1 ޖުލައި 2012 އިން ފެށިގެން އެ އުޞޫލަކަށް ޢަމަލު ކުރެވެމުންދާ "ސިޔާސީ މުއައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މުވައްޒަފުން ޢަމަލު ކުރާން ޖެހޭ އުޞޫލު"ގައި އެ މަޤާމުތަކުގައި ތިބޭ މުއައްޒަފުންނަށް ނިސްބަތް ކޮށް ބޭނުން ކޮށްފައި އޮންނަ ނަމަކީ "ސިޔާސީ މުއައްޒަފުން" މިއެވެ. މި ފެށުނު 2021 ވަނަ އަހަރު އަލަށް އުފައްދަވާ މަޤާމުތަކާ އެކު، ދިވެހި ސަރުކާރުގައި "ސިޔާސީ މުއައްޒަފުންގެ" ޢަދަދު 960 އަށް ވުރެ މަތި ވާނެ ކަމަށް މީޑިޔާގެ ރިޕޯޓުތަކުގައި ދާދި ފަހުން ވަނީ ބުނެފައެވެ.

ސިޔާސީ މަޤާމުތަކާއި އޭގެ މަޤްޞަދު

ތަންފީޛީ ބާރުގެ ތެރޭގައި ސިޔާސީ މަޤާމުތައް އުފެއްދެވުމާއި، އެ މަޤާމުތަކަށް މީހުން ލެއްވެވުމާއި، އެ މަޤާމުތަކުގައި ތިބޭ މީހުން ވަކި ކުރެއްވުމުގެ ބާރު ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮންނަނީ ކިހިނެއްކަން ރަނގަޅަށް ދެނެގަތުމުގެ ގޮތުން، އެންމެ ފުރަތަމަ ބަލައިލާން ޖެހެނީ ކަމާބެހޭ ދުސްތޫރީ ނައްޞަށެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އަށެވެ. އެ މާއްދާޔާ މެދު ތަޙްލީލީ ވިސްނުމަކުން ވިސްނައިލުމުން، ސާފު ވާ ގޮތުގައި، ސިޔާސީ މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ޙަވާލު ކުރާ ދައުލަތް ހިންގުމާއި ޤާނޫނު ތަންފީޛު ކުރުމުގެ ވާޖިބު އަދާ ކުރެއްވުމުގައި އެހީތެރި ވުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ސީދާ އެހީތެރީންގެ ގޮތުގައި މީހުން ތިބުން ކޮންމެހެން ޟަރޫރީ އަދި ކޮންމެހެން ބޭނުންތެރި މަޤާމުތަކެވެ. އެ މަޤާމުތައް ހުރެ އަދި އެ މަޤާމުތަކުގައި ޤާބިލު މީހުން ރައީސްގެ އެހީތެރީންގެ ގޮތުގައި ތިބެގެން މެނުވީ، ދައުލަތް ހިންގުމުގެ ނުހަނު މުހިއްމު މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ރައީސަށް ދަތިފުޅު ވެވަޑައިގަންނަވާނެ މަޤާމުތަކެވެ.

ޤާނޫނުއަސާސީގެ ހަ ވަނަ މާއްދާގެ ދަށުން، ދިވެހި ދައުލަތުގެ "ވެރިކަން ހިންގުމުގެ ބާރަކީ" ރައީސުލްޖުމްހޫރިއްޔާއެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ރައީސުލްޖުމްހޫރިއްޔާއަކަށް ގިނިކަންޏާ ދައުލަތެއް ނުހިންގެވޭނެއެވެ. ވެރިކަން ހިންގުމާއި ޤާނޫނު ތަންފީޛު ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ހުރިހައި ކުރައްވާ އުޞޫލަކުން ނުހިންގޭނެއެވެ. އެ ބާރު ހިންގެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރީން ބޭނުންފުޅު ވާނެއެވެ. "ސިޔާސީ މަޤާމުތަކެއް" އޮތުމުގެ ހަމައެކަނި ބޭނުމަކީ މިއެވެ. އެއީ ދައުލަތަށް ޓަކައި ޢައްޔަން ކުރެވޭ ބައެކެވެ. ދައުލަތް ހިންގުމުގެ ބާރު ތަންފީޛު ކޮށް، ދައުލަތް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅުތަކާއި ސިޔާސަތުތަކާއި އިރުޝާދުތައް، ތަންފީޛީ ބާރުގެ ހުރިހައި އޮފީސްތަކާއި ހުރިހައި ދިމަދިމާއެއްގައި ވެސް ހިންގުމަށް ޓަކައި ތިބޭ ބައެކެވެ. ރައްޔިތުންގެ މަޞްލަޙަތަށް ޓަކައި ޢައްޔަން ކުރެވޭ ބައެކެވެ. އެއިއްޔަކީ، އެއްވެސް ޙާލެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ޕާޓީގެ ބެއިފުޅުންނަށާއި، އެމަނިކުފާނުގެ ޕާޓީއާ އިއްތިހާދު ވެގެން ތިބޭ ޕާޓީތަކުގެ ބެއިފުޅުންނަށާއި، އެމަނިކުފާނުގެ ސިޔާސީ މަދަދުގާރުންނަށާއި، އާއިލާގެ ބެއިފުޅުންނަށާއި، ރަޙުމަތްތެރީން ރައްޓެހީންނާއި އަރިހު ބެއިފުޅުންނަށް "މުސާރައިގެ" ނަމުގައި ދައުލަތުގެ ޚަޒާނާއިން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމުގެ އިޖާޒާ ދޫ ކުރެއްވުމަށް އޮންނަ ވަސީލަތެއް ނޫނެވެ. ޕާޓީގެ "މަގުމަތީ އެކްޓިވިސްޓުންނަށް" މަގުމަތީގައި އިހުތިޖާޖު ކޮށް ހަޅޭއްލެވުމާއި، ހަރުގެ ހިންގައިދިނުމާއި، ކެންޕޭނު ކޮށްދިނުމުގައި ކުރާ މަސައްކަތްތަކަށް އަގު ދެއްވާން އޮންނަ ވަސީލަތެއް ނޫނެވެ. ސިޔާސީ މިތުރުންނަށް ހަދިޔާ އާއި އިނާމާއި ބޮޑުބެ ހަކުރު ދެއްވާން އޮންނަ ނިޒާމެއް ނޫނެވެ.

ސިޔާސީ މަޤާމުތަކަކީ، މަދަނީ، ބަރުލަމާނީ، ޤަޟާއީ، އަދި ސަލާމަތީ ޚިދުމަތްތައް ފަދަ ޚިދުމަތްތަކުގެ ވަޒީފާތަކާ ތަފާތު ވަޒީފާތަކެކެވެ. އެ މަޤާމުތައް އުފެއްދުން މުހިއްމު ވާ ސަބަބުން ފެށިގެން ގޮސް، އެ މަޤާމުތަކުގައި ތިބޭ މީހުންގެ ޝަރުޠުތައް ކަނޑައަޅާ އަސާސްތަކާ ހަމަޔަށް، ތަފާތު ޚާއްޞިއްޔަތެއް ލިބިގެންވާ ވަޒީފާތަކެކެވެ. ވަޒީފާޔާއި މަސައްކަތްތެރިކަމާ ބެހޭ ޤާނޫނުތަކުން ޢާއްމު އުޞޫލަކުން މުއައްޒަފުންނަށާއި މަސައްކަތްތެރީންނަށް ލިބިދޭ ވަޒީފާގެ ރައްކައުތެރިކަން ފަދަ ބައެއް ޢިނާޔަތްތަކާއި ޙައްޤުތައް، ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަކަށް ނޯވެއެވެ. އިސްވެ ދެންނެވުނު ފަދައިން، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވުމުން ކޮންމެ ސިޔާސީ މަޤާމެއް ވެސް އުފެއްދެވިދާނެއެވެ. ކޮންމެ ސިޔާސީ މަޤާމެއް އުވައިލެއްވެވިދާނެއެވެ. އެއިން މަޤާމަކަށް ބޭނުންފުޅު ކޮންމެ މީހަކު ޢައްޔަން ކުރެއްވެވިދާނެއެވެ. އެއިން މަޤާމެއްގައި ހުރި މީހަކު ރައީސް ބޭނުންފުޅު ވުމުން ވަގުތުން ވަކި ވެސް ކުރެއްވެވިދާނެއެވެ. މުއައްޒަފުން ނެގުމަށް ޓަކައި އިޢުލާން ކުރުމާއި، މުއައްޒަފުން ހޮވުމުގެ އިޖުރާއާތުތައް ހިންގުމާއި، މުއައްޒަފުން ވަކި ކުރުމުގައި މަދަނީ ޚިދުމަތް ފަދަ ދާއިރާތަކުގައި އޮންނަ ކަހަލަ އިޖުރާއާތުތަކާއި އުޞޫލުތަކަށް ތަބަޢަ ވުމަކީ، ސިޔާސީ މަޤާމުތަކާ ގުޅޭގޮތުން އޮންނަ ކަންކަމެއް ނޫނެވެ. ސަބަބަކީ، ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަކީ ސީދާ ރައީސްގެ މަސައްކަތްޕުޅުގެ ބައިވެރީން އަދި އެހީތެރީންގެ ގޮތުގައި ތިބޭ ބައެއް ކަމުގައި ވުމެވެ. ރައީސްގެ ދުސްތޫރީ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރެއިން ޑެލިގޭޓް ކުރެވޭ މަސައްކަތްތަކެއް، ރައީސްގެ ފަރާތްޕުޅުން، ރައީސްގެ ބަދަލުގައި، އަދި ރައީސް އަންގަވާ ގޮތަކަށް އަދާ ކުރާން ތިބޭ ބަޔަކު ކަމުގައި ވުމެވެ. ސިޔާސީ މަޤާމުތައް އުފެއްދުމާއި، އެ މަޤާމުތަކަށް މީހުން ނެގުމާއި، އެއިން މަޤާމަކުން މީހަކު ވަކި ކުރުން ފަދަ ކަންކަން ރައީސް ފިޔަވައި އެހެން ފަރާތަކަށް – މިސާލަކަށް ސިވިލް ސަރވިސް ކޮމިޝަން، ނުވަތަ ހިޔުމަން ރިސޯރސް ކޮމިޓީއެއް ފަދަ ކިޔާނަކަށް – ޙަވާލު ކޮށްފި ނަމަ، ނަތީޖާއެއްގެ ގޮތުން ރައީސަށް އިޚްލާޞްތެރި ނޫން މީހުން އެ މަޤާމުތަކަށް ޢައްޔަން ކުރެވުމާއި، އެ މީހެއްގެ މަސައްކަތުގެ ފެންވަރާ މެދު ރައީސް ހިތްޕުޅުހަމަނުޖެހޭ މީހުން ވެސް ވަޒީފާއިން ވަކި ކުރެއްވުން ދަތި ވުން ފަދަ ކަންކަން މެދުވެރި ވެދާނެތީއެވެ. އެއިގެ ސަބަބުން، އާޚިރުގައި ރައީސްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރެއްވުމަށް ދަތިފުޅު ވާ ޙާލަތު އަތުވެދާނެތީއެވެ.

މިސާލެއްގެ އެހީގައި ދަންނަވާ ނަމަ، ސިޔާސީ މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ "އަމިއްލަފުޅު ޓީމެވެ." ކޯޗަކަށް ފުޓުބޯޅަ ޓީމެއް ގޮވައިގެން ދަނޑަށް ނުކުމެ، ޓީމު ލައްވައި ރަނގަޅަށް ކުޅުވައި، މެޗުތައް ކާމިޔާބު ކުރެވޭނީ، ކޯޗަށް ކަމުދާ، ކޯޗަށް އިޙުތިރާމު ކުރާ، ކޯޗުގެ ފަލްސަފާޔާއި މަންހަޖު ޤަބޫލު ކުރާ، ކޯޗު ދޭ އިރުޝާދުތަކަށް ތަބަޢަ ވުމުގެ ވިސްނުމާއި ޤާބިލުކަން ހުންނަ، ކޯޗު ޓީމު ބައްޓަން ކުރާން އެދޭ "ފޯމޭޝަނަށް" ފެތޭ، ކޯޗުގެ "ގޭމްޕްލޭން" ތަންފީޛު ކުރުމަށް ބޭނުންވާ ޤާބިލިއްޔަތު ހުންނަ، އަދި ކޯޗަށް ތެދުވެރި ކުޅުންތެރީން ލައިގެންނެވެ. މެޗެއްގެ ތެރޭގައި އެއްވެސް ކުޅުންތެރިޔަކު ކޯޗުގެ "ގޭމްޕްލޭނާ" އެއްގޮތަށް ނުކުޅޭ ނަމަ، ނުވަތަ ކޯޗު އެދޭ ފެންވަރުގައި ނުކުޅޭ ނަމަ، ވަގުތުން އެ ކުޅުންތެރިޔަކު ބަދަލު ކުރުމުގެ ބާރު ކޯޗަށް އޮވެއެވެ. ކުޅުންތެރިޔާ ބަދަލު ކުރުމުގެ ކުރީން، ކޮމިޓީއަކަށް އެކަން ހުށައަޅައި، އެ ކޮމިޓީން މައްސަލަ ބަލައި، ކުޅުންތެރިޔާ ބެއިލުމުން އޭނާގެ ޙައްޤެއް ގެއްލޭތޯ ބަލައި، ކޮމިޓީން ފާސް ކުރުމުން މެނުވީ ކުޅުންތެރިޔާ ބަދަލު ނުކުރެވޭ އުޞޫލެއް އޮންނަ ނަމަ، ކޯޗަށް މެޗު "މެނޭޖު" ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ޓީމެވެ. ބޭނުންފުޅު ގޮތަކަށް، ބޭނުންފުޅު މީހަކު ޓީމަށް ނަންގަވައި، ބޭނުންފުޅު ވަގުތަކު ބޭނުންފުޅު މީހަކު ޓީމުން ބާކީ ކުރައްވައިހެއްދެވުމުގެ އިޚްތިޔާރު ރައީސަށް ދެވެނީ ވެސް ހަމަ މި ވިސްނުމުގެ މައްޗަށެވެ.

ރައީސްގެ ޓީމުގެ އެންމެ މުހިއްމު މެންބަރުންނަކީ ޤާނޫނުއަސާސީގެ 115 (ޅ) ގައި ބަޔާން ކޮށްފައި އޮންނަ ފަދައިން، ވަޒީރުންގެ މަޖިލިހުގެ މެންބަރުންނެވެ. ވަޒީރުންނެވެ. ނުވަތަ މިނިސްޓަރުންނެވެ. އެއަށްފަހު، ވަޒީރުންގެ ނާއިބުންނާއި، ވުޒާރާތައް ކަމުގައި ނުހިމެނޭ ބައެއް ކަހަލަ ތަންފީޛީ އިދާރާތަކާއި މުއައްސަސާތަކުގެ ވެރީންނާއި، ޚާރިޖީ ޚިދުމަތުގެ ބައެއް އިސް މަޤާމުތައް ފަދަ މަޤާމުތަކުގައި ތިއްބަވާ ބެއިފުޅުންނަކީ ވެސް މީގެ ތެރޭގައި ހިމެނޭ ބެއިފުޅުންނެވެ. މި ބެއިބެއިފުޅުންގެ މަސްއޫލިއްޔަތަކީ ތަންފީޛީ ބާރުގެ އެންމެހައި އިދާރާތަކާއި ނިޒާމުތައް ހިނގާ މިސްރާބު ރައީސްގެ ސިޔާސަތުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަނޑައެޅުއްވުމެވެ. ރައީސްގެ ސިޔާސަތާ އެއްގޮތަށް އެ ތަންތަން ހިންގޭކަން ކަށަވަރު ކުރެއްވުމެވެ. ރައީސް ކަނޑައަޅުއްވާ ލަނޑުދަނޑިތަކާއި އަމާޒުތައް އެ ތަންތަނުގެ މަސައްކަތުން ހާސިލު ކުރެވޭކަން ކަށަވަރު ކުރުމެވެ.

އަދިވެސް ވަރަށް މުހިއްމު ނުކުތާއެކެވެ!

ސިޔާސީ މަޤާމުތަކަށް "ސިޔާސީ މަޤާމޭ" ނުވަތަ "ސިޔާސީ މުއައްޒަފުންނޭ" ކިޔަނީ، އެއްގޮތަކަށް ވެސް އެ މަޤާމުތަކަކީ ސިޔާސީ މީހުންނަށް، ނުވަތަ ވަލިއްޔުލްއަމްރު ނިސްބަތް ވެވަޑައިގަންނަވާ ސިޔާސީ ޕާޓީގެ މީހުންނަށް ދޭން އޮންނަ މަޤާމުތަކަކަށް ވެގެންނެއް ނޫނެވެ. ހަމައެހެންމެ، އެ މަޤާމުތަކުގައި ތިބޭ މީހުންނަކީ "ސިޔާސީ މަސައްކަތް" ކުރާން ޖެހޭ ބަޔަކަށް ވެގެންނެއް ނޫނެވެ. އިނގިރޭސި ލިޔުންތަކުގައި ސިޔާސީ މަޤާމުތަކަށާއި އެ މަޤާމުތަކުގައި ތިބޭ މީހުންނަށް "ޕޮލިޓިކަލް ޕޮޒިޝަންސް" އާއި "ޕޮލިޓިކަލް ސްޓާފް" ފަދަ ނަންތައް ބޭނުން ކުރެވިފައި ހުއްޓާ ފެނެއެވެ. އިނގިރޭސި ވިލާތާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދުސްތޫރީ ނިޒާމުގައި، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ މަޤާމޭ މި ކިޔާ މައިގަނޑު ބާވަތުގެ ވަޒީފާތަކަށް ދެވިފައި ވާ ރަސްމީ ނަމަކީ "ޕޮލިޓިކަލް އެޕޮއިންޓްމަންޓްސް" އެވެ. މި ނަމަށް ބަލައިލުމުން ވެސް، އެ ނަން ކިޔޭ ސަބަބު ފެނެއެވެ. އެ ސަބަބު އޮތީ، އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރެވޭ ގޮތުގައެވެ. "ސިޔާސީ" މަޤާމޭ ނުވަތަ "ޕޮލިޓިކަލް" އެޕޮއިންޓްމަންޓެކޭ ބުނަނީ، އެ މަޤާމުތައް އުފެއްދުމާއި، އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ބޮޑުވަޒީރު ފަދަ ފަރާތަކަށް ދުސްތޫރީ ގޮތުން ލިބިގެން ވާ ސިޔާސީ ބާރުތަކުގެ ތެރެއިން ބާރެއްގެ ގޮތުގައި އޮންނަ ބާރަކަށް ވާތީއެވެ. އެ މަޤާމުތަކަށް މީހުން ހޮވުމާއި ވަކި ކުރުން ފަދަ ކަންކަމަކީ، ޢާއްމު އުޞޫލުން ދައުލަތުގެ ވަޒީފާތަކަށް މުއައްޒަފުން ނެގުމުގެ މަސައްކަތް ކުރާ އިންސާނީ ވަސީލަތްތައް މެނޭޖު ކުރުމުގެ ނިޒާމުގެ ތެރެއިން – ނުވަތަ އެޗްއާރު ރެކްރޫޓްމަންޓް ނިޒާމަކުން – ކުރާ ކަމެއް ކަމުގައި ނުވާތީއެވެ. ވީމާ، ސިޔާސީ މަޤާމުތަކަށް "ސިޔާސީ" މަޤާމޭ ކިޔުމަކުން، އެ މަޤާމަށް ސިޔާސީ މީހުން ލާކަށް، ނުވަތަ އެ މަޤާމުތަކުގައި ތިބޭ މީހުން ސިޔާސީ މަސައްކަތް ކުރާކަށް ވެސް ނުޖެހެއެވެ. އަދި ކީއްތޯއެވެ! ސިޔާސީ މަޤާމުތަކަށް ވެސް ޢައްޔަން ކުރެވޭން ވާނީ ޢިލްމާއި ތަޖުރިބާގެ އަހުލުވެރީންނެވެ. ފަންނީ ޤާބިލިއްޔަތު ހުންނަ ޓެކްނޯކްރެޓުންނެވެ. ނުވަތަ ސިޔާސަތު ރޭވުމާއި ހިންގުމުގެ ތަޖުރިބާކާރުންނެވެ. ސިޔާސީ މީހުން ސިޔާސީ މަސައްކަތް ކުރާން އޮންނަ ތަނަކީ ދައުލަތުގެ އޮފީސްތަކާއި ނިޒާމުތަކެއް ނޫނެވެ. ސިޔާސީ ޕާޓީގެ އޮފީހާއި، ޕާޓީގެ ޕޯޑިޔަމެވެ. ޕާޓީގެ ޓީވީ ޕްރޮގްރާމާއި، ޕާޓީން ނެރޭ ނޫސްމަޖައްލާ ފަދަ ތަކެތީގެ ޞަފުޙާތަކެވެ. ޕާޓީގެ ތަޙުރީކުގެ އެހެނިހެން ވެސް މަންސަތަކާއި މަޤާމުތަކެވެ.

ޤާނޫނުގެ ވެރިކަމާއި އުޞޫލުތަކަށް ތަބަޢަ ވުން

ދައުލަތް ހިނގާން ވާނީ ޤާނޫނުގެ ވެރިކަން – ރޫލް އޮފް ލޯވ –ގެ މަބްދައުގެ މަތީންނެވެ. ވެރީންނާއި ރައްޔިތުން ކުރެ އެކަކު ވެސް އިސްތިސްނާ ނުވާނެ ގޮތުން، އެންމެންގެ މައްޗަށް އިސް ވެގެން ވާ އެންމެ މަތީ ބާރަކަށް ވާން ވާނީ ޝަރީޢަތާއި ޤާނޫނެވެ. އެކަކަށް ވެސް ޝަރީޢަތާއި ޤާނޫނަށް ވުރެ މަތީގައި ހުރެވިގެން ނުވާނެއެވެ. ޤާނޫނުއަސާސީގެ 4، 8، 268، އަދި 299 ވަނަ މާއްދާ ފަދަ މާއްދާތަކުގައި ޤާނޫނުގެ ވެރިކަމުގެ މަބްދައު ކަނޑައަޅައި ޤަރާރު ކޮށްފައި ވާތީ، ދިވެހި ދައުލަތުގައި މިއިއްޔަކީ ހަމައެކަނި ދީނީ ތަޢުލީމާތާއި ޤަދީމީ ޙިކުމަތާއި ސިޔާސީ ފަލްސަފާޔާއި ސިޔާސީ އަޚްލާޤިއްޔާތުގެ ފިކުރެއް ނޫނެވެ. އަދި ކީއްތޯއެވެ! ޤާނޫނުގެ ވެރިކަމުގެ މަބްދައަކީ ދިވެހި ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ އެއް އަސާސެވެ. ޤާނޫނުގެ ވެރިކަމުގެ މަބްދައުގެ ހިފެހެއްޓުންތަކުން ނެއްޓި، ޤާނޫނުގެ ވެރިކަމުގެ ޗާޓުން ބޭރު ވެގަތުމަކީ، ދިވެހި ދުސްތޫރާއި، ދިވެހި ދުސްތޫރު އެމައްޗަށް ބިނާ ވެގެން ވާ މާތް އިސްލާމީ ޝަރީޢަތަށް ވެސް ގޮން ޖެހުމެވެ. ޤާނޫނުއަސާސީގެ 115 (ނ) ގައި، ޤާނޫނުގެ ވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމުގައި ޞަރީޙަ ނައްޞުން ކަނޑައަޅައި ބުނެފައި ވެސް އޮވެއެވެ.

ޤާނޫނުގެ ވެރިކަމުގެ މަބްދައާ ގުޅި ލާމެހިފައި ވާ ކަންކަމުގެ ތެރޭގައި، ޢަދުލުއިންޞާފު ޤާއިމު ކުރުމާއި، ހަމަހަމަކަމުގެ މަތިވެރި އުޞޫލުތަކަށް ތަބަޢަ ވުމާއި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުޙައްޤު އަދި ނާޖާއިޒު ފައިދާތައް ހޯދައިދިނުން ފަދަ ކަންކަމުން ދުރުހެލި ވުމާއި، ތިމާޔާ ޙަވާލު ކުރެވިފައި އޮންނަ ބާރު ވެސް ތަޢައްސުފީކޮށް – އާރބިޓްރަރީކޮށް – ބޭނުން ނުކުރުން ހިމެނެއެވެ. އެހެންކަމުން، ސިޔާސީ މަޤާމުތައް އުފެއްދެވުމާއި، އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރެއްވުމާއި، އެ މަޤާމުތަކުން މީހުން ވަކި ކުރެއްވުމަށް ޤާނޫނުއަސާސީގެ 115 (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ބާރާއި އިޚްތިޔާރު ދީފައި އޮތަސް، އެ ބާރާއި އިޚްތިޔާރުގެ ބޭނުންފުޅު ކުރައްވާން ވާނީ ޤާނޫނުގެ ވެރިކަމުގެ މަބްދައާއި، އެ މަބްދައާ ގުޅިލާމެހިފައި ވާ، މި ދެންނެވި އަސާސީ އުޞޫލުތަކާ އަރައިރުން ނުވާނޭ މަގަކުންނެވެ. ބާރާއި އިޚްތިޔާރު އެބައޮތޭ ވިދާޅުވެފައި، ހިތްޕުޅަށް އެރިހައި ގޮތަކަށް، ބޭނުންފުޅުހައި ގޮތަކަށް، ކަން ކުރެއްވުމަކީ ގޮތެއް ނޫނެވެ. އެއީ އިލާހީ ސުންނަތާ ވެސް ޚިލާފު ކަމެކެވެ. ކީރިތި މާތް ނަބިއްޔާ އަޅުގަނޑުމެންނަށް އުނގަންނަވައިދެއްވައިފައި ވާ ފަދައިން، އަނިޔާވެރިކަމާއި، ބޭއިންޞާފާއި، ތަޢައްސުފީ ނުވަތަ އާރބިޓްރަރީ ގޮތްގޮތުން ކަންކަން މިންވަރު ކުރެއްވުމާއި، ނަހަމަޔާއި ނުޙައްޤަކީ، އެ ފަރާތެއްގެ މައްޗަށް ޤައިދެއް ނުވަތަ ހިފެހެއްޓުމެއް ތަންފީޛު ކުރުމުގެ ބާރު ހަމަ އެކަކަށް ވެސް ލިބިގެން ނުވާ، މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަ ތަޢާލާ، ޚުދު އެކަލާނގެ ޒާތުފުޅަށް ވެސް ޙަރާމް ކުރައްވަވައިފައި ވާ ކަންކަމެވެ. އެކަލާނގެ މަތިވެރިވަންތަކަމާއި އާރާއި ބާރާ އަޅައި ބަލާ އިރު މަދިރިއެއްގެ ފިޔައެކޭ ތަފާތެއް ނެތް ނިކަމެތި އިންސާނާ "މަށަށް ބާރާއި އިޚްތިޔާރު އެބައޮތޭ، މަ ބޭނުން ގޮތެއް ހެދޭނޭ" ބުނަމުން، ބޭއިންޞާފާއި، ނުހަމަޔާއި، ހިތުހުރި ގޮތަކަށް ކަން ކުރުމުގެ މަގުގައި ހިނގުމީ ކޮންފަދަ ކަމެއްތޯއެވެ؟

ތަޢައްސުފީ ގޮތެއްގައި – އާރބިޓްރަރީ ކޮށް – ކަންކަން ކުރުން، މިއީ ދިވެހިރާއްޖޭގައި ޢާއްމު ވެފައި ވާ އެންމެ ބޮޑު އެއް ގޯހެވެ. ވަރަށް ބޮޑު ހިތާމައެކެވެ. އަޅުގަނޑުމެންގެ ވެރީން ޢާއްމު ގޮތެއްގައި ތަޢައްސުފީކޮށް ކަންކަން ކުރެއެވެ. ވަރަށް ގިނަ ފަހަރު، ތަޢައްސުފީކޮށް ޢަމަލު ކުރުމަށް ފަހު، "ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގައި ތިމަންމެނަށް އިޚްތިޔާރު ދީފައި އެބައޮތޭ، އިޚްތިޔާރު އޮތް ކަމެއްގައި ތިމަންމެންނަށް ފެންނަ ގޮތަކަށް ކަން ކުރެވޭނެޔޭ" ބުނެ ވާހަކަ ދައްކާތީ ވެސް އިވެއެވެ. މި ކޮލަމް މިހާރު ވެސް ހެޔޮވަރު ވަރަށް ވުރެ ދިގު ވެފައި ނުވި ނަމަ، ކިތަންމެ މިސާލެއް އަޅުގަނޑު ދެންނެވީމުހެވެ. އަޅުގަނޑުމެން ވަރަށް އަވަހަށް ދަސް ކުރާން ޖެހިފައި އޮތް އެންމެ މުހިއްމު އެއް ކަމަކީ، ތަޢައްސުފީކޮށް ޢަމަލު ކުރުމަކީ އިސްލާމީ ޝަރީޢަތް ވެސް، އަދި ދުނިޔޭގެ ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގެންފައި ވާ ޤާނޫނީ އުޞޫލުތަކުގެ ދަށުން ވެސް، ކަނޑައެޅިގެން މަނާ ކުރެވިގެން ވާ ވަރަށް ބޮޑު ނުބައެއް ކަމެވެ. ޤާނޫނަކުން މީހަކަށް ބާރެއް ނުވަތަ އިޚްތިޔާރެއް ކިތަންމެ ފުޅާ ދާއިރާއެއްގައި ދީފައި އޮތަސް، އެ ބާރާއި އިޚްތިޔާރު ދެވިފައި ވާ މީހާޔަށް ފެންނަހައި ގޮތަކަށް ކަން ކުރުން ހުއްދައެއް ނުވެއެވެ. ތަޢައްސުފީކޮށް ނިންމުންތައް ނިންމުމާއި ޢަމަލު ކުރުން ހުއްދައެއް ނުވެއެވެ. ކޮންމެ ބާރެއް އަދި ކޮންމެ އިޚްތިޔާރެއް ވެސް ބޭނުން ކުރާން ވާނީ، ޢަދުލުވެރި ގޮތުގައި، އިންޞާފާއި ހަމަހަމަކަމުގެ މަގުންނެވެ. ހެޔޮ ގޮތުގައެވެ. ބުއްދިޔާއި ޢަޤުލީ އަސާސްތަކުގެ މަތީގައެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 115 (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައި އޮންނަ އިޚްތިޔާރާއި ބާރުގެ ބޭނުން ކުރައްވައިގެން ސިޔާސީ މަޤާމުތައް އުފައްދަވާން ވާނީ ވެސް، އަދި އެ މަޤާމުތަކަށް މީހުން ލެއްވެވުމާއި ވަކި ކުރެއްވެވުމުގައި ޢަމަލު ކުރައްވާން ވާނީ ވެސް މި ދެންނެވި ގޮތުގެ މަތީންނެވެ. ޤާނޫނުގެ ވެރިކަމުގެ މަބްދައުގެ މަޤްޞަދާއި ރޫޙާ ޚިލާފު ނުވާނެ ގޮތުންނެވެ. ރިވެތި އަޚްލާޤިއްޔާތާއި ބުއްދީގެ ޢަޤްލީ ހަމަތަކާ އެއްގޮތަށެވެ. އެފަދައިން ޢަމަލު ކުރެއްވި ކަމަށް ބެލެވޭނީ، ސިޔާސީ މަޤާމުތަކާ ގުޅޭގޮތުން ކޮން ގޮތަކުން ޢަމަލު ކުރެއްވުމުންތޯ، މިއީ ވަރަށް މުހިއްމު ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި ދަންނަވާން ޖެހެނީ، އެންމެ ކުޑަމިނުން، އެންމެ އަސާސީ ފެންވަރުގައި، އަންނަނިވި ކަންކަން ފުރިހަމަ ކުރައްވާން ވާނެ ކަމުގައެވެ.

ފުރަތަމަ ކަމަކަށް، ސިޔާސީ މަޤާމުތަކަކީ "ރައީސުލްޖުމްހޫރިއްޔާގެ ޓީމު" ކަމުގައި ވާތީ، އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީގެ ތެރެއިން ބެއިފުޅުން ނެންގެވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރި އަދި ތެދުވެރި ބެއިފުޅުން އިޚްތިޔާރު ކުރެއްވުމަކީ މައްސަލައެއް ކަމުގައި ނުވިޔަސް، އެ ކަމުގައި ބައްލަވައި ރިޢާޔަތް ކުރައްވާ ހަމައެކަނި ކަންތައްތަކަކީ އެއީ ކަމުގައި ހަމަހިލާ ވެގެން ނުވާނެއެވެ. އެހެނީ، ޓީމަކީ "ރައީސްގެ ޓީމު" ކަމުގައި ވިޔަސް، ރައީސް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އެ މުޅި ޓީމާއި، ޙުކޫމަތުގެ މުޅި ނިޒާމުގެ ވެސް އެންމެ އަސާސީ، އެންމެ މުހިއްމު، އަދި އެންމެ ބޮޑު މަޤްޞަދަކީ އަދި ވާޖިބަކީ ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ދައުލަތް ހިންގުމެވެ. ރައީސާއި ރައީސްގެ ޓީމާއި މުޅި ޙުކޫމަތު ވުޖޫދުގައި އޮތުމުގެ "ރެއިޒޮން ޑެއަޓްރާ" އަކީ ވެސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ރައްކައުތެރި ކޮށް، ޤައުމު ތަރައްޤީ ކޮށް، ޤައުމުގެ ޝަޚްޞިއްޔަތާއި ސަގާފަތާއި ކަރާމާތާއި ޙުރުމަތް ޙިމާޔަތް ކޮށް، ޤައުމަށް ހުރިހައި ގޮތަކުން ޚިދުމަތް ކުރުމެވެ. އެހެންކަމުން، "ސިޔާސީ މަޤާމުތަކަށް" މީހުން ލެއްވުމުގައި ރައީސަށް އިތުބާރު ކުރެއްވެވޭ، ރައީސަށް އިޚްލާޞްތެރި، އަދި ރައީސްގެ ސިޔާސަތާއި ފަލްސަފާޔަށް ތާއީދު ކުރައްވާ ބެއިފުޅުން ލެއްވުމަށް ވިސްނެވިޔަސް، އެއަށްވުރެ ބޮޑަށް ރައީސް ބައްލަވާން ވާނީ، ޢައްޔަން ކުރައްވާ މީހުން ޤައުމަށް ވަފާތެރިތޯއެވެ. ޤައުމަށް އިޚްލާޞްތެރިތޯއެވެ. ޤައުމަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތް ކުރުމުގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަމާއި އިރާދާ އެމީހުންގެ ކިބައިގައި ހުރިތޯއެވެ. ރައީސާ އެކު މަސައްކަތް ކުރާން ހޮވޭ ޓީމަކީ ޤައުމާއި ރައްޔިތުންނަށް ތެދުވެރި އަދި ޤާބިލު ޓީމަކަށް ނުވެއްޖެ ހިނދެއްގައި، ފޭލި ވާނީ ހަމައެކަނި ރައީސެއް ނޫނެވެ. ފޭލި ވާނީ ޤައުމުގެ މުޅި ޙުކޫމަތެވެ. އޭގެ ދެރަ ލިބޭނީ މުޅި ޤައުމަށެވެ. ފަހަރުގައި، އެހެން ލިބޭ ދެރަޔަކީ ޒަމާނެއްގެ ކޮޅުން ވެސް ފޫނުބެދޭ ވަރުގެ ގެއްލުމަކަށް ވެސް ވެދާނެއެވެ. ވީމާ، ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވާން ވާނީ "މެރިޓަށް" ބައްލަވައިގެންނެވެ. ޤައުމާއި ޤައުމުގެ ޝަޚްޞިއްޔަތަށް މުޅި ހިތުން ލޯބި ކުރާ، ޤައުމަށް ޓަކައި ޤުރުބާން ވުމުގެ ހިތްވަރާއި ފަންވަރު ހުރި، ރައްޔިތުން ދެކެ ހެޔޮ ގޮތުގައި ލޯބި ވާ އަދި ރައްޔިތުންނަށް ތެދުވެރި މީހުންނެވެ. ޤައުމުގެ ޙުރުމަތާއި ކަރާމާތް ހިފަހައްޓައިދޭނެ މީހުންނެވެ. ސިޔާސީ ގުޅަކުޅޭ ފަސްގަނޑަށް ވުރެ ދުރަށް ވިސްނުން ފޯރުވުމުގެ ޤާބިލިއްޔަތު ހުންނަ މީހުންނެވެ. މި ކަންކަމަށް ބެއްލެވުމަށް ފަހުގައި މެނުވީ، އެ މީހަކު ރައީސަށް ތެދުވެރިތޯ ބައްލަވާކަށް ނުޖެހެއެވެ. ބައްލަވައިގެން ނުވެސް ވާނެއެވެ.

ދެވަނަ ކަމަކަށް، ޤާނޫނުއަސާސީގެ 115 (ޅ)ގައި ސިޔާސީ މަޤާމުތައް އުފެއްދޭނެ ވަކި މިންވަރެއް ކަނޑައަޅައި މަޙުދޫދު ކޮށްފައި ނެތަސް، އެއީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅަށް އެރި ވަރަކަށް އުފައްދަވައިގެން ވާނެ މަޤާމުތަކެއް ނޫނެވެ. އިސްވެ ދެންނެވި އުޞޫލުތައް ނިޔާ ކުރާ ގޮތުން، ރައީސް ސިޔާސީ މަޤާމުތައް އުފައްދަވާން ވާނީ، ތަންފީޛީ ބާރު ހިންގުމުގެ ގޮތުން ކޮންމެހެން ބޭނުން ވާ ޢަދަދަށެވެ. ޟަރޫރަތް ފުދޭ އެންމެ މަދު މިންވަރަށެވެ. އެންމެ ފުރަތަމަ ސަބަބަކީ، ކޮންމެ ސިޔާސީ މަޤާމަކީ ދައުލަތުގެ ޚަޒާނާއިން، ރައްޔިތުންގެ ފައިސާއިން، އެ މަޤާމަކަށް ބޮޑެތި ޚަރަދުތަކެއް ކުރާން ޖެހޭ މަޤާމަކަށް ވުމެވެ. މުސާރަޔާއި، މުއައްޒަފަށް ފޯރު ކޮށްދޭ އޮފީސް ޖާގަޔާއި، މަސައްކަތް ކުރާ އާލަތްތަކާއި، އޭނާ ބޭނުން ކުރާ ކަރަންޓާއި ފެނުގެ ޚަރަދާއި، ރަސްމީ ދަތުރުތަކާ ގުޅިގެން އެ މީހަކަށް ދައުލަތުން ދޭން ޖެހޭ އެކިއެކި ޢިނާޔަތްތައް ފަދަ އެތައް ޚަރަދެކެވެ. މި ޚަރަދުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ޖީބުން ކުރައްވާ ޚަރަދުތަކެއް ނޫނެވެ. ރައްޔިތުންގެ ޚަޒާނާއިން ކުރެވޭ ޚަރަދުތަކެވެ. އެހެންކަމުން، ބޭނުމެއް ނެތް ގޮތުގައި ސިޔާސީ މަޤާމުތައް އުފެއްދުމަކީ، ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރުމެވެ. ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރި ވުމެވެ. މީގެ އިތުރުން، ބޭނުން ވާ ޢަދަދަށް ވުރެ އިތުރަށް ސިޔާސީ މަޤާމުތަކުގައި މީހުން ގެންގުޅުމަކީ ދައުލަތުގެ ނިޒާމުގެ ހިންގުމަށް ވެސް ބުރޫ އަރާނެ ކަމެކެވެ. "އިކޮނޮމީޒް އޮފް ސްކޭލް"ގެ މަފްހޫމުގެ އަލީގައި ވިސްނައިލިޔަސް، އެކަން އެނގެއެވެ. އެކަކަށް ކުރެވޭނެ މަސައްކަތް ކުރާން ތިންހަތަރުފަސް މީހުން ލީމާ، ވާނީ ރަނގަޅު ނޫންކަން ހަމަ ބުއްދީން ވިސްނާ ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެއެވެ.

ތިންވަނަ ކަމަކަށް، ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކުރެއްވުމާއި، އެ މަޤާމުތަކުން މީހުން ވަކި ކުރެއްވުމުގެ ކަންކަން ރައީސް ގެންދަވާން ވާނީ، އަދި އެކަމަށް ޤާނޫނުއަސާސީން އެމަނިކުފާނަށް ދީފައި އޮންނަ ބާރާއި އިޚްތިޔާރުގެ ބޭނުން ކުރައްވާން ވާނީ ރަނގަޅު ގޮތުގައެވެ. ތިމަން މަނިކުފާނު މަޤާމަކަށް މީހަކު ޢައްޔަން ކުރި ގޮތާ މެދު، ނުވަތަ މަޤާމަކުން މީހަކު ވަކި ކުރި ގޮތާ މެދު ސުވާލު ނުވަތަ އިޢުތިރާޟު ކުރުމުގެ ޤާނޫނީ ބާރު އޮތް އެކަކު ވެސް ނެތޭ ހީފުޅު ކުރައްވައިގެން، "އާރބިޓްރަރީކޮށް" އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެއެވެ. މުޅި މަރުޙަލާ ގެންދަވާން ވާނީ ދެފުށްފެންނަ ގޮތެއްގައެވެ. އެގޮތުން، މަޤާމެއް އުފައްދަވާ ނަމަ، އެއީ ކޮން ޟަރޫރަތެއް އޮވެގެން، ކޮން މަޤްޞަދުތަކެއް އަދި ލަނޑުދަނޑިތަކެއް ޙާޞިލު ކުރެއްވުމުގެ ގޮތުން އުފައްދަވާ މަޤާމެއްކަން ރައްޔިތުންނަށް އެނގޭން ވާނެއެވެ. މަޤާމަކަށް މީހަކު ޢައްޔަން ކުރައްވަނީ ނަމަވެސް، އެ މީހަކު އިޚްތިޔާރު ކުރެއްވީ ކީއްވެގެން ކަމާއި، ކޮން މިންގަނޑުތަކަކުން ބައްލަވައިފައިކަން ބަޔާން ކުރެވިފައި އޮންނާން ވާނެއެވެ. ހަމައެހެންމެ، ސިޔާސީ މަޤާމެއްގައި ހުރި މީހަކު މަޤާމުން ވަކި ކުރައްވާން ވާނީ ވެސް، އެކަން ކުރައްވާ ސަބަބުތައް ރައްޔިތުންނަށް ރަނގަޅަށް އެނގޭނޭ ފަދަ ގޮތެއްގައެވެ. ކުރުކޮށް ދަންނަވާ ނަމަ، ސިޔާސީ މަޤާމުތަކާ ބެހޭ ހުރިހައި ކަމެއް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާން ވާނީ އިޙްސާންތެރިކަމާ އެކުގައެވެ. ޢަދުލުވެރި ގޮތުންނެވެ. ބުއްދި ޤަބޫލު ކުރާ ޢަޤުލުވެރި އަދި ރަނގަޅު ހަމަތަކުގެ މަތީގައެވެ.

މިއީ ޤައުމަށް ތެދުވެރި، ރައްޔިތުންނަށް އަމާނާތްތެރި، އަދި ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ ކޮންމެ ރައީސަކު ވެސް ޢަމަލު ކުރައްވަވާން ވާނެ ގޮތެވެ. އަމިއްލަފުޅަށް ހިފަހައްޓަވާން ވާނެ، އަމިއްލަފުޅު ނަފުސުގެ މައްޗަށް ސާބިތުކަމާ އެކު ތަންފީޛު ކުރައްވާން ވާނެ މިންގަނޑުތަކެވެ. ނުކުތާގެ މުހިއްމުކަމަށް ޓަކައި، އަދިވެސް ތަކުރާރު ކޮށްލާނަމެވެ. ޤާނޫނުގެ ވެރިކަމުގެ މަބްދައު ހިނގާ ދައުލަތެއްގައި، ކޮންމެ މީހަކަ ށް ވިޔަސް ޤާނޫނުން ދީފައި އޮންނަ އެއްވެސް އިޚްތިޔާރެއް އަދި ބާރެއް، ތަޢައްސުފީކޮށް ބޭނުން ކޮށްގެން ނުވާނެއެވެ. އެ އިޚްތިޔާރެއް އަދި ބާރެއް ބޭނުން ކުރާން ވާނީ ޢަދުލުއިންޞާފުގެ މަގުން، ހަމަބުއްދިޔާއި ޢަޤުލީ އަސާސްތަކުގެ މަތީން، އަދި އިޙްސާންތެރިކަމާ އެކުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވާން ވާނީ، މި ކަމުގައި މުޅި ޤައުމަށާއި، ދައުލަތުގެ އެހެން އެންމެހައި ވެރީންނަށާއި މުއައްޒަފުންނަށް އެންމެ ރީތި ނަމޫނާ ދައްކަވާ ފަރާތަށެވެ.

އެހެން ޤައުމުތަކުގެ މިސާލު

ދުނިޔޭގެ އެހެން ތަންތަނުގައި ވެސް، ޙުކޫމަތުގެ ނިޒާމުގައި "ސިޔާސީ މަޤާމުތައް" ހުރެއެވެ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 115 (ޅ)ގައި އެ އޮންނަ މަފްހޫމާ އެއްގޮތަށް، ހަމަ އެއް މަޤްޞަދެއްގައި އުފައްދައިފައި ހުންނަ މަޤާމުތަކެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން މިސާލު ނަގަމާ ހިންގަވާށެވެ.

އަޅުގަނޑުމެން "ސިޔާސީ މަޤާމުތަކޭ" މި ކިޔަނީ، ޔުނައިޓެޑް ސްޓޭޓްސްގައި "ޕޮލިޓިކަލް އެޕޮއިންޓްމަންޓްސް"ގެ ނަން ދެވިފައި ވާ މަޤާމުތަކުގެ ގިންތިތަކުގެ ތެރެއިން ދެ ގިންތިއަކަށް ފެތޭ ވަޒީފާތަކަށެވެ. އެ ޤައުމުގައި "ޕޮލިޓިކަލް އެޕޮއިންޓްމަންޓްސް"ގެ ޤާނޫނީ ބުންޔާދަކީ، ޤާނޫނުއަސާސީގެ ދެވަނަ މާއްދާގެ ދެވަނަ ސެކްޝަނެވެ. އެ ސެކްޝަނުގެ ދަށުން، ވަޒީރުންނާއި، އެންބެސެޑަރުންނާއި، ކޮންސަލުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަދަ ބައެއް މަޤާމުތަކަކީ، ރައީސް ޢައްޔަން ކުރައްވާ "ޕޮލިޓިކަލް އެޕޮއިންޓީޒް" އެވެ. ހަމަ އެ މާއްދާގައި އޮންނަނީ ޤާނޫނާ އެއްގޮތް ވާ ގޮތުގެ މަތީން ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށާއި، ދައުލަތުގެ ޑިޕާޓްމަންޓްތަކުގެ އެންމެ އިސް ވެރީންނަށް ވެސް އެ މީހުންގެ ދަށުން މަސައްކަތް ކުރާ "ޕޮލިޓިކަލް އެޕޮއިންޓީޒް" ޢައްޔަން ކުރެވިދާނެ ކަމުގައެވެ. އެހެންކަމުން، ޔުނައިޓެޑް ސްޓޭޓްސްގައި ރައީސް ޢައްޔަން ކުރައްވަވާ "ޕޮލިޓިކަލް އެޕޮއިންޓީޒް" ތިބެނީ ހަމައެކަނި ވެރިކަން ހިންގުމުގެ ބާރު ނުވަތަ "އެގްޒެކެޓިވް" ގައެއް ނޫނެވެ. ޤާނޫނު ހަދާ މަޖލިހާއި، ޖުޑީޝަރީގައި ވެސް "ޕޮލިޓިކަލް އެޕޮއިންޓީޒް" ތިބެއެވެ. ހަމައެހެންމެ، ހުރިހައި "ޕޮލިޓިކަލް އެޕޮއިންޓީޒް" ޢައްޔަން ކުރައްވާނީކީ ރައީސެއް ވެސް ނޫނެވެ.

ޔުނައިޓެޑް ސްޓޭޓްސްގައި ވެސް، ރައީސުންނާއި އެހެން ބެއިފުޅުން ވެސް ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިއްޕަވާ ފަހަރު އައުދެއެވެ. ނަމަވެސް ޔޫއެސްގެ ދުސްތޫރީ ނިޒާމު ޖުމުލަ ގޮތެއްގައި ކާމިޔާބު ނިޒާމަކަށް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، "ޕޮލިޓިކަލް އެޕޮއިންޓީޒް"ގެ ކަންކަން ތަންޒީމު ކުރުމަށް ޓަކައި ވެސް ހަރުދަނާ އުޞޫލުތަކެއް ހުރެފައި، އެ އުޞޫލުތަކާ އެއްގޮތަށް ޢާއްމު ގޮތެއްގައި ޢަމަލު ކުރެވޭކަމެވެ. ޔޫއެސްގައި މި މަޤާމުތަކުގެ ކަންކަން ރޭވި ހިނގަމުންދާ ގޮތުގެ އެންމެ ފާހަގަ ކޮށްލެވޭ ސިފަތަކަށް ބަލައިލާ ނަމަ، "ޕޮލިޓިކަލް އެޕޮއިންޓީޒް" ޢައްޔަން ކުރެވެނީ ކޮންމެހެން ބޭނުން ވާ ޢަދަދަށެވެ. އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރެވެނީ "މެރިޓް-ބޭސްޑް" ވަޒަން ކުރުމެއްގެ ތެރެއިން، ޤާބިލު މީހުންނެވެ. ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންގެ މައްޗަށް، ދައުލަތުގެ އެހެން މުއައްޒަފުންނަށް އޮންނަ ސުލޫކީ މިންގަނޑުތަކަށް ވުރެ ހަރުކަށި މިންގަނޑުތަކެއް ކަނޑައެޅި، އެ މިންގަނޑުތަކަށް އެމީހުން ތަބަޢަ ވޭތޯ ބަލައި ޖަވާބުދާރީ ކުރުވުމުގެ ހަރުދަނާ ނިޒާމެއް "ޔޫއެސް އޮފީސް އޮފް ގަވަރންމަންޓް އެތިކްސް"ގެ ދަށުން ޤާއިމު ކުރެވިފައި އޮވެއެވެ. ސިޔާސީ މަޤާމުތަކުގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިޔުމަށް ޓަކައި، "ޔޫއެސް އޮފީސް އޮފް ޕަރސޮނޭލް މެނޭޖްމަންޓް" އާއި "ޕްލަމް ބުކް" ފަދަ ވަސީލަތްތަކުގެ އެހީގައި އެތައް ކަމެއް ކުރެވެއެވެ.

މި ދެންނެވި ގޮތުގެ މަތީން ޔުނައިޓެޑް ސްޓޭޓްސްގެ ރައީސާއި، ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ދައުލަތުގެ ޑިޕާޓްމަންޓްތަކުގެ އިސް ވެރީން ޢައްޔަން ކުރައްވާ "ޕޮލިޓިކަލް އެޕޮއިންޓީޒް"ގެ މުޅި ޖުމުލަޔަކީ ގާތްގަނޑަކަށް 4000 އެވެ. އެއީ 15 ވަޒީރުންނާއި، އެ ބެއިފުޅުންގެ ނާއިބުންނާއި، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ އާއި، ފެޑްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނާއި، ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީ ފަދަ އެތައް އިދާރާއެއްގެ އިސް ވެރީންނާއި، ކޮންގްރެސްގެ ދަށުގައި ހުންނަ އެކިއެކި އޮފީސްތަކުގެ އެންމެ އިސް ވެރީންނާއި، ވުޒާރާތަކުގެ ދަށުންނާއި ވަކި ވުޒާރާއެއްގެ ކުޑައިގެ ދަށަށް ނުވަންނަ ގޮތަށް ހިނގާ އެތައް އިދާރާއެއްގެ އެންމެ އިސް ވެރީންނާއި، ފެޑެރަލް ޖުޑީޝަރީގެ ތިން ދަރަޖައެއްގެ ކޯޓުތަކުގައި ތިބޭ 890 ފަނޑިޔާރުންނާއި 530 މެޖިސްޓްރޭޓް ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ ޕޮލިސް ފޯހުގެ އިސް އޮފިސަރުންނާއި، ޖުޑީޝަރީގައި ހިމެނޭ ކޯޓަކަށް ނުވާ ވަކި ހަތް އޮފީހެއްގެ އިސް ވެރީންނާއި، ފެޑްރަލް ޓްރައިބިޔުނަލްތަކުގެ އެތައް ފަނޑިޔާރުންނާއި، ބައިނަލްއަޤްވާމީ 15 ވަރަކަށް ޖަމާޢަތުގައި ޔުނައިޓެޑް ސްޓޭޓްސް ތަމްސީލު ކުރައްވާ ޑިޕްލޮމެޓުންނާއި، ދުނިޔޭގެ 169 ޤައުމެއްގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސްގެ އެންބަސީތަކުގައި ތިއްބަވާ ޑިޕްލޮމެޓުންނާއި، ފެޑްރަލް ރިޒާރވް ބޯޑުގެ ގަވަރުނަރުން ހިމެނޭ ގޮތުން ޢައްޔަން ކުރެވޭ 4000 ބެއިފުޅުންނެވެ.

އެމެރިކާ އަކީ ގާތްގަނޑަކަށް ތިންސަތޭކަ ނަވާވީސް މިލިޔަން ރައްޔިތުންގެ މައްޗަށް އެކުލެވޭ ދައުލަތެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ޤައުމެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޤައުމެވެ. ދުނިޔޭގައި އޮތް ޙުކޫމަތުގެ ނިޒާމުގެ ސައިޒާއި މަސައްކަތް އެންމެ ބޮޑު އެއް ޤައުމެވެ. އެންމެ މުޢައްޤަދު ބިޔުރޯކްރެސީއެއް އޮތް އެއް ދައުލަތެވެ. އެ ޤައުމުގައި ދައުލަތުގެ ތިން ބާރުގައި ހިމެނޭ ހުރިހައި އިދާރާތަކަކަށް ޢައްޔަން ކުރެވޭ ހުރިހައި "ޕޮލިޓިކަލް އެޕޮއިންޓީޒް" ގެ ޢަދަދު 4000 ގައި އުޅޭ އިރު، އާބާދީގައި އެންމެ ފަސްލައްކަ ވަރަކަށް ރައްޔިތުން ތިބި ދިވެހިރާއްޖޭގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން ހަމައެކަނި ތަންފީޛީ ބާރުގައި "ޕޮލިޓިކަލް އެޕޮއިންޓީޒް" ގެ ގޮތުގައި ގާތްގަނޑަކަށް 1000 މީހުން އެބަތިއްބެވެ. ދިވެހިރާއްޖޭގައި އާބާދީގެ ބޮލަކަށް "ޕޮލިޓިކަލް އެޕޮއިންޓީޒް" ތިބި ނިސްބަތުން، ޔުނައިޓެޑް ސްޓޭޓްސްގައި އެފަދަ މަޤާމުތައް ހުރި ނަމަ، ދައުލަތުގެ ތިން ބާރުގައި ހިމެނޭ "ޕޮލިޓިކަލް އެޕޮއިންޓީޒް"ގެ ޢަދަދު އެއް މިލިއަނަށް އަރާނެއެވެ. މިހާރު ތިބި 4000 މީހުންގެ ބަދަލުގައި އެއް މިލިޔަނެވެ!

އިތުރު މިސާލެއްގެ ގޮތުގައި އިނގިރޭސި ވިލާތަށް ބަލައިލަމާ ހިންގަވާށެވެ! މީލާދީން 1854 ވަނަ އަހަރުގެ "ނޯރތުކޯޓް-ޓްރެވްލިއެން ރިޕޯޓާ" ގުޅިގެން އެ ޤައުމުގައި ތަޢާރަފު ކުރެވުނު މަދަނީ ޚިދުމަތުގައި – ސިވިލް ސަރވިސް – އެއިރުއްސުރެ ސިޔާސީ މުއައްޒަފުންނެއް ނުތިބެއެވެ. އެއިރުއްސުރެ އެ ޤައުމުގައި "ޕޮލިޓިކަލް އެޕޮއިންޓީޒް"ގެ ގޮތުގައި ތިބެނީ ހަމައެކަނި ތިބެނީ ވަޒީރުންނެވެ. އެތައް ޒަމާނެއް ވާންދެން އެހެން އޮތުމަށް ފަހު، ސިޔާސީ އިތުރު މަޤާމުތަކެއް އުފެއްދުމުގެ ބޭނުންތެރިކަން ބަލައިގަނެވި، އެފަދަ މަޤާމުތަކެއް އުފެއްދުނީ 1960 ގެ ތެރޭގައެވެ. ހެރަލްޑް ވިލްސަންގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރުއެވެ. އެއިރު އުފެއްދުނީ އެންމެ ތިން މަޤާމެވެ. ބޮޑުވަޒީރަށް އިޤްތިޞާދީ ދާއިރާއިން ލަފާ ދޭ މުސްތަޝާރުންގެ ތިން މަޤާމެވެ. އެ މަޤާމުތަކަށް ލެވުނީ އެއިރު އިނގިރޭސި ވިލާތުގައި ތިއްބެވި އެންމެ ތަޖުރިބާކާރު އިޤްތިޞާދީ މާހިރުންގެ ތެރެއިން ތިން ބެއިފުޅުންނެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ ފަހުން އިނގިރޭސި ވިލާތުގައި "ސިޔާސީ މަޤާމުތައް" މަޑުމަޑުން ގިނަ ވަމުން އައި ކަމުގައި ވިޔަސް، މިއަދު ވެސް ހުރިހައި މިނިސްޓަރުންނާއި ޖޫނިއަރ މިނިސްޓަރުންނާއި އަންޑަރސެކްރެޓަރީންނާއި ޕްރައިވެޓް ސެކްރެޓަރީންނާއި "ވިޕްސް" ހިމެނޭ ގޮތުން އެ ޢަދަދު ހުރީ ގާތްގަނޑަކަށް 100 ގައި ހިފެހެއްޓިފައެވެ. އިނގިރޭސި ވިލާތުގެ ވުޒާރާއެއްގައި އެވްރެޖްކޮށް ތިބެނީ ޖުމުލަ ހަތަރު ސިޔާސީ މުއައްޒަފުންނެވެ. އެއީ މިނިސްޓަރ، ޖޫނިއަރ މިނިސްޓަރ، އަދި ދެ އަންޑަރސެކްރެޓަރީންނެވެ. އެއްވެސް މިނިސްޓަރަކު ސިޔާސީ މުއައްޒަފެއްގެ ގޮތުގައި ޕްރައިވެޓް ސެކްރެޓަރީއެއް ގެންގުޅުއްވާ ނަމަ، އެއީ ދައުލަތުން މުސާރަ ވެސް ދޭ މަޤާމެއް ނޫނެވެ. ދިވެހިރާއްޖޭގައި ސިޔާސީ މަޤާމުތަކުގައި މީހުން ތިބި ނިސްބަތުން އިނގިރޭސި ވިލާތުގައި ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކޮށްފި ނަމަ، އެ ޤައުމުގެ ދައުލަތުގެ ހިންގުމުގެ ބާރުގައި އެކަނި 13500 ވަރަކަށް ސިޔާސީ މުއައްޒަފުން ތިބޭން ވާނެއެވެ. މިހާރު ތިބި ސަތޭކަ ވަރަކަށް މީހުންގެ ބަދަލުގައި ތޭރަހާސް ފައްސަތޭކައެވެ!

ބޭނުން ވަނީ ކިތައް ސިޔާސީ މަޤާމު؟

މި ދެކެވުނު ވާހަކަތަކުގެ އަލީގައި، ދިވެހި ސަރުކާރުގައި އޮންނާން ވީ ގާތްގަނޑަކަށް ކިތައް ސިޔާސީ މަޤާމު ހެއްޔޭ، މިއީ ކޮށްލުން މުނާސިބު ސުވާލެކެވެ.

ތަންފީޛީ ބާރުގައި އޮންނާން ވީ ކިތައް ސިޔާސީ މަޤާމުކަން ކަނޑައެޅިގެން ދާނީ ޤައުމުގެ ޙާލަތާއި، އާބާދީ އާއި، ޙުކޫމަތުގެ މަސައްކަތް ހިނގާނުހިނގާ ގޮތާއި، ޤައުމުގެ އިޤްތިޞާދީ ކެރިފޯރުންތެރިކަމާއި، ޑިޕްލޮމެޓިކް މިޝަންތަކާއި އެންބަސީތައް ފަދަ ތަންތަން ހުންނަ ޢަދަދު ފަދަ ކަންކަމަށް ބެލިގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، އެއީ ޟަރޫރަތު އޮންނަ ވަރަކުން، ބޭނުން ވާ ޢަދަދަކަށް އުފައްދާން ޖެހޭ އެއްޗެކެވެ. މި ކަމާ ގުޅިގެން، އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނާން ޖެހޭ ކަމަކީ، ރާއްޖެޔަކީ އާބާދީ މަދު، އިޤްތިޞާދީ ގޮތުން ފުދުންތެރިކަމާއި ތަނަވަސްކަން ކުޑަ ދައުލަތެއް ކަމެވެ. މި ހިސާބުން ވެސް ސިޔާސީ މަޤާމުތައް ވީހައި މަދު ކުރުމަށް ޚާއްޞަ ގޮތެއްގައި ވިސްނުން ބަހައްޓާން ޖެހޭކަން އެނގެއެވެ. އަޅުގަނޑުމެންގެ ދައުލަތުގެ ތަންފީޛީ ބާރުގެ އޮނިގަނޑަށް ބަލާ އިރު، މިހާރު ވެސް ބޭނުން ވާ ޢަދަދަށް ވުރެ ވުޒާރާތައް ވެސް ގިނައެވެ. މިހާރު 18 ވުޒާރާ އެބަހުއްޓެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގައި އެންމެ ގިނަ ވެގެން ވެސް ހުންނާން ޖެހެނީ 12 ވަރަކަށް ވުޒާރާއެވެ. ކޮންމެ ސަރުކާރެއްގައި ވެސް، މިއަށްވުރެ އިތުރަށް އުފައްދައިފައި ހުންނަ ވުޒާރާތަކަށް ބަލައިލުމުން، ފެންނަ މަންޒަރަކީ މީސްމީހުންނަށް ވަޒީރުކަން ދިނުމުގެ މަޤްޞަދުގައި ވުޒާރާތައް އުފައްދައިފައި ހުންނަ ތަނެވެ. ވުޒާރާތަކުގެ ދަށުން، އެ ވުޒާރާތަކުގެ މަސައްކަތާއި ދައުރުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް ޓަކައި އުފެދިފައި ވާ އިދާރާތަކާއި މުއައްސަސާތަކަށް ބަލާ އިރު، އަޅުގަނޑުމެންގެ ސަރުކާރުގައި އެފަދަ ތަންތަނުގެ ޢަދަދު އުޅެނީ 80 ވަރުގައެވެ. އެއީ ޤާނޫނުއަސާސީން އުފައްދައިފައި ހުރި މިނިވަން މުއައްސަސާތަކާއި، ޤާނޫނުން އުފައްދައިފައި ހުރި މިނިވަން އިދާރާތަކާއި، ދައުލަތުގެ ވިޔަފާރި އެންޓަރޕްރައިޒްތަކާއި، އަތޮޅުތެރޭގައި ޤާއިމު ކުރެވިފައި ވާ ކައުންސިލު އޮފީސްތަކާއި، އަތޮޅުތެރޭގައި ހުންނަ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކާއި، ޝަރުޢީ ކޯޓުތަކާއި، ޖުޑީޝަރީގެ އިދާރާތައް ނުހިމަނައެވެ. ތަންފީޛީ ބާރުގެ ތެރޭގައި ހިމެނޭ، އަދި ވުޒާރާތަކުގެ ދަށުން ހިނގާ ތަންތަނުގެ ތެރެއިން ވެސް، އަތޮޅުތެރޭގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި، ސަރުކާރުގެ މަދަރުސާތަކާއި، ސަރުކާރުން ހިންގާ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތަކުގެ އިތުރުންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ސަރުކާރަކީ ޤައުމަށް ބޭނުން ވާ ވަރަށް ވުރެ ސައިޒު ބޮޑު، އިދާރާތައް ގިނަ، އަދި އިސްރާފު ބޮޑު ސަރުކާރެކެވެ.

އިސްވެ ދެންނެވުނު ފަދައިން، ޤާނޫނުއަސާސީގެ 15 (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ސިޔާސީ މަޤާމުތަކުގެ ގޮތުގައި ތަންފީޛީ ބާރުގެ ތެރޭގައި ހުރި މަޤާމުތަކުގެ ޢަދަދު މިހާރު 1000 އާ ގާތް ކުރަނީއެވެ. ކޮންމެ ފޯމިޔުލާއެއް ބޭނުން ކޮށްގެން، ކޮންމެ އަސާސެއްގެ މަތީގައި، ކޮންމެ ގޮތަކަށް ވަޒަން ކުރިޔަސް، މިއީ ބަޔަކު ޙައިރާން ވެ އަންތަރީސް ވާ ފަދަ ބޮޑު ޢަދަދެކެވެ. އެންމެން އެއް ފަހަރާ ތެދު ވެ، ބަލަގަ ތިޔަ ހަދަނީ ކިހިނެއް ހެއްޔޭ، ބުނެ ސުވާލު ކޮށްގަންނާން ޖެހޭ ވަރުގެ ބޮޑު ޢަދަދެކެވެ. މިއީ އެއްވެސް ގޮތަކުން ތަބްރީރު ނުކުރެވޭނޭ ފަދަ ގޮތެއްގައި ކުރެވެމުންދާ ކަމެކެވެ. މި ޢަދަދު މިއަށްވުރެ އެތައް ތަނެއް ދަށް ވާން ޖެހެއެވެ. ވީމާ، މި ނުކުތާ ފެށި އިރު އަޅުގަނޑު ހުށައެޅި ސުވާލާ ހަމަޔަށް އެނބުރިދެވުނީއެވެ. އެ ސުވާލަކީ، ދިވެހި ސަރުކާރުގައި އޮންނާން ވީ ކިތައް ސިޔާސީ މަޤާމު ހެއްޔޭ، މިއެވެ.

އަޅުގަނޑުގެ ނަޒަރުގައި ސަރުކާރަށް – ސަރުކާރަކީ ހަމައެކަނި ތަންފީޛީ ބާރު ނުވަތަ ވެރިކަން ހިންގުމުގެ ބާރެވެ – ބޭނުން ވާނީ 12 ވަރަކަށް ވުޒާރާގެ ވަޒީރުންނާއި، ނާއިބު ވަޒީރުންނާއި، އަންޑަރސެކްރެޓަރީންގެ ގޮތުގައި ގިނަ ވެގެން 50 ވަރަކަށް ސިޔާސީ މުއައްޒަފުންނެވެ. ރައީސް އޮފީހުގެ އިސް ވެރީންނާއި، ޑިވިޜަންތަކާއި ސެކްޝަންތަކުގެ އިސް ވެރީންގެ ގޮތުގައި ގިނަ ވެގެން 30 ވަރަކަށް ސިޔާސީ މުއައްޒަފުންނެވެ. ތަންފީޛީ ބާރުގެ އެހެނިހެން އިދާރާތަކާއި މުއައްސަސާތަކުގެ އިސް ވެރީންގެ ގޮތުގައި، ގިނަ ވެގެން ގާތްގަނޑަކަށް 100 ވަރަކަށް ބެއިފުޅުންނެވެ. އަތޮޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ހިންގޭކަން ކަށަވަރު ކުރުމަށް ޓަކައި، ކޮންމެ އަތޮޅު ކައުންސިލެއްގައި އެއް ބެއިފުޅެކެވެ. މި ޢަދަދުތަކުން ބެލީމާ، ސިޔާސީ މުއައްޒަފުންގެ ޖުމުލަޔަކަށް ވާނީ 200 އެވެ. ރައީސުލްޖުމްހޫރިއްޔާއަށް "ލެޓިޓިޔުޑެއް" ދިނުމުގެ ގޮތުން މި ޢަދަދު 250 އަށް މަތި ކޮށްލަމާ ހިންގަވާށެވެ!

މިއީ ހިފަހައްޓާން ވާނެ ކަމަށް އަޅުގަނޑު ދެކޭ މިންގަނޑެވެ. އެންމެ ގިނަ ވެގެން ވެސް، 250 އަށް ވުރެ އިތުރަށް، އަޅުގަނޑުމެންގެ ނިޒާމުގައި ސިޔާސީ މުއައްޒަފުން ތިބެގެން ނުވާނެއެވެ. ތިބި ނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މާފިޔާ ގޭންގުތަކުގެ ސަގާފަތް ...

މަޝްހޫރު "ދަ ގޯޑްފާދަރ" ފިލްމު ސިލްސިލާ ބެއްލެވީމުތޯއެވެ؟

"ދަ ގޯޑްފާދަރ" އަކީ 1972 އާއި 1990 އާ ދެމެދު، ހޮލީވުޑުގައި އުފެއްދި ތިން ފިލްމުގެ ސިލްސިލާއެކެވެ. އެ ސިލްސިލާގައި ދައްކައިދެނީ މާފިޔާ މުޖުރިމެއްގެ "ކުށުގެ އާއިލާ"ގެ ކަންކަން ހިނގާ ގޮތެވެ. އެ ފިލްމު ބައްލަވައިލެއްވި ބެއިފުޅަކަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާފިޔާ ކުށުގެ އާއިލާތަކުގައި އިސްމީހެއް ނުވަތަ "ބޮހެއް" ހުރެއެވެ. އެ މީހަކަށް ވާނީ އާއިލާގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ހުންނަ މީހެކެވެ. އޭނާޔަކީ އެންމެންގެ ވެރިޔާއެވެ. އެންމެންގެ "ގޯޑްފާދަރ" އެވެ. އޭނާގެ އަނބިދަރީންނާއި، އަޚުން އުޚްތުންނާއި، ބޮޑުބޭބެދަރީންނާއި، ދެބެއިންގެ ދެދަރި މީހުންނާއި، މިހެން ގޮސް އެތައް ހިސާބަކުން ތިމާގެ ވާ އެތައް ބަޔަކު އޭނާގެ ދަށުން ތިބެއެވެ. ގާތް ރަޙުމަތްތެރީންނާއި ވަފާތެރި ޚާދިމުން ވެސް ޢާއިލާގެ މެންބަރުންތަކެއްގެ ގޮތުގައި އުޅޭނެއެވެ. މި އެންމެންގެ ވެސް ދިރިއުޅުމުގެ އަމާޒަކީ "ގޯޑްފާދަރ" ނުވަތަ އެމީހުންގެ "މާފިޔާ ބޮސް" އެދޭ ގޮތަކަށް، އަދި އޭނާގެ އެންގުންތަކާ އެއްގޮތަށް، ޢާއިލާގެ ޖިނާއީ ޙަރަކާތްތައް ހިންގުމެވެ. ޢާއިލާ ނުވަތަ ގޭންގުގެ ކޮންމެ މީހަކަށް ވެސް "ގޯޑްފާދަރ"ގެ ފަރާތުން ގެދޮރާއި، ކާރާއި، ބޮޑީގާޑުންނާއި، ނަގުދު ފައިސާއިން ދޭ މުސާރަ ފަދަ ޢިނާޔަތްތައް އޮވެއެވެ. އެ މީހެއްގެ ދަރަޖަޔާއި، "ގޯޑްފާދަރ" އަށް އެމީހެއްގެ އަހައްމިއްޔަތާއި ބޭނުންތެރިކަން އޮންނަ މިންވަރަކުންނެވެ. އެކަކު ވެސް ބާކީއެއް ނުކުރެވޭނެއެވެ. "ގޯޑްފާދަރ"ގެ ގާތުގައި އޭނާގެ ސިނގިރެޓު ރޯ ކޮށްދީ، އޭނާގެ ރާތަށި ފުރައިދޭން ތިބޭ މީހުންނަށް ވެސް ރަނގަޅު މުސާރައެއް ދެވޭނެއެވެ. އެހެންނޫނީ، އެމީހުން "ގޯޑްފާދަރ" އަށް ޚިޔާނާތްތެރި ވުން އޮންނާނީ ދާދި ގާތުގައެވެ. ވާދަވެރި އެހެން "ކުށުގެ ޢާއިލާއެއް" ނުވަތަ "ގޭންގަކަށް" ސިއްރުން އެހީތެރިވުމާއި، މަޢުލޫމާތު ވިއްކުން ފަދަ ކަންކަން ވަރަށް އަވަހަށް ހިނގާން ފަށައިފާނެއެވެ. އެހެންކަމުން، "ގޯޑްފާދަރ" އޭނާގެ "ޢާއިލާ" ނުވަތަ ގޭންގުގެ މެންބަރުން އޭނާގެ ވަފާތެރި ބައިވެރީންގެ ގޮތުގައި ބައިތިއްބާން ބޭނުން ނަމަ، އެއިން ކޮންމެ މީހަކަށް ވެސް "ސިޔާސީ މަޤާމެއް" ދީފައި، އެ މަޤާމާ ގުޅިގެން ދެވޭ މުސާރަޔާއި ޢިނާޔަތްތައް ދޭން ޖެހެއެވެ. "ގޯޑްފާދަރ" ގެ "ޕޭރޯލް" ގައި އެމީހުން ބައިތިއްބާން ޖެހެއެވެ.

މިއީ މާފިޔާ ގޭންގުތައް ހިނގާ ގޮތެވެ. މާފިޔާ "ކުށުގެ ޢާއިލާތަކުގެ" ސަގާފަތެވެ.

ވެރިކަން ކުރާ ސިޔާސީ ޕާޓީގެ އިސް މީހުންނާއި، އެކްޓިވިސްޓުންނާއި، މުޒާހަރާވެރީންނާއި، ވެރީންގެ ޢާއިލާގެ މީހުންނާއި، ރަޙުމަތްތެރީންނާއި، ސިޔާސީ މަދަދުގާރުންނާއި ޚިދުމަތްތެރީންނަށް، އެމީހުންގެ ޢިލްމީ އަދި ފަންނީ ޤާބިލިއްޔަތަށް ބެލުމެއް ނެތި، ސަރުކާރަށް އެއްވެސް ޟަރޫރަތެއް ނެތި، މުސާރައޭ ކިޔައިފައި ރައްޔިތުންގެ ޚަޒާނާއިން ނުޙައްޤުން ފައިސާ ދީގެން އެމީހުން ޕާޓީގައި "އުފަލުގައި" ބެއިތިއްބުމުގެ ގޮތުން، އެމީހުންނަށް "ސިޔާސީ މަޤާމުތައް" ދީގެން ދައުލަތުގެ "ޕޭރޯލް"ގައި އެމީހުން ގެންއުޅުމާ، އިސްވެ ދެންނެވި "މާފިޔާ ކުށުގެ ޢާއިލާތަކުގައި" އެ އޮންނަ ސަގާފަތާ މާބޮޑު ތަފާތެއް އެބައޮތްތޯއެވެ؟

ދައުލަތަށް ފައިދާއެއް މަންފާއެއް ނެތް ގޮތުގައި، އަދި ޕާޓީގެ އިސް މީހުންނާއި އެކްޓިވިސްޓުންނަށް ދައުލަތުގެ ޚަޒާނާއިން ބޮޑެތި މުސާރަތައް ލިބޭނެ މަގުފަހި ކުރުން ފިޔަވައި އެހެން އެއްވެސް މަޤްޞަދެއް ނެތި، އެތައް ސަތޭކަ ސިޔާސީ މަޤާމެއް އުފެއްދުމާއި އެ މަޤާމުތަކަށް "މަގުމަތީން ހޮވައިގެންނާ އެކު" މީހުން ޢައްޔަން ކުރުން ދިވެހިރާއްޖޭގައި ބައްޔެއްގެ ގޮތުގައި ޢާއްމު ވެގެން އައީ 2008ގައި ވެރިކަން ބަދަލު ވުމަށް ފަހުގައެވެ. ވެރިކަން ބަދަލު ވުމާ އެކު، ރާއްޖޭގެ އަތޮޅުތަކުގައި އަތޮޅުވެރީންނާއި ކަތީބުންގެ ގޮތުގައި ތިއްބެވި ނުހަނު ތަޖުރިބާކާރު، އަޚްލާޤު ރަނގަޅު، ޤައުމަށް އެތައް ޚިދުމަތެއް ކުރެއްވި، އަދި އެއްފަރާތް ކުރެވި ހަވާސާޔަށް ލެވިގެން ނުވާނެ އެތައް ބެއިފުޅުންނެއް ކޮއްޕައި ގަޅުވައިލެވުނެވެ. މި ބޮޑު ޚިޔާނާތް ތަބްރީރު ކުރެވުނީ "މައުމޫނިޒަމް" ނެއްތައިލުމަށް ކޮންމެހެން ބޭނުން ފިޔަވަޅެއްގެ ގޮތުގައެވެ. ޙަޤީޤަތުގައި އެވެސް، މުޅި ޤައުމު ބަލަހައްޓައިގެން އޮއްވައި، އެއްވެސް އިންޞާފެއް ނުވަތަ ހަމައެއް ބެލުމެއް ނެތި، ގެނައި އަނިޔާވެރި "ޕާރޖް" އެކެވެ. އެ "ޕާރޖް"ގައި ބާކީ ކޮށްލެވި ބިކަ ކޮށްލެވުނު އެތައް ޚިދުމަތްތެރި ބެއިފުޅުންނެއް، ހަމަ ކުއްލިޔަކަށް ނަގައި އެއްލައިލެވުނީ ތިރީސް ސާޅީސް އަހަރު ވާންދެން ދައުލަތަށް ކުރެއްވެވި ޚިދުމަތުގެ ބަދަލުގައި އެކަށޭނަ ޢިނާޔަތްތަކެއް ވެސް ނުދީއެވެ. "ލަފުގައި ހިފައި ހޫރައިލާ" ބީދައިންނެވެ. މި ބޮޑު އަނިޔާ އަށް ފަހު، މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ފަރާތްތަކާއި އެކްޓިވިސްޓުން، އެ މީސްމީހުންގެ ޢިލްމީ، ފަންނީ، އަދި އަޚްލާޤީ ޤާބިލިއްޔަތާ މެދު ހޭވެސް އަހައިލުމެއް ނެތި، ފަނަރަ ވިހި ފަންސަވީސް ހާހުން މުސާރަ ލިބޭ ގޮތަށް، ކުރީން ދައުލަތުގެ ނިޒާމުގައި ހުރި މަޤާމުތަކަށާއި އަލަށް އުފެއްދުނު އެތައް މަޤާމުތަކަކަށް ލެވުނެވެ.

ނަފްރަތާއި ބަދަލު ހިފުމުގެ "ސްޕްރީ" އެއްގެ ތެރެއިން، ރައީސް މައުމޫނަށް ވަފާތެރި ނުވަތަ އެމަނިކުފާނަށް ތާއީދު ކުރާ މީހުން ނިކަމެތި ކޮށްލުމުގެ ލަގަނެއް ނެތް، އަދި ސިޔާސީ ޙައްދުފަހަނައެޅުމުގެ ސިޔާސަތެއްގެ ދަށުން، މި ދެންނެވި "ޕާރޖް" ހިންގުނު އިރު، އެމްޑީޕީގެ އިސް މީހުންނާއި އެކްޓިވިސްޓުންނަށް ސިޔާސީ މަޤާމުތައް ދެމުން ގެންދިޔަ އެއް ބޭނުމަކީ ބޮޑެތި މުސާރައިގެ ވަސީލަތުން އެމީހުން ރުއްސައި، ޕާޓީގެ ވަފާތެރި އެކްޓިވިސްޓުންގެ ގޮތުގައި އެމީހުން ބެއިތިއްބުމެވެ. އެމީހުން ޕާޓީއަށް ކުރާ ޚިދުމަތުގެ "ފުރިހަމަ ބަދަލު" ދިނުމެވެ. އެއިރު ޕާޓީ އެކްޓިވިސްޓުންނަށް ދިނުމަށް ޓަކައި ޤާނޫނުއަސާސީގެ 115 (ޅ)ގެ ދަށުން "ހޯލްސޭލްކޮށް" މަޤާމުތައް އުފެއްދުނު އިރު، އެއިގެ ތެރެއިން ވަރަށް މަދު މަޤާމެއް ފިޔަވައި އެހެން މަޤާމުތަކަކީ ޤާނޫނުއަސާސީގެ މާއްދާގެ ޙަޤީޤީ ރޫޙާއި މަޤްޞަދާ އެއްގޮތަށް އުފެއްދުނު އަދި މީހުން ލެވުނު މަޤާމުތަކެއް ނޫނެވެ. އަދި ކީއްތޯއެވެ! އެ މަޤާމުތައް އުފެއްދީ، އަދި އެ މަޤާމުތަކަށް މީހުން ލައިފައި ވަނީ 115 (ޅ)ގެ ނާޖާއިޒު ފައިދާ ނަގައިގެން، ސިޔާސީ މިތުރުންނާއި ޕާޓީގެ އެކްޓިވިސްޓުންގެ ބާލީސްތަކަށް ބަންޑާރަ ކަފަ ލައްވައިދިނުމުގެ މަގުންނެވެ. "ސިޔާސީ މަޤާމުތަކުގެ" ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ނުބައި ސަގާފަތާއި ވިސްނުންތަކުގެ ފެށުމަކީ އެޔެވެ.

އެމްޑީޕީން ގާއިމު ކުރި މި ސަވާބިގަށް ފަހު، އެކަން ވަނީ ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް ވެފައެވެ. ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި ވެސް، މައްސަލަ ޙައްލެއް ނުވިއެވެ. ދެހާސް ބާރަ އިން 2018 އަށް އެ ޕާޓީގެ އަތްމަތީގައި ޤައުމުގެ ބާރުތައް އޮތް އިރު ވެސް ފެނިގެން ދިޔައީ ޕާޓީ އާއި ޕާޓީ ކޯލިޝަނުގެ އެހެން ޕާޓީތަކުގެ އިސް މީހުންނާއި އެކްޓިވިސްޓުންނަށް އިނާމު ދޭ އުޞޫލުން ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކުރެވުނު މަންޒަރެވެ. ދެހާސް އަށާރާގައި އަނެއްކާ ވެސް އެމްޑީޕީ ވެރިކަމަށް އައި ފަހުން، މި ބަލި ދަނީ އިހުނަށް ވުރެ ވެސް ގޯސް ވަމުންނެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 500 ވަރަކަށް ސިޔާސީ މަޤާމު އޮތެވެ. މިހާރު އެ ޢަދަދު ވަނީ 1000 އާ ގާތް ކޮށްފައެވެ. ކުރިޔަށް އޮތް އަހަރެއް ދެ އަހަރެއްގެ ތެރޭގައި އެ ޢަދަދު ހާހުން އަރައިގެން ދިޔުން ދުރު ކަމަކަށް ނުފެނެއެވެ.

ޤާނޫނީ "ޓެކްނިކާލިޓީޒް" އެއްފަރާތް ކޮށްފައި، ކަމުގެ ޙަޤީޤަތާ އެއްގޮތަށް ބުނާ ނަމަ، މިހާރު ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމުތައް އުފައްދަވައި އެ މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވަމުން އެ ގެންދަވާ ގޮތަކީ، ދައުލަތުގެ ޚަޒާނާއިން ބަޔަކަށް ރިޝްވަތު ދިނުމެކެވެ. އެއީ ސިޔާސީ މަދަދުގާރުންގެ ގޮތުގައި ތިބޭމަތީން ބަޔަކަށް ދެއްވާ ނާޖާއިޒު ހަދިޔާއެކެވެ. ރައީސަށް 115 (ޅ) އިން ލިބިވަޑައިގެންފައި ވާ ބާރުގެ ބޭނުން ނުޙައްޤު، ނާޖާއިޒު، އަދި އަޚްލާޤީ ގޮތުން ހުއްދަ ނޫން ގޮތުގައި ކުރައްވަވައިގެން، ބަޔަކަށް ހުއްދަ ނޫން ފައިދާއެއް ހޯއްދަވައިދެއްވަނީއެވެ. ޤާނޫނުއަސާސީގެ 115 (ޅ) އޮތް ގޮތުން، މި ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް "އެންޓި-ކޮރަޕްޝަން" ޤާނޫނުތަކުގެ ދަށުން ދަޢުވާ ނުކުރެވެންޏާ، ދަޢުވާ ނުކުރާން ވީއެވެ. އެކަމަކު، އެއީ ބާރުގެ ބޭނުން ނުހަމަ ގޮތުގައި ކުރައްވަވައިގެން، ސިޔާސީ މިތުރުންނަށާއި ގާތް ބެއިފުޅުންގެ ބާލީސްތަކަށް ބަންޑާރަ ކަފަ ލައްވަވައިދެއްވުން ކަމަށް ނުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކޮންމެ ރައީސަކު އެކަން ކުރެއްވިޔަސް ވެހެވެ.

ފަހުބަސް

ދިވެހި ދައުލަތުގެ ޙުކޫމަތު ޙަޤީޤީ މާނައިގައި އިޞްލާޙު ކުރާ ނަމަ، އެންމެ ފުރަތަމަ ކުރާން ޖެހިފައި ވާ އެއް ކަމަކީ "ސިޔާސީ މަޤާމުތަކުގެ" ކަންކަން ރަނގަޅު ކުރުމެވެ. މި މައްސަލަ ރަނގަޅު ނުކުރެވި ފާއިތު ވަމުންދާ ކޮންމެ ދުވަހަކީ، ދިވެހި ޤައުމަށާއި ދައުލަތަށް އެތައް ގެއްލުންތަކެއް ލިބެމުން ދާނެ ދުވަހެކެވެ.

މި ކަމަށް އިޞްލާޙެއް ގެނެވުމުން، ކުރާނެ ފައިދާތަކުގެ ތެރެއިން މައިގަނޑު ހަތަރު ފަސް ކަމެއް ފާހަގަ ކޮށްލަމާ ހިންގަވާށެވެ. އެއް ކަމަކަށް، ސިޔާސީ މަޤާމުތައް އުފެއްދެވުމާއި، އެ މަޤާމުތަކަށް މީހުން ހޮއްވެވުމާއި ވަކި ކުރެއްވުން ފަދަ ކަންކަން ޤާނޫނުގެ ވެރިކަމުގެ މަބްދައާއި، ޢަދުލުއިންޞާފާއި، އިޙްސާންތެރި ހެޔޮ ގޮތްތަކުގެ މައްޗަށް ތަރުތީބު ކުރެވިގެން ދިޔުމުން، އަދި އެ މަޤާމުތަކަށް މީހުން ހޮވެނީ "މެރިޓަށް" ބަލައިގެން ކަމުގައި ވުމުން، ދައުލަތުގެ ނިޒާމުން ތަޢައްސުފިއްޔަތު ބޭރު ކުރުމުގެ މަގުގައި، އަދި ތަހުޒީބީ ހަމަތަކާއި، އުޞޫލުތަކާއި، ހެޔޮކަމުގެ މަގުގައި ދައުލަތް ހިންގުމުގެ މަގުގައި އެ އެޅެނީ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ދެވަނަ ކަމަކަށް، ސިޔާސީ މަޤާމުތަކުގެ ޢަދަދު، ޟަރޫރަތު އޮންނަ މިންވަރަށް ދަށް ކުރެވެމުން، ދައުލަތުގެ ޚަޒާނާއިން މަދުވެގެން ތިންސަތޭކަ ވަރަކަށް މިލިޔަން ރުފިޔާ މަދު ކުރެވި، ބޮޑު އިސްރާފަކުން ދައުލަތް ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެއެވެ. ތިންވަނަ ކަމަކަށް، ނާޤާބިލު މީހުން ދައުލަތުގެ އިދާރާތަކުގައި ބަސް ކިޔާން ތިބުމާއި، އިސް މަޤާމުތަކުގައި ބޭނުން ވާ މިންވަރަށް ވުރެ ގިނައިން މީހުން ތިބުމުގެ ސަބަބުން، އެ ތަންތަނުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމަށް މިހާރު އެޅިފައި އޮތް ވަރަށް ބޮޑު ހުރަހެއް އެއިރުން ނެތިގެން ދާނެއެވެ. ހަތަރުވަނަ ކަމަކަށް، ޤައުމުގެ އިޤްތިޞާދަށް އެއްވެސް ޙިއްޞާއެއް ނުކޮށް، އުފެއްދުންތެރި އެއްވެސް މަސައްކަތެއް ނުކޮށް، ނަމެއްގައި އަދާ ކުރާ ވަޒީފާޔަކުން ދައުލަތުގެ ޚަޒާނާއިން ބޮޑު މުސާރަ ނަގައިގެން ތިބޭ 800 ވަރަކަށް މީހުން އެ މަޤާމުތަކުން ވަކި ކޮށް، އުފެއްދުންތެރި ވަޒީފާތައް އަދާ ކޮށްގެން ނުވަތަ ވިޔަފާރި ފަދަ ކަންކަމުގައި ޙަރަކާތްތެރި ވެގެން، އަމިއްލަ މަސައްކަތުން އުޅޭން ފޮނުވައިލީމާ، ޤައުމުގެ އިޤްތިޞާދުގެ އުފެއްދުންތެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެއެވެ. ފަސްވަނަ ކަމަކަށް، މި ދަންނަވާ މަޤާމުތަކުގައި ތިބި މީހުންނަށް ނުޙައްޤުން ދެވޭ މުސާރަޔަކީ ޙަރާމް ފައިސާ ކަމުގައި ވީ ހިނދު، އެތައް ޢާއިލާއެއް ޙަރާމް ފައިސާއިން އަދި ޙަލާލު ނޫން ގޮތުގައި ކައިގެން އުޅުމުގެ ބޮޑު ފާފައިން ސަލާމަތް ވެގެން ދިޔުމަކީ ވެސް، ސިޔާސީ މަޤާމުތައް މަދު ކުރުމުން ލިބޭނެ ބޮޑު ފައިދާއެކެވެ.

އެހެންކަމުން، މިކަމުގައި ރައްޔިތުން ބަސް ބުނާން ޖެހެއެވެ. ދިވެހި ދައުލަތުގައި "ސިޔާސީ މަޤާމުތަކާ" ގުޅޭގޮތުން ފެތުރިފައި އޮތް ފަސާދައިން ދައުލަތް ޠާހިރު ކުރާން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް އިވިވަޑައިގަންނަވާ ގޮތަށް، އިވިވަޑައިގަންނަވާހައި ބާރަށް، "115 (ޅ) އިން ލިބިވަޑައިގަންނަވާ ބާރު ނާޖާއިޒު ގޮތުގައި ބޭނުންފުޅު ނުކުރައްވާށޭ" ދަންނަވާން އެބަޖެހެއެވެ. "ސިޔާސީ މުއައްޒަފުންގެ ގޮތުގައި ރައްޔިތުންގެ ޚަޒާނާއިން މުސާރަ ދެއްވާ ސިޔާސީ އެކްޓިވިސްޓުންނާއި، ގުންޑާއިންނާއި، ވަކަރުގޭ ކުދީންނާއި، މުޖުރިމުންނާއި، ނާޤާބިލު މީހުންތަކާއި، އަދި ދައުލަތަށް އެއްވެސް ޟަރޫރަތެއް ނެތީސް މަޤާމުތަކަށް ލައްވަވައިގެން އުޅުއްވާ އެންމެންތައް ވަގުތުން ވަޒީފާތަކުން ބޭރު ކުރައްވާށޭ" ދަންނަވާން އެބަޖެހެއެވެ. ހަމައެހެންމެ، ތިމާމެންގެ ޕާޓީއަށް ވެރިކަން ލިބުމުން، ތިމާމެން ޕާޓީއަށް ކޮށްދޭ މަސައްކަތާއި ޚިދުމަތުގެ ބަދަލު ލިބޭން ޖެހޭނީ ދައުލަތުގެ ވަޒީފާތަކާއި، އެ ވަޒީފާތަކުގެ ފަލަމުސާރަތަކާއި ބޮޑެތި ޢިނާޔަތްތަކުގެ ސިފައިގައި ކަމުގެ ވިސްނުން، ޕާޓީތަކުގެ މެންބަރުންގެ ސިކުނޑިތަކުން ފޮހެލާން ބުރަ މަސައްކަތްތަކެއް ކުރާން ވެސް ޖެހެއެވެ.

comment ކޮމެންޓް