ޒިންމާ ނަގާން ޖެހެނީ ކާކު

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލާފައި --- ފޮޓޯ: ގއ. އަތޮޅު ކައުންސިލް

މި މަހުގެ ހަވަނަ ދުވަހު "ސަން އޮންލައިން"ގައި ޝާއިޢު ކުރި ޚަބަރެއްގައި ހުރި ވާހަކަތަކާއި ފޮޓޯއެއް ފެނުމުން، ހިތަށް ވެރި ވެގެން ދިޔަ ޝުއޫރުތައް ބަންޑުން ކޮށްލާނަމެވެ.

ޚަބަރުގެ ސުރުޚީ އަކީ "ޓާފަށް ބަދަލު ނުކޮށްދެވޭނެ ކަމަށް ބުނުމުން ރޯ ކޮށްލީ ދަނޑުގައި" މި އެވެ. ޚަބަރު ބައްލަވައިލައްވާން ބޭނުންފުޅު ނަމަ މި ލިންކުން ފެނިވަޑައިގަންނަވާ ޞަފުޙާ ބައްލަވާށެވެ.

މި ދެންނެވި ޚަބަރުގައި ހަތަރު ފަސް ފޮޓޯއެއް ޖަހައިފައި ހުރި އިރު، އެއިގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ޔޫތު މިނިސްޓްރީގެ ނާއިބު ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކާން ހުރި ތަނެވެ. ޚަބަރުގެ ތެރޭގައި ހުރި ލިޔުންތަކާއި ފޮޓޯއާ ގުޅުވައިލުމުން، އަޅުގަނޑަށް ދޭހަ ކުރެވުނު ގޮތުގައި އެ ނާއިބަކީ މުޙައްމަދު ނާސިހު ރަޝީދޭ ކިޔާ ކޮންމެވެސް މީހެކެވެ. މި މީހެއްގެ ވާހަކަ ދެއްކުމުގައި، ދައުލަތުގެ ވުޒާރާއެއްގެ ނާއިބަށް މުޚާޠަބު ކުރުމުގައްޔާއި އެ މަޤާމުގައި ހުންނަވާ ބެއިފުޅެއްގެ ވާހަކަ ދެއްކުމުގައި ގެންގުޅުން ދިވެހި ބަހުގެ ހަމަތައް ނިޔާ ކުރާ މާތް ބަހުރުވަ ނުގެންގުޅޭން އަޅުގަނޑު ގަސްދު ކުރީ ސަބަބަކާ ލައިގެންނެވެ. އެއީ، ފޮޓޯއިން ފެންނާން ހުރި މީހާ އަޅައިގެން ހުރި ހެދުމަށް ބަލައިލާ އިރު، ޚުދު އޭނާ ވެސް ދައުލަތުގެ ވުޒާރާއެއްގެ ނާއިބަކީ ވަކި ދަރަޖައެއްގައި، ވަކި ގޮތެއްގައި އުޅުމާއި ސުލޫކު ބަހައްޓާން ޖެހޭ މީހެއް ކަމުގައި ދެކޭހެން ހީ ނުވާތީއެވެ. އެ މަޤާމަށް ކުރާން ޖެހޭ ޤަދަރު ޚުދު އޭނާ ވެސް ނުކުރާ ކަން ސާފުކޮށް ފެންނާން ހުރީމައެވެ. ވުޒާރާއެއްގެ ނާއިބުގެ ހައިސިއްޔަތުން، ރައްޔިތުންގެ ތެރެއިން ބަޔަކާ ރަސްމީކޮށް ބައްދަލު ކުރާން ހުރި އިރު، އޭނާ ލައިގެން ހުރީ "ކައުބޯއި" ޖީންސަކާއި، އަތްކުރު އަދި ގިރުވާނެއް ނެތް މަގުމަތީ ޓީޝާޓެކެވެ. އޭނާގެ މަޤާމާއި ޙައިޘިއްޔަތަށް އޭނާ ނުކުރާ ޤަދަރެއް އަޅުގަނޑުމެން ކުރުމުގެ މާނައެއް ނުވަތަ ބޭނުމެއް އެބައޮތްތޯއެވެ؟ ޤަދަރާއި އިޙުތިރާމު ކުރާން ޖެހޭ ކަންކަމަކީ ކޮބައިކަމާއި، އެ ކަންކަމަށް ޤަދަރާއި އިޙުތިރާމު ކުރާން ނޭނގޭ މީހުންނަށް "އާދެ ވަޑައިގަންނަވާ" ކިޔައިގެން ވާހަކަ ދެއްކުމަކީ އިންސާނީ ޙުރުމަތާ ޚިލާފު ކަމެއް ކަމުގައި މެނުވީ ނުވާނެތޯއެވެ؟

ޒިންމާޔާ ބެހޭ ފުރަތަމަ ސުވާލެވެ! މި ކަހަލަ މީހުން، ދައުލަތުގެ ވަޒީރުން، ވަޒީރުންގެ ނާއިބުން، ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މަޤާމުތަކަށް ލުމުގެ ޒިންމާ ނަގާން ޖެހެނީ ކާކު ބާވައެވެ؟ ދިވެހި ދައުލަތުގެ ޙުރުމަތާއި ޢިއްޒަތް މި ދަރަޖަޔަށް ވެއްޔާ މޮޑެލުމުގެ ޒިންމާ ނަގާން ޖެހެނީ ކާކު ބާވައެވެ؟

ދެން އަނެއް ސުވާލެވެ.

މި ދަންނަވާ ޚަބަރުގެ އެންމެ މުހިއްމު ވާހަކަޔަކީ، ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި އަޅައިފައި އޮތް މެޓެއް، ޓާފަށް ބަދަލު ކޮށްދޭން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ފަރާތުން ވިދާޅުވެފައި އޮތް މުއްދަތުގައި އެކަން ނުކުރެއްވުމުން، ބަޔަކު އެ މެޓުގައި އަލިފާން ރޯ ކޮށްލި ވާހަކައެވެ.

މި ކަމާ ބެހޭގޮތުން "ސަން އޮންލައިނަށް" ވިލިނގިލީ ކައުންސިލުގެ ފަރާތުން ވާހަކަ ދެއްކީ، ކައުންސިލުގެ ރައީސް މުޙައްމަދު މުޞްޠަފާއެވެ. އޭނާގެ ވާހަކަ ވެސް އަޅުގަނޑު ދައްކާނީ އާދައިގެ ބަހުރުވައިންނެވެ. ކީއްވެގެންކަން ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެއެވެ. ކުރީން ދެންނެވި "ނާއިބަށް" ވުރެ ވެސް މި މީހަކު ހުރީ އެތައް ދަރަޖައެއް އުހުގައެވެ.

މުޞްޠަފާ ބުނާ ގޮތުން، ޑިސެންބަރު 2018 ގައި ވަޒީރު އަޙްމަދު މަޚްލޫފު ވިލިނގިއްޔަށް ވަޑައިގެން، ޒުވާނުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފުޓްސަލް ދަނޑުގައި އޮތް މެޓުގެ ބަދަލުގައި ދަނޑުގައި ޓާފް އަޅުއްވައިދެއްވާން ވަޒީރު ވަޢުދު ވެވަޑައިގަތެވެ. ނަމަވެސް އެއިގެ ފަހުން އެތައް ދުވަހެއް ވީ އިރު ވެސް އެކަން ދިޔައީ ނުކުރެވިއެވެ. މުޞްޠަފާ ބުނާ ގޮތުގައި، 2019 ވަނަ އަހަރުގެ ތެރޭގައި، މިނިސްޓްރީގެ ނާއިބު މުޙައްމަދު ނާސިހު ރަޝީދު ވެސް ވިލިނގިލީ ޒުވާނުންގެ މަރުކަޒުގައި ޒުވާނުންނާ ބައްދަލު ކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި، 2020 ނިމުމުގެ ކުރީން ޓާފް އަޅައިދެވޭނެޔޭ ބުނެފައި ވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމިގެން ދިޔަ އިރު ވެސް، ވުޒާރާގެ ވައުދު ފުރިހަމައެއް ނުކުރެވުނެވެ. ދަނޑުގައި ޓާފެއް ނޭޅުނެވެ. ދެން ބަޔަކު އެކަމުގެ ރުޅިވެރިކަން ފައުޅު ކުރުމުގެ ގޮތުން ދަނޑުގައި އޮތް މެޓުގައި ރޯ ކޮށްލީއެވެ. މުޞްޠަފާގެ އެންމެ މުހިއްމު ވާހަކަ އަންނަނީ ދެނެއެވެ. އޭނާ ބުނި ކަމަށް ޚަބަރުގައި އޮވެއެވެ. "އެހެންވީމާ، (ދަނޑުގައި ރޯކޮށްލުމުން) އެއިގެ ޒިންމާ ނަގާން ޖެހޭނީ ޒުވާނުންނާއި ކައުންސިލުން ނޫން. އޭގެ ޒިންމާ ނަގާން ޖެހޭނީ އެކަން ކޮށްދޭން ބުނި މީހުން. އެގޮތަށް ކަންތައް ވާން މަގުފަހި ވީ އެ ފުރުޞަތު ދިނުމުން."

މުޞްޠަފާގެ މި ވާހަކަޔާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނީ ހިތާމަޔާއި ޙައިރާންކަމުގެ ނިހާއީ ޝުޢޫރުތަކެވެ. މިއީ ކޮން ކަހަލަ ވާހަކަތަކެއްތޯއެވެ؟ އިންސާނިއްޔަތާއި އިންސާނީވަންތަކަމާއި ހަމަ ބުއްދިޔާއި އަޚްލާޤުގެ ކަންފުޅެއް ވެސް ހުރި މީހަކު، މި ފާޑަށް ވާހަކަ ދައްކާނެތޯއެވެ؟ މި ވާހަކަޔާ މެދު ތިޔަ ބެއިފުޅުންގެ ޝުޢޫރުތަކަކީ ކޮބައިތޯއެވެ؟ ޤައުމުގެ "ވެރިން"ގެ ވިސްނުމާއި ވާހަކަ ދެއްކުމުގެ ފެންވަރު މިފަދަ ދަރަޖަޔަކަށް ވެއްޓިގެން ދާ އިރު، އަޅުގަނޑުމެން ހަމަ ރީތިކޮށް ޓައި އަޅައިލައިގެން 8:30 އަށް އޮފީހަށް ގޮސްފައި، އޮފީސް ނިމުމުން މެރާކީއަށް ގޮސް ކޮފީ ބޮއެބޮއެފައި، ރެއިގަނޑު ވުމުން މެންޗެސްޓަރ ޔުނައިޓެޑު ފުޓުބޯޅަ ކުޅޭތަން ބަލާން، ނުވަތަ ނެޓްފްލިކްސްއިން އެންމެ ފަހުގެ އިނގިރޭސި ފިލްމު ބަލާން ތިބޭން ވީތޯއެވެ؟

ޚަބަރުން އެނގޭ ގޮތުގައި، ވިލިނގިލީ ފުޓްސަލް ދަނޑުގައި އަޅައިފައި ހުރި މެޓުގެ ބަދަލުގައި ޓާފު އެޅޭން ނެތް ވާހަކަ، ވުޒާރާއިން ވަނީ އަންގަވައިފައެވެ. ވަޒީރު މަޚްލޫފު ވިދާޅުވާ ގޮތުން، ވިލިނގިލީގައި ބޮޑު ފުޓުބޯޅަ ދަނޑެއް އެޅުމަށް ވަނީ ގަސްދު ކުރެވިފައެވެ. އެހެންކަމުން، މި ވަގުތު ވިލިނގިލީގައި އިތުރު ދަނޑެއްގައި ޓާފް އެޅުމަށް ޚަރަދު ކުރުމަށް ވުރެ ރަނގަޅީ ބޮޑު ދަނޑެއް ނުވަތަ ޓާފު އެޅި ފުޓްސަލް ދަނޑެއް ވެސް ނެތް ރަށްރަށުގައި ޓާފު ދަނޑު އެޅުމަށް ޚަރަދު ކުރުމެވެ. މިއީ ރަނގަޅު ވާހަކައެވެ. ވުޒާރާއިން މި ޖަވާބު ދެއްވި ނަމަ، ވިލިނގިލީ ޒުވާނުންނާއި ކައުންސިލުން ވެސް ވާނީ އެ ވާހަކަ ގަބޫލު ކުރާށެވެ. އެކަމާ ދެކޮޅު ހަދައި، 2003 ވަނަ އަހަރު "އިސްލާހީ ހަރަކާތުން" ކަން ކުރި ގޮތަށް، އަދި ދިއްދޫގައި ރަށުއޮފީހަށް މަސް އެޅި މީހުން ކަން ކުރި ގޮތަށް، ގަދަބަދަވިކަން ދައްކައިގެން އުޅުމަކީ ކަނޑައެޅިގެން ގޯހެކެވެ.

ކަން މިހެން އޮތަސް، އަޅުގަނޑުމެން ދަންނާން ޖެހޭ ކަމަކީ، މިނިސްޓްރީން ހަމަ އެއްވެސް ސަބަބަކާ ނުލައި، ވިލިނގިލީ ފުޓްސަލް ދަނޑުގައި ޓާފު އަޅައިނުދޭން ވެގެން އަޅައިނުދިން ކަމުގައި ވިޔަސް، އެކަމާ ރުޅި އައިސްގެން ދަނޑުގައި އަލިފާން ރޯ ކޮށް ހެދުމަކީ އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެ އަމަލުތަކެއް ކަމެވެ. އެއީ އާދައިގެ ކުށެއް ނޫނެވެ. އެއީ އެންމެ ސީރިޔަސް ދަރަޖައިގެ ބޮޑެތި ޖަރީމާއެވެ. ދައުލަތާއި ރައްޔިތުންގެ މުދަލަށް މި ބީދައިން ހާނީއްކަޔާއި ހަލާކާއި ނުގުސާނު ކުރިމަތި ކުރުމަކީ ބޮޑު އަދަބު ދޭން ޖެހޭ ކުށްތަކެވެ.

ހަމައެއާއެކު، ތިމާޔާ އެއްވެސް ގޮތަކުން އެކަށިއިގެން ނުވާ މަގާމެއް ކަމުގައި ވާ ވިލިނގިލީ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް، ދިވެހި ގައުމުގައި އޮތް ބޮޑު މައްސަލައެއްގެ ސަބަބުން، ހޮވިފައި ހުރި މުޞްޠަފާ މިފަދަ ބޮޑު ޖަރީމާޔަކަށް ހިތްވަރު ދީ ވާހަކަ ދެއްކި މައްސަލަ ތަހުގީގު ކުރެވޭން ޖެހެއެވެ. މި މައްސަލަ ބަލާ އިރު، ކުރާން ޖެހޭ ސުވާލުތައް ބައިވަރެވެ. ފުރަތަމަ ސުވާލަކީ، ސަރުކާރުން ރަށަކަށް ނުވަތަ ރައްޔިތަކަށް ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދިނީމާ، އެއިގެ ބަދަލުގައި ތަންތަން ރޯކޮށް، ތަންތަން ތަޅައި މުގުރައި ސުންނާފަތިކޮށް، މީހުންނާ ދިމާޔަށް ގާ އުކައި، މީހުންގެ ގައިގައި ތަޅައި، މި ޒާތުން އުޅުމަކީ އެއްވެސް ހައިސިއްޔަތަކުން ތަބްރީރު ނުވަތަ ޖަސްޓިފައި ނުކުރެވޭނެ ކަމެއްކަން ނުދަންނަ ވަރުގެ މުރައްކަބު ޖާހިލުން ދިވެހި މުޖުތަމައުގައި ތިބީ ކީއްވެގެންތޯ މިއެވެ. ދެވަނަ ސުވާލަކީ، އެހެން މީހަކު ގޯސްކަމެއް ކުރިޔަސް، އެއީ ރައްދުގައި ތިމާ ކުށްތަކާއި ފާފަތަކާއި ޖަރީމާތަކަށް އަރައިގަންނާން ޖެހޭ ސަބަބެއް ނޫންކަން ނުވިސްނޭ ވަރަށް ބުއްދި ފަސް ވެފައި ތިބި މީހުން މުޖުތަމަޢުގައި ބަސް ކިޔާ ބައެއްގެ ގޮތުގައި ތިބީ ކީއްވެގެންތޯ މިއެވެ. ބޮޑެތި ޖަރީމާތަކަށް ހިތްވަރު ދީ ގައުމުގެ ބޮޑެތި ނޫސްތަކުގެ ނޫސްވެރީންނާ ވާހަކަ ދެއްކޭ އިރު ވެސް، މި ކުރެވެނީ ކީއްކަން ސިކުނޑިޔަށް ފަހުމު ނުވާ ވަރަށް ތަސައްރަފު ކެނޑިފައި ތިބި މީހުންނަށް، ތިމާމެންގެ ޤައުމުގެ އިސް މަޤާމުތަކަށް ދާން ވޯޓު ދޭ ވަރަށް ދިވެހި ރައްޔިތުން ޖާހިލު ވީ ކިއްވެގެންތޯ އާއި، މި ބިރުވެރި ޖަހާލަތުން ރައްޔިތުން ސަލާމަތް ކުރެވޭނެ ގޮތަކީ ކޮބައިތޯ، މިއެވެ. ވަލުތެރޭގައި އުޅޭ އެއްޗެހީގެ އަޚްލާޤާއި ވިސްނުމަށް ވުރެ ވެސް ދަށު ދަރަޖައިގެ އަޚްލާޤާއި ވިސްނުން ހުންނަ މީހުން، އަޅުގަނޑުމެންގެ ޤައުމު ހިންގުމުގެ މުހިއްމު މަޤާމުތަކުގެ ގޮނޑިތަކަށް އެރީ ކިހިނެއް ބާވައޭ، މިއެވެ. މި ކަމުގެ ޒިންމާ ނަގާނީ ކާކު ބާވައެވެ! ތަނެއްދޮރެއް، އުޑެއްބުޑެއް، ހަމައެއް އިންޞާފެއް، އުޞޫލެއް ގޮތެއް، ރަނގަޅެއް ނުބައެއް ވަކި ކުރާން ނުދަންނަ ވަކަރުގޭ މީހުންނަށް ޤައުމުގެ ކަންކަން ޙަވާލު ކުރުމުގެ ބިރުވެރި ވަބާ ދިވެހި ގައުމުގައި ފެތުރުމުގެ ޒިންމާ ނަގާން ޖެހެނީ ކާކު ބާވައެވެ! މި ނުބައި ކެންސަރުން ޤައުމު ސަލާމަތް ކޮށް، "ރުވައިބިޟާއިންގެ" ވަކިތަކުން ގައުމު ސަލާމަތް ކުރުމުގެ ޒިންމާ އުފުލާން ޖެހެނީ ކާކު ބާވައެވެ!

މުޞްޠަފާޔާއި ނާސިހު ފަދަ މީސްމީހުންނަށް ދިވެހިރާއްޖޭގެ ރަށްރަށުގެ ކައުންސިލުތަކުގެ މެންބަރުކަމުގައްޔާއި، ވަޒީރުކަމުގައްޔާއި، ނާއިބުވަޒީރުކަމުގައްޔާއި، ދެންވެސް ދައުލަތުގެ ޢިއްޒަތްތެރި އަދި ޝަރަފުވެރި މަގާމުތަކުގައި ތިބެވިގެން ނުވާނެއެވެ. އެފަދަ އެންމެން ތިބި މަޤާމުތަކަކުން ވަކި ކުރުމަށް މަސައްކަތް ފަށާން ޖެހެއެވެ. ދިވެހި ޤައުމުގެ ކަންކަން، ދިވެހި ދަރީން ކުރެ ޢިލްމާއި، ތަޖުރިބާ އާއި، އަޚްލާޤުގެ ގޮތުން ގާބިލު ދަރީންނާ ޙަވާލު ކުރުމުގެ މަސައްކަތް ލަސް ނުކޮށް ފަށާން ޖެހެއެވެ.

އެއާއެކު، މިހާރުން މިހާރަށް ވެސް، ވިލިނގިލީ ފުޓްސަލް ދަނޑުގައި އަލިފާން ރޯ ކުރި މީހުންނާއި، މުޞްޠަފާ ފަދައިން އެކަމަށް ހިތްވަރު ދީ އެކި ގޮތްގޮތުން ބައިވެރި ވި އެންމެން ވަގުތުން ހައްޔަރު ކުރެވޭން ޖެހެއެވެ. އެ އެންމެންގެ މައްޗަށް ހަމަޔާއި އިންޞާފުން ޝަރީޢަތް ކުރެވި، އެމީހުންގެ ކުށަށް ޢަދުލުވެރި އަދަބު، އެންމެ ހަރުކަށިކޮށް، ދެވޭން ޖެހެއެވެ. އެހެން ނޫނީ، ދުވަހެއް ދުވަހަކަށް ލާޤާނޫނިއްޔަތާއި، ބަދުއަޚްލާޤިއްޔަތާއި، ލާއިންސާނިއްޔަތާއި، ޖަހާލަތާއި، ބަރުބަރިއްޔަތުގެ އަނދިރި އަދި ބިރުވެރި ވަޅުގެ އެންމެ ފުނަށް ވެއްޓެމުން ދާ އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމު، ދުވަހަކު ސަލާމަތް ނުވާ ހިސާބަށް ހިނގައިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް