މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ގައިޑްލައިނަށް ފެތޭ

ހުޅުމާލޭގައި ހިންގާ އަކޫޒް ގެސްޓްހައުސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް އިންސްޕެކްޓު ކުރި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން ކޮވިޑް19 ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ބޯލަނބާ ކަަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން ގައިޑްލައިންތަކަށް ބޯލަނބާ މިންވަރު ބެލުމަށް އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ ހަވަނަ ދުވަހު މާލޭގެ 12 ގެސްޓްހައުސްއަކާއި އިއްޔެ ހުޅުމާލޭގެ 18 ގެސްޓްހައުސް އެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

"ޖުމްލަކޮށް ބަލައިރު ގައިޑްލައިންތަކާ އެއްގޮތަށް ގެސްޓްހައުސްތަކުގެ ތެރޭގަ ކަންތައްތައް ކުރިއަށް ދާކަމަށް އިންސްޕެކްޝަންގައި ފާހަގަކުރެވިފަ ވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު މާލޭގެ ގެސްޓު ހައުސްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހުއްދަ ދިނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލުކުރުން ލާޒިމުކުރުމަށްފަހު އެވެ.

މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭނެ އެވެ.

ކޮންމެ ގެސްޓްހައުސްއަކުންވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭ އިރު އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.

މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހޭނެ އެވެ.

comment ކޮމެންޓް