ގއ. ދެއްވަދޫގައި ކޮވިޑް19 ފެތުރިފައިވާތީ، އެކަން ހިނގައިދިޔަ ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދެއްވަދޫއިން 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
އެރަށުގެ ކައުންސިލް މެމްބަރު މައުމޫން އިބްރާހީމް "ސަން" އަށް ވިދާޅުވީ، އެންމެ ފުރަތަމަ އެރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެދުވަހު ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެ އެވެ.
އަދި އެރަށަށް ބަލި ފެތުރުނީ ކުޑަ ކުއްޖާއާ ކޮންޓެކްޓުވީ ބައެއްގެ ފަރާތުން ކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ.
މައުމޫން ވިދާޅުވީ އެކުއްޖާ ކޮވިޑަށް ނެގެޓިވް ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށާއި ބައެއް މީހުން އެކުއްޖާ އުރާ ހަދާފައިވަނީ އެހެންވެ ކަމަށެވެ.
ނަމަވެސް ފަހުން އެކުއްޖާގެ ނަތީޖާ ލިބުނު އިރު ވައިރަހަށް ޕޮޒިޓިވްވުމުން ކޮންޓެކްޓުވި އެންމެން ވަނީ އެކަހެރިކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި އެމީހާއާ ކޮންޓެކްޓުވި ހަތް މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އެރަށުގައި ބަލި ފެތުރުނީ ހޮސްޕިޓަލުގެ އިހުމާލަކުން ކަމަށް ބެލެވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އަދި ފުރަތަަ އެކަމުގެ މައުލޫމާތު ލިބުނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިހާރު ވެސް ބައެއް ކަންކަން ސާފުވަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއީ ހޮސްޕިޓަލެއް ވިޔަސް އަދި އެހެން ފަރާތަކުން ވެސް ދިމާވެގެންވާނެ ކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެރަށުގައި ބަލި ފެތުރުނީ ބަޔަކު ހޯމް ކަރަންޓީނާ ހިލާފުވެގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ކައުންސިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.