އީގަލްސްގެ ފޯވާޑް ރިޒޭ ހަ މަހަށް ކުޅުމާ ދުރަށް

އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން ބޯޅައާ އެކު --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ހަ މަސްދުވަހަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ލީގުގެ ފުރަތަމަ ދެ މެޗު ރިޒޭ ކުޅެފައެއް ނުވެ އެވެ. އޭރު ރިޒޭއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން ޔަގީން ނުވާތީ ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ނޭންގޭ ކަމަށް ޓީމުން ބުނި ނަމަވެސް، ލީގުގެ ތިންވަނަ މެޗުގައި ރިޒޭ ވަނީ ކުޅެ ގޯލެއް ވެސް ޖަހައިފަ އެވެ. އެކަމަކު އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް އަނިޔާވުމުން ރިޒޭ އަށިގަނޑުގައި ދަނޑުން ވަނީ ބާލަން ޖެހިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވަނީ ރިޒޭގެ އަނިޔާގެ ސީރިއަސްކަން ހާމަކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާންޖެހޭނެކަން ޔަގީންކޮށްދީފަ އެވެ.

"ގައުމީ ޓީމާއި، އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން ގެ ވާއަތު ފައިގެ އޭސީއެލް އެއްކޮށް ވަނީ ހަލާކުވެފައި، މިއީ ވަރަށް ހިތާމަވެރި ކަމެއް. ލަފާ ކުރެވޭ ގޮތުގައި ހަ މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި މަޑުކުރަން ޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ.

ސީޒަންގެ ފުރަތަމަ ކޮޅު ލިބުނު އަނިޔާ އިން ރަނގަޅު ނުވިނަމަވެސް އޭގެ ފަހުން ލީގްގައި ތިންވަނަ މެޗަށް ނެރުނީ ޑޮކްޓަރުގެ ހުއްދަ އާއެކު ރިޒޭވެސް އެކަމަށް ބޭނުން ވުމުން ކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަނީ ބުނެފަ އެވެ.

"ޑޮކްޓަަރުންގެ ހުއްދަ އާ އެކީގައި ކުޅުވާފައި ހުންނާނީ އެއްގޮތަކަށްވެސް އަޅުގަނޑު ފޯސް ކޮށްގެންނެއް ނޫން،" ރިޒޭގެ އަނިޔާ އާ ބެހޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.

"ޑޮކްޓަރުންގެ ހުއްދަޔާ އެކީގައި ރިޒޭވެސް ހަމަ ބޭނުން ވެގެން ކުޅުވާފަ ހުންނާނީ. މިކަހަލަ ކަންކަމަކީ ނަސީބޭ ދަންނަވަން ޖެހޭނީ. ވަރަށް ބަދު ނަސީބުކޮށް މިދިޔައީ،"

comment ކޮމެންޓް