ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 16 ކުޑަކުދިން ފުނަދުއަށް ބަދަލުކޮށްފި

ފުނަދުއަށް ގެންދިޔަ ކުދިންތައް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ 16 ކުޑަކުދިން ށ. ފުނަދޫގައި ގާއިމްކޮށްފައިވާ "އަމާން ވެށި" އަށް މިއަދު ބަދަލުކޮށްފިއެވެ.

،މިއަދު ބަދަލުކުރީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންތަކެކެވެ.

މީގެ ކުރިން މިދިޔަ މަހު ވަނީ 17 ކުއްޖަކު ބ.އޭދަފުށި އަމާން ވެއްޓަށްވެސް ބަދަލުކޮށްފައެވެ.

ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި ފުނަދޫއަށް ކުޑަކުދިން ގޮވައިގެން ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުސްތަފާ ލުތުފީއާއި ޖެންޑާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދެވެ.

އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ފުނަދޫ އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްގީކުރެވޭ އެ ފަދަ ދެވަނަ ތަނެވެ.

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، އެ ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ހާލަތު އާދެއެވެ. ނަމަވެސް އަތޮޅު ތެރޭގައި ގާއިމުކުރެވޭ އެ ފަދަ އަމާން ވެށިތަކުގައި ކުދިން ގެންގުޅެމުންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވާދީފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާކެމަށްވެސް މިނިސްޓްރީން ބުންޏެވެ.

ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި އަމާން ވެށިތައް ޖެންޑާ މިނިސްޓްރީން މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ.

comment ކޮމެންޓް