މިއަހަރު އެންމެ ގިނަ މީހުން ޒިޔާރަތްކުރަން ބޭނުން ހަ މަންޒިލް ތެރޭ ރާއްޖެ

ބަޔަކު ރާއްޖެ އައިސް ވެލާނާ އެއާޕޯޓްގައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ ހަ މަންޒިލް ތެރޭ ރާއްޖެ ހިމެނިއްޖެ އެވެ.

ޓްރެވަލް ގައިޑް، ލޯންލީ ޕްލެނެޓުން އެކުލަވާލި މި ލިސްޓުގައި ރާއްޖެ ހިމެނިފައިވާއިރު ރާއްޖެ އަކީ މި ހުސްވި 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސް 2020 ގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑާއެކު ދާއިރާގެ ޝަރަފުވެރި ގިނަ އެވޯޑުތަކެއް މިދިޔަ އަހަރު ރާއްޖެއަށް ވަނީ ލިބިފަ އެވެ.

ކޮވިޑް19ގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމް ހުއްޓިފައި އޮއްވާ، އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި އެއްގައުމަކީ ރާއްޖެ އެވެ. މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށިފަހުން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އައިސްފައި ވެއެވެ. ރާއްޖޭގެ ޓޫރިޒަމްގައި މީގެ ކުރިން ފާހަގަ ނުކުރެވޭ މާކެޓުތަކުގައި ރާއްޖޭގެ މަގުބޫލުކަން ވެސް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ސެންޓްރަލް އޭޝިއާ އާއި އެމެރިކާ ސަރަހައްދުގެ ގައުމުތައް ހިމެނެއެވެ.

މިއަހަރު އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަން ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އެއާބީއެންބީގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގެއެންމެ ކުރީގައި އޮތް ކ. މާފުށި ވަނީ ހިމެނިފައެވެ. މީގެ އިތުރުން ރާއްޖޭގެ ވަކިވަކި ރިސޯޓުތައްވެސް ޓްރެވަލް ދާއިރާގެ އެކި ޕްލެޓްފޯމުތަކުގެ ކުރީގައި އެބައޮތެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފަިއވާއިރު ޕްރައިވެޓް ޖެޓުތަކުގައި އަންނަ މަހުޖަނު ފަތުރުވެރިންގެ އަދަދުވެސް ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު މި އާއަހަރާ ދިމާކޮށް އިތުރުވެފައެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންނަށް 30 ދުވަހުގެ ވިސާ ލިބޭއިރު، އެކި ފެސިލިޓީތަކުގައި ސްޕްލިޓް ސްޓޭ ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ފަތުރުވެރިން ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް ބޭނުންވާއިރު، ކަރަންޓީނުވާކަށް ނުޖެހެއެވެ.

comment ކޮމެންޓް