އިންޑިއާ މީހާ އުޅުނީ ގައިގައި އަތްލާން، ރޭޕެއް ނުކުރޭ: ފުލުހުން

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓެއްގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރާ ދިވެހި އަންހެނެއްގެ ގައިގައި އަތްލަން އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު މަސައްކަތްކުރި ކަމަށާއި ނަމަވެސް ރޭޕްކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާ ރައްޔިތަކު ރިސޯޓެއްގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިމަހުގެ ތިންވަނަ ދުވަހުގަ އެވެ.

ނަމަވެސް ފުލުހުން ވަނީ ރޭޕްކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.

ފުލުހުން ބުނީ އެކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުވި ކަމަށާއި ރޭޕް ކުރުމުގެ އަމަލެއް ހިންގިކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

"ނަމަވެސް އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާ ކަމަށް އެ އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވޭ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުންޏެވެ.

އަންހެން މީހާގެ ނުގަބޫލުގައި އޭނާގެ ގައިގައި އަތްލާން މަސައްކަތްކުރީ އިންޑިއާގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މީޑިއާއަށް މި މައްސަލަ ފެންމަތި ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު، ތުހުމަތުކުރެވޭ އިންޑިއާ މީހާ ރާއްޖެއިން ފުރާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް