ރައީސް ޔާމީންގެ މުދާ ދައުލަތަށް ނުނެގޭނެ: މުންދު

7 ޖެނުއަރީ 2018: ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް(މުންދު)--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މުދާ ދައުލަތަށް ނެގޭނެ ގާނޫނެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވަނީ އެދިފަ އެވެ.

މިކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ މި ސަރުކާރުގެ މަގްސަދަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރިކޮށް، އެއްކިބާކޮށް ބަހައްޓައިގެން އެމަނިކުފާނަށް އެކި ގޮތްގޮތުން އަނިޔާ ދިނުން ކަމަށެވެ.

"އެއް ކަމަކީ ރާއްޖޭގައި މީގެ ކުރީގައި މިކަހަލަ އެއްވެސް ކަމެއްގައި ޕްރެސީޑެންޓެއް ނޯންނާނެ. އަދި ގާނޫނީ ބޭފުޅުން، ސަރުކާރުގެ ފިކުރުގައި ތިބި ސިޔާސީ ގާނޫނީ ބޭފުޅުންނެއް ނޫން، ގާނޫނީ އޮއްޓަރުހުރި ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ރާއްޖޭގައި ގާނޫނީ ގޮތުން މިކަހަލަ ނިޒާމެއްވެސް އަދި ނެތް. މިސާލަކަށް ކުރީގައިވެސް ޖޫރިމަނާއެއްގެ ގޮތުގައި މީހެއްގެ އެސެޓް ހިފަހައްޓަން ބަލާލާއިރު ރާއްޖޭގައިވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި އެމީހެއްގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ނުނެގޭނެ،" މުންދު ވިދާޅުވި އެވެ.

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން މުންދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިވީ މި ސަރުކާރުގައިވެސް ނޫން ކަމަށާއި މިއީ ރައީސް ޔާމީންގެ ޒައާމަތުގައި ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށެވެ.

"ރައީސް އަމިއްލަފުޅަށް ތަހުގީގަށް މައްސަލަ ފޮނުއްވައިގެން އެކަން ބައްލަވާ، އޭގެ ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ނުކުންނަށް ފެށި ހިސާބުން އެތައް ސަތޭކަ ބަޔަކު މީގައި ހިމެނޭ ކަމަށްވޭ. އެހެންކަމަށްވާނަމަ އެއް ބޭފުޅަކަށް އަމާޒުކޮށްގެން މިކަން ކުރިއަށް ގެންދާނަމަ އޭގެން އެބަ ސާބިތުވޭ މީގެ ނިޔަތަކީ ކޮބައިކަން،" އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު މި ސަރުކާރު ނޯންނާނެ ކަމަށާއި ދެން އަންނަ ސަރުކާރަކަށް މި ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން އަލުންބަލުން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.

"މިހާރު ސަރުކާރަށްވެސް އެނގޭނެ އެކަން، ވަރަށް ދެރަވަރުކޮށް ކަންނޭނގޭ ދާނީ އިންސާފުވެރި އިންތިހާބެއް ބާއްވައިފިނަމަ. ވަރަށް ނިކަމެތިކޮށް ދާނީ. ދާއިރު ޖުޑީޝަރީއަށް މިދިޔަ ދެ އަހަރާ ބައި ތެރޭގައި، ޖުޑީޝަރީ ރިފޯމް ކުރުމުގެ ނަމުގައި ގެނެވުނު ބަދަލުތައް ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ތިއްބަވައިގެން ޖޭއެސްސީ މެދުވެރިކޮށް ކުރި ކަންކަމަކީ މުސްތަގްބަލަށްޓަކައި ވެސް ޑިމޮކްރެސީއަށްޓަކައި ވެސް އަދި ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަންކަމަށް ރިއާޔަތްކޮށްފައި ވެސް ނިއުޅުވަން ޖެހޭ ކަންތައްތައް. އަލުން ބަލުން ނިޒާމު އެބަޖެހޭ ރަނގަޅު ކުރަން،" މުންދު ވިދާޅުވި އެވެ.

އެގޮތުން ރައީސް ޔާމީން ވިޔަސް އަދި މި ސަރުކާރުގެ އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހައްގު ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިސްތިއުނާފަކީ އެންމެންގެވެސް ހައްގެއް. އެކަމަކު ރައީސް ޔާމީންގެ އިސްތިއުނާފުގެ ކަންކަން ވެފައި އޮތްގޮތަށް ޖަވާބުދާރީ ވެވޭކަށް ނޯންނާނެ އެމީހުންނަށް. ހަތަރުމަސް ވީ. އިސްތިއުނާފުގެ ކޮންމެ އަޑުއެހުމެއްގައި ހުރި މީހެއް އަޅުގަނޑަކީ. އެންމެ ފަހު ދުވަހު ގާޒީ ވިދާޅުވީ މިހާރު ހުރިހާ އަޑުއެހުންތަކެއް ނިމުނީއޭ. ދެ ފަރާތުން ހުށަހަޅަން ޖެހޭ ލިޔެކިޔުން ވިޔަސް، ހެކިން ވިޔަސް ދައްކަން ޖެހޭ ވާހަކައެއް ވިޔަސް ނިމުނީއޭ. ދެން ބައްދަލު ކުރާނީ ހުކުމަށޭ. ހުކުމަށް ހަތަރު މަސްވީމަ އެއަށް ކޮން ޖަވާބެއްތޯ ދޭނީ،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރީއަތް މިހާ ގިނަ ދުވަސްވަންދެން ދިގުދަންމާލުގައި ސިޔާސީ މަގްސަދެއް ހާސިލުކުރުން ފިޔަވައި އިތުރު ސަބަބެއް ނެތް ކަމަށެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރައީސް ޔާމީންއާ ދެކޮޅަށް ސަރުކާރުން ބޭނުންވާ ގޮތަށް ހެކިބަސް ދެއްވާތީ، އަދީބަށް ހާއްސަ އިހްތިޔާރުތަކެއް ލިބޭ ކަމަށެވެ.

"ޒާތީ ތައައްސުބެއް އޮންނަ މީހެއްގެ ހެކިބަހެއް ނުނެގޭނެ މީހެއްގެ ކޭސްގައި، އުސޫލީ ގޮތަކުން. އެކަމަކު އަދީބުއާއި ޒިޔަތުއާއި އަދި އެވަރުން ނުވެގެން އޭސީސީގައި ހުންނެވި މުއައްވިޒުގެ ޒާތީ ތައައްސުބެއް އުޅޭނެ. އެބޭބޭފުޅުންގެ ހެއްކަށް ބަރޯސާވެގެން ރައީސްގެ މައްޗަށް ހުކުމްކުރީ ވެސް،" މުންދު ވިދާޅުވި އެވެ.

comment ކޮމެންޓް