ބިއްލޫރި ޕެލެޓް ވެއްޓި އަނިޔާވި ދެމީހުގެ ހާލު ރަނގަޅު: އެމްޕީއެލް

އެމްޕީއެލް ސަރަހައްދުގައި ބިއްލޫރިތަކެއް ބަރުކުރަމުން ދަނިކޮށް، ޕެލެޓެއް ވެއްޓި ހިނގި ހާދިސާގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ: އެމްވީ ކްރައިސިސް

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.

އަދި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހާދިސާގައި ދެވަނަ މަޖޫރިއަކަށް ވެސް އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

އެމްޕީއެލް އިން ބުނީ އެންމެ ފަހުން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ދެ މީހުންނަށް ވެސް ލިބިފައި ނުވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

"މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު މި ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ދެންނެވީމެވެ. އަދި މި ހާދިސާ ތަހުގީގްކޮށް،
މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، މި ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދެންނެވީމެވެ." އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ. މަދުން ނަމަވެސް، އެފަދަ ހާދިސާތައް މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހިނގުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް