ދިރިއުޅުމެއް ނޫން ގަނަތެޅުމެއް، އެކަމަކު ފްލެޓް ހައްގެއް ނޫން!

"އައިޝާ" އޭނާގެ ދެ ކުދިންނާ އެކު ދިރިއުޅުނު ކޮޓަރި. ތިން މައިމް ނިދަނީ އެއް އެނދުގައި

ދިވެހި ރައްޔިތުންގެ ތެރޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންގެ އަދަދު އިންތިހާއަށް ގިނަ އެވެ. މާލެއަށް އުފަން ނަމަވެސް، ގިނައީ މާލޭގައި ގެދޮރު ނެތް މީހުންނެވެ. އަތޮޅުތެރޭގެ ރަށްތަކަށް އުފަން މީހުންގެ ތެރޭގައި ވެސް އަމިއްލަ ގޯއްޗެއް ނުވަތަ ހިޔާވައްސެއް ނެތް މީހުން ގިނަ އެވެ.

އައިޝާ (އަސްލު ނަމެއް ނޫން) އަކީ ވެސް އެފަދަ މީހެކެވެ. އޭނާގެ ކައިވެނި ރޫޅުނީ 2016 ވަނަ އަހަރު އެވެ. ރަށުގައި އުޅެވެން ނެތުމުން އޭނާގެ ކުޑަ ދެ ކުދިން ގޮވައިގެން މާލެގައި ދިރުޅެން ނިންމީ 2017 ވަނަ އަހަރު އެވެ.

ރަށުގައި އޭނާގެ ގެއެއް ނެތެވެ. އޮތީ ބައްޕަގެ ގޯއްޗެކެވެ. ނަމަވެސް މޯގޭޖުކޮށްފައި އޮތް އެ ގޯތި ދަރިންނަށް ބެހޭނެ ދުވަހެއް ނޭނގެ އެވެ. ކިޔަވައިގެން ހުރި ދާއިރާއިން ރަށުގައި ވަޒީފާއެއް ނެތެވެ. ފިހާރައެއްގައި ވަޒީފާ އަދާކޮށްގެން ލިބޭ އެއްޗަކުން ވެސް ރަށުގައި އުޅެވެން އޮތީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ކޮންމެ ތަނަކަށް ދިޔަސް އޭނާއަށް އޮތީ ކުލީގެ އަޅަކަށް ވުމެވެ.

އެހެންކަމުން އޭނާ ނިންމީ، ކިޔަވައިގެން ހުރި އެއްޗެއްގެ ބޭނުން ހިފައި، ރަނގަޅު ވަޒީފާއެއް ހޯދައިގެން މާލޭގައި އުޅޭށެވެ. އޭނާގެ އެއް ކުއްޖަކީ ސައިކޮތެރަޕީ ދޭން ޖެހޭ ކުއްޖަކަށް ވުމުގެ އިތުރުން، ދެކުދިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުމުގެ ބޭނުމުގައި ވެސްމެ އެވެ.

"މާލެ އައިސް ވަޒީފާއަކަށް ދަމުން ދެކުދިން ގޮވައިގެން އެކަނި މި އުޅެނީ. އިތުރު މީހަކު ނެތް އަޅުގަނޑުމެން ތިން މައިންނަށް އެހީ ވާކަށް،" އައިޝާ ކިޔައިދިނެވެ.

ތައުލީމީ ފެންވަރު ހުރުމުގެ އިތުރުން މަސައްކަތަށް ރަނގަޅުވުމުން، ކުރިން ލިބުނު 7000 ރުފިޔާގެ މުސާރަ މިހާރު ވަނީ 10،000 އަށް ބޮޑުވެފަ އެވެ. ނަމަވެސް ތިން މައިން ދިރިއުޅޭ ނުވަ ފޫޓު 10 ފޫޓު ކޮޓަރީގެ ކަރަންޓާއި ފެން ހިމެނޭ ގޮތަށް ކުއްޔަށް 8000 ރުފިޔާ ދިނުމަށް ފަހު ބާކީ އޮންނަ 2000 ރުފިޔާ އިން އެހެން ހަރަދުތައް ހަމަޖެއްސެނީ ކިރިޔާ އެވެ. މަސް ނިމޭ އިރު ފަރުޖައްސާލެވެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހަރަދުކޮށްގެންނެވެ. އުމުރުން ފަސް އަހަރާއި އަށް އަހަރުގެ ދެކުދިން އެދޭ ކަންކަން ކޮށްލަން އޭނާގެ ހިތް އިންތިހާއަށް އެދުނު ނަމަވެސް އެނޫން ގޮތެއް ވެސް ނެތެވެ.

މަހަކު އަށް ހާސް ދީގެން އެ އާއިލާ އުޅޭ ކޮޓަރިއަކީ ބޮލަށް ވެއްޓެއް ކައިރިވެފައި ހުރި ތަނެކެވެ. ފާރުގައި ރެނދުލައި، ކޮޓަރިއަށް ފެން ފައިބާއިރު، ސީލިންގ އާއި ފާރާ ދެމެދުން ވަނީ ކަނޑައިގެން ގޮސްފަ އެވެ. އެވަރުގެ ތަނެއްގައި ދެކުދިން ގޮވައިގެން އައިޝާ އުޅެމުން އަންނަނީ އިތުރު ގޮތެއް ނެތުމުންނެވެ.

"އަޅުގަނޑުގެ އަމިއްލަ ބައްޕަ ފަރާތުން ވެސް އެހީއެއް ނުލިބޭ. މި ހާލުގައި އުޅޭކަށް އަޅުގަނޑު ވެސް ބޭނުމެއް ނޫން. އެކަމަކު ދެކުދިން ގޮވައިގެން ގޮސް ވަންނާނެ ތަނެއް ވެސް އަޅުގަނޑުގެ ނެތް. މާދަމާ ވެސް އަޅުގަނޑަށް ކަމެއް ވެއްޖެއްޔާ މި ދެކުދިން މަގުމަތިވާނެ. އަޅުގަނޑު ނޭދެން އަޅުގަނޑުގެ މައުސޫމް ދެކުދިން ހާލުގައި ޖެހޭކަށް. މި ހާލުގައި ވެސް މި ކެތް ކުރަނީ އެ ދެކުދިންނަށް ޓަކައި. ފްލެޓަކަށް އެދި ފޯމު ލީ ވެސް އެ ދެކުދިންގެ މުސްތަގުބަލަށް ޓަކައި. ނޫން ނަމަ މިވަރުން ފްލެޓެއް ހޯދާކަށް އަޅުގަނޑު ނޫޅޭނަން،" އައިޝާ ރޮއެފައި ކިޔައިދިނެވެ.

މިއީ އޭނާގެ އިތުރުން، އޭނާގެ އެއްބަނޑު ފަސް މީހުންގެ ވެސް ހާލަތެވެ. އެ އެންމެން ވެސް އުޅެނީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެންނެވެ. ޗުއްޓީއަކަށް ރަށަށް ދިޔަސް އުޅެން ޖެހެނީ މަންމަ ނުވަތަ ބައްޕަގެ އާއިލާގެ ކޮންމެސް މީހެއްގެ ގޭގަ އެވެ.

ކުރީ ސަރުކާރުން ފްލެޓް ލިސްޓު އާންމުކުރި އިރު ވެސް އޭނާއަކަށް ފްލެޓެއް ނުލިބެ އެވެ. ފްލެޓަށް ޝަރުތު ހަމަވި ނަމަވެސް ޖާގަ ލިބުނީ ލިސްޓުގެ ވަރަށް ފަހަތުންނެވެ. އޭރު ވެސް އޭނާ އުޅުނީ ދެ ކުދިންނާ އެކު ހަމަ ވަށައިގެން ފިލާ ޖަހާފައި ހުރި އެ ކޮޓަރިގަނޑުގަ އެވެ.

ސަރުކާރު ބަދަލުވެ އަލުން ފްލެޓްތަކުގެ މައްސަލަ ބަލަން ފެށުމުން އޭނާ އުފާކުރީ އެހެންވެގެންނެވެ. ހާލަތު ބަލަން ގެއަށް އައިސް، އެ އާއިލާގެ ހާލަތު ފެނި އޭނާއަކީ ބޯހިޔާވަހިކަމެއް ހައްގު މީހެއް ކަމަށް ފްލެޓް ކޮމެޓީއަށް ގަބޫލުކުރެވޭނެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންގެ ލިސްޓު އާންމު ކުރި އިރު، ފްލެޓް ކޮމެޓީއަށް ފެނުނީ އެ އާއިލާގެ ހާލަތު 2018 އަށް ވުރެ ރަނގަޅުވެފައިވާ ކަމަށެވެ.

ކުރިން ދިރިއުޅުމުގެ ހާލަތަށް ލިބުނު 25 ޕޮއިންޓް، ކޮމެޓީން އޮތީ 15 އަށް ކުޑަކޮށްފަ އެވެ. ފްލެޓު ކޮމެޓީއަށް އެ އާއިލާގެ ހާލަތު 10 ޕޮއިންޓު އިތުރުވިކަމަށް ފެނުނު ގޮތެއް އައިޝާއަށް ނުވިސްނުނެވެ.

"އެބޭފުޅުންނަށް ފެންނާނެ އަޅުގަނޑުމެންގެ ހާލަތު ހަމަ ރަނގަޅަށް. ސީލިންގުން ކަނޑައިގެން ގޮސް ހުރި ތަން. ފާރުގައި ހުރި ރެނދު. އެއް ކޮޓަރީގައި އެނދާ، ސިންކާ، ދޮންނަ މެށިނާ އުނދުނާ ހުރިހާ އެއްޗެއް މިހިރީ މިތާ. އެކަމަކު އެބޭފުޅުންނަށް ފެނުނީ ކުރިއަށް ވުރެ ރަނގަޅު ކަމަށް. ނުވޭ ރަނގަޅެއް،" ގިސްލަގިސްލާފައި އައިޝާ ކިޔައިދިނެވެ.

އައިޝާގެ ޝަކުވާއަކީ އޭނައަށް ފްލެޓް ނުލިބުމެއް ނޫނެވެ. ނަމަވެސް އޭނާ ދަންނަ އޭނާއަށް ވުރެ ހާލަތު ރަނގަޅު މީހުންނަށް މަތިން މާކްސް ލިބިފައި ހުރުމެވެ. ރަށުގައި ދިރިއުޅޭނެ ގޮތް ހުރި މީހުންނަށް ވެސް ގިނަ ޕޮއިންޓް ދީފައި ހުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

ފްލެޓް ކޮމެޓީން އައިޝާގެ ދިރިއުޅުމުގެ ހާލަތު ބައިން 10 ޕޮއިންޓް އަތުލި އިރު، އޭރު އުޅެމުން ދިޔަ ތަނުގެ މަތީގައި މަރަމާތެއް ފެށުމާ އެކު، ފުރާނައަށް ބިރުން އެ ގެއިން ނުކުންނަން މިހާރު ވަނީ މަޖުބޫރު ވެފަ އެވެ. މަތިން ފެން ފައިބަން ފެށުމުން، މުހިންމު އެއްޗެހި ހިފައިގެން ތިން މައިން އެ ގެއިން ނުކުމެގެން ގޮސް ވަދެ ތިބީ ރައްޓެއްގެ ގޭގައި ހުރި ކޮޓަރިއެއްގަ އެވެ. ޖެހިގެން އައި ދުވަހު ދިޔަ އިރު، އެނދާއި ކަބަޑާއި ދެން ހުރި އެއްޗެހި ހުރީ ފެނުގެ ތެރޭގައި ފޯވެފަ އެވެ.

އޭނާ އާއި ދެކުދިން މިވަގުތު ތިބީ ބޯހިޔާވަހިކަމެއް ނެތިފަ އެވެ. ވަގުތީ ގޮތުން ވަދެ ތިބި ކޮޓަރީގެ އެގްރީމަންޓެއް އަދި ނުލިބެ އެވެ. ލިބޭނެ ކަމެއް ވެސް ނޭނގެ އެވެ. ލިބުނިއްޔާ އަނެއްކާ ވެސް ނުކުންނަން މަޖުބޫރުވަންދެން އެ ކޮޓަރީގައި ދެކުދިންނާ އެކު އޭނާ މަޑުކުރާނެ އެވެ.

"އަޅުގަނޑަށް އެނގޭ ފްލެޓެއް ލިބުނަސް އެތަނަށް ވެސް ކުލި ދައްކަން ޖެހޭނެކަން. އަޅުގަނޑަށް ނަސީބަކުން ތައުލީމު ލިބިފައި އެބަހުރި. ކުލި ދެއްކޭނެ. އޭރުން މުސާރަ ހުސްކޮށްގެން ވިޔަސް އެ ބިނާކުރެވެނީ އަމިއްލަ ތަނެއް. އެހެން މީހެއްގެ ތަނެއް ނޫން. އަޅުގަނޑު ނެތް ދުނިޔެ އެއްގައި ވެސް އަޅުގަނޑުގެ ދަރިން މަގުމަތިނުވާނެ ކަން އަޅުގަނޑަށް ޔަގީންވާނެ،" އައިޝާ ބުންޏެވެ.

ޝަކުވާ ފޯމު ހުށަހަޅައިގެން އައިޝާ އަދިވެސް އިނީ އުންމީދުގަ އެވެ. އޭނާ ގަބޫލުކުރަނީ އަބަދު ވެސް ހެޔޮގޮތް މިންވަރުކުރައްވާނެ ކަމަށެވެ. ނަމަވެސް ހިތުގައި ހުރި ޝަކުވާ ވެސް މަދެއް ނޫނެވެ.

"އަޅުގަނޑަށް މިހާރު ޔަގީންވެއްޖެ އަޅުގަނޑަކީ ރެފިއުޖީއެއް ކަން. އައިޑީކާޑުގަ ދިވެހި ރައްޔިތެއް ކަމަށް އޮތަސް، އަޅުގަނޑަކީ ވަންނާނެ ތަނެއް ނެތް ރެފިއުޖީއެއް. އެތަން މިތަނަށް ކުލި ދައްކައިގެން އަމިއްލަ ގެއެކޭ ބުނާނެ ތަނެއް ނެތް. އަޅުގަނޑު ކަހަލަ ކިތައް މީހުން އުޅޭނެތޯ. އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ހައްގު ނުވަނީތޯ؟" އައިޝާ ރޮމުން ކިޔައިދިނެވެ.

މީހެއްގެ އެހީތެރިކަމެއް ނެތި ދެ ކުދިން ގޮވައިގެން އެކަނި އުޅެންޖެހިފައި ހުރި އިރު އެއްވެސް ސަރުކާރަކަށް އޭނާއަށް ކޮށްދެވުނު ކަމެއް ނެތެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޝަކުވާ ފޯމު ހިފައިގެން ހިނގެނީ ވާ ދެރައިންނެވެ. ހިތަށް ކުރާ އަސަރުން، ކުރެވޭ އުންމީދުގެ ސަބަބުންނެވެ.

އަޅުގަނޑުމެން ވަންނާނެ ގެދޮރު ނެތްއިރު، ކޮންމެ ފަހަރަކު ވޯޓަށްތޯ އަޅުގަނޑުމެން ފެންނަންވީ؟ އަޅުގަނޑުމެން ހަމަ އަސްލު ވެސް ދިވެހި ރައްޔިތުންނަށް ނުފުދެނީ. އައިޑީކާޑު އޮތަސް އަޅުގަނޑު ނުފުދޭ ދިވެހި ރައްޔިތަކަށް. ދިވެހި ރައްޔިތެއް ނަމަ މިހާލުގަ އުޅެން ނުޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." އައިޝާ ބުންޏެވެ.

comment ކޮމެންޓް