ތައިލޭންޑުގެ ރަސްގެފާނަށް ވިސާ އާ ނުލައި ޖަރުމަނަށް ވަޑައިގަނެވޭނެ: ފޮރިން މިނިސްޓްރީ

ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯންއަށް ވިސާއަށް ނުލައި ޖަރުމަނަށް ވަޑައިގަނެވޭނެ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ -- ފޮޓޯ: ރޮއިޓާސް

ބާލިން (ޖެނުއަރީ 8): ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ޖަރުމަނަށް ވަޑައިގަންނަވާ އިރު ވިސާއެއް ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރުގެ ބޮޑުބައެއް ޖަރުމަނުގައި ހޭދަ ކުރެއްވުމަށް ފަހު އޮކްޓޯބަރު މަހު ތައިލޭންޑަށް ވަޑައިގެންނެވި ރަސްގެފާނު ވަޖިރަލޮންކޯން ދެން ޖަރުމަނަށް ވަޑައިގަންނަވާ އިރު ވިސާއެއް ހައްދަވަން ޖެހޭނެތޯ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ސުވާލު ކުރީ ސަރުކާރާ އިދިކޮޅު ލެފްޓް ޕާޓީންނެވެ. އަދި އެ އޮފިޝަލް ވިދާޅުވީ "ވަލީއަހުދުމުގެ މަގާމުގައި ހުންނެވި އިރު ވަޖިރަލޮންކޯންއަށް ވިސާއެއް ބޭނުންފުޅުވި ނަމަވެސް ދައުލަތުގެ ވެރިޔާގެ މަގާމަށް އިސްވެވަޑައިގަތުމުން ވިސާއެއް ހައްދަވަން" ނުޖެހޭނެ ކަމަށެވެ.

ރަސްގެފާނު ވަޖިރަލޮންކޯން ޖަރުމަނުގައި ހުންނެވުމަށް ފަހު ތައިލޭންޑަށް ވަޑައިގެންނެވީ އެގައުމުގައި ޝާހީ ބާރުތައް ކުޑަ ކުރުމަށާއި ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ އިސްތިއުފާ ދެއްވުމަށް ގޮވާލާ ބޮޑެތި މުޒާހަރާތައް ބާއްވަމުން ދަނިކޮށެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ ޖަރުމަނުގެ ފުރަތަމަ ފުރަބަންދު ތެރޭގައި ރަސްގެފާނު އެގައުމުގެ ލަގްޒަރީ ހޮޓަލެއްގައި ހުންނެވި އިރު ކޮވިޑް ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ޖަރުމަނުގެ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ޖަރުމަނުގައި ހުންނަވައިގެން ރަސްގެފާނު ދައުލަތުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވިތޯ ބެލުމަށްވެސް ގޮވާލާފަ އެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ، ރަސްގެފާނު އެގައުމުގައި ހުންނަވާ އިރު ޖަރުމަނުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމެވުންތައް ނުނިންމެވުމަށް އެދޭ ކަން ތައިލޭންޑުގެ ސަރުކާރަށް އަންގާފަ އެވެ. އަދި އެބާވަތުގެ ކަމެއް ރަސްގެފާނު ކުރައްވާފައިވާކަން ޖަރުމަނުގެ ސަރުކާރަށް އެނގިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރިން ބުންޏެވެ.

ތައިލޭންޑުގެ ގާނޫނުތަކުގައި ވަނީ ރަސްކަމަށް ފާޑު ކިޔުން މަނާކޮށް، ޝާހީ އާއިލާގެ އަބުރަށް އަރައިގަންނަ މީހަކު ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ ކަަމަށް ބުނެފަ އެވެ. އަދި މިދިޔަ އަހަރުގެ މުޒާހަރާތަކަކީ އެގައުމުގެ ރައްޔިތުން ފާޅުކަން ބޮޑު ގޮތެއްގައި ރަސްކަމަށް ފާޑު ކިޔަން ފެށި ފުރަތަމަ ފަހަރެވެ.

ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުން އާންމު ގޮތެއްގައި އިސް ނަގައިގެން މިދިޔަ އަހަރު ބޭއްވި މުޒާހަރާތައް ފެށީ ފެބްރުއަރީ މަހު އެވެ. އެއީ އެގައުމުގައި 2019 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރި ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން އުވާލުމުންނެވެ.

އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން މުޒާހަރާތައް ހުއްޓުނު ނަމަވެސް މިދިޔަ އަހަރުގެ މެދުތެރޭގައި އަނެއްކާ ވެސް މުޒާހަރާތައް އިތުރުވި އެވެ. އެ މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ އިސްތިއުފާއަށާއި ރަސްގެފާނުގެ ބާރުތައް ކުޑަ ކުރުމަށް ގޮވާލުމުގެ އިތުރުން ޝާހީ އާއިލާއަށް ފާޑުކިޔުން މަނާ ކުރާ ގާނޫނު އުވާލުމަށާއި އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ގޮވާލި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ތައިލޭންޑުގެ ބޮޑުވަޒީރުގެ މަގާމަށް ޕްރަޔުތު ވަޑައިގެންނެވީ އަސްކަރީ ބަޣާވާތަކުންނެވެ. އަދި އެގައުމުގައި މިހާރު އޮތީ އޭނާގެ އަސްކަރީ ވެރިކަމުން އެކުލަވާލި ގާނޫނު އަސާސީއެކެވެ.

comment ކޮމެންޓް