ޔާރާއެ ލޯބިދޭށޭ... 02

ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ނެގުމަށްފަހު، ޒެނިލް ތެދުވި އެވެ. ފައިދަށުގައި އޮތް ކެހެރި ކާޕެޓުގެ މަތީގައި ބައިންދާފައިވާ މަޑު ފައިވާނަށް ދެފައި ކޮއްޕައިލި އެވެ. އޭނާ ލައިގެން ހުރީ ނިދަންލާ ދޫ ހަރުވާޅަކާއި، ކެހެރި ފޮތީގެ އަތްދިގު ޓީޝާޓެކެވެ. ފަން އިސްތަށިގަނޑު ވަނީ ތަރުތީބެއް ނެތް ގޮތަކަށް މައްޗަށް ހިއްލިފަ އެވެ. ތެދުވި ނަމަވެސް، އޭރުވެސް އޭނަގެ ދެލޯ ރަނގަޅަށް ނުހުޅުވެ އެވެ.

********

ޒެނިލް ދޮރު ހުޅުވައިލިއިރު، ޖުއާން އުޅެނީ ތަޅުގައި ހިފައިގަނެގެންނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލަފާނެ ކަމެއް ޖުއާންއަކަށް ނޭނގެ އެވެ. ގުދުވެގެން އޮތުމުން، ހަށިގަނޑު މަތަނުކުރެވިގެން ދާދި ފަސޭހައިން ބަނޑުވަތަށް ވެއްޓިއްޖެ އެވެ.

"އައުޗް!..." ޖުއާން ތެދުވެ، ދަތްދޮޅީގައި ފިރުމަން ފެށި އެވެ.

ކައިރީގައި ހުރި ޒެނިލް އޭނައަށް ފެނުނީ، އިރުކޮޅެއް ފަހުންނެވެ. ޒެނިލް ހުރިގޮތް ފެނުމުން، ޖުއާން ސިހޭގޮތް ވިއެވެ.

"ޒޯމްބީއެއް ކަމަށޭ ހީކުރީ..." ޖުއާން ހެމުން ހެމުން ބުންޏެވެ.

ޖުއާން މަޖާވެގެން އުޅުނު ނަމަވެސް، ޒެނިލް ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ.

"އޯކޭ!... އެއްވެސް މަޖަލެއް ނޫން..." ޖުއާން އަވަސް އަވަހަށް ބުންޏެވެ. "މި ދޭންވެގެން އައީ... ބްރޯއަށް ހޭލެވިދާނެތީ، ދޮރުގެ އަރިމަތިން ކޮއްޕާލަން އުޅުނީ... އެކަމަކު މިދޮރު މިހުރީ އެއްޗެއް ކޮއްޕޭ ވަރަކަށް ނޫން...."

ޒެނިލްގެ ދެބުމަ ކުރިއަށްވުރެ ކައިރި ވިއެވެ. ހޭލެވިދާނެތީ އުޅޭ މީހަކު، ހަނގުރާމައެއް ކުރާ ވަރަށް އަޑުގަދަކޮށްލާނެ ހެއްޔެވެ؟ ޒެނިލްގެ ނަޒަރު ޖުއާންގެ އަތުގައި އޮތް ސިޓީއުރައިން، އަޅުވައިގެން ހުރި ބޮޑު ދަބަހަށް ހުއްޓުނެވެ. އެއީ އައިސް ސްކޭޓް ކުރަން ދާއިރު ޖުއާން އަބަދުވެސް ގެންދާ ދަބަހެކެވެ. ޒެނިލްގެ އެންމެ ބަލައިލުމަކުން، އޭނަ ކުރަންއުޅޭ ކަންތައް އެނގިއްޖެކަން ޖުއާންއަށް ވިސްނުނެވެ.

"ޓޫ މަންތްސް.." ތިން އިނގިލި ދައްކައިލަމުން ޖުއާން ބުންޏެވެ.

ޖުއާން އެދުނީ ހުއްދައަކަށެވެ. އޭނަ ބޭނުންވީ ތިންމަހުގެ ވާހަކަ ބުނާށެވެ. އެކަމަކު ޒެނިލް ހިތްހަމަނުޖެހޭނެތީ ދެމަހުގެ ވާހަކަ ބުނެފައިވެސް ދައްކައިލެވުނީ ތިން އިނގިއްޔެވެ. ކުޑައިރޫއްސުރެ، އައިސް ސްކޭޓް ކުރުމަކީ ޖުއާން މާ ކުރާހިއްވާ ކަމެކެވެ. އެކަމަކު، ލިބުނު އަނިޔާއެއްގެ ސަބަބުން ޖުއާންގެ މައިބަދައަށް ވަނީ ގެއްލުންވެފަ އެވެ. ޒެނިލް ހުއްދަނުދޭ ސަބަބަކީ ވެސް އެއީއެވެ. ޒެނިލް ކަޅި ޖަހައިވެސް ނުލައި ބަލަން ފެށުމުން، ޖުއާނަށް އެ އަދަދު މަދު ކުރަން މަޖުބޫރު ވިއެވެ.

"އޯކޭ... ޓޫ ވީކްސް... ހަމަ އެންމެ ޓޫ ވީކްސް..." ޖުއާންގެ ކަރު އެލުނެވެ. "ޕްލީޒް... ބްރޯ ޕްލީޒް... ހުރިހާ އެކުވެރިންވެސް ދާނެ..."

ޒެނިލް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ. ކަރު އެލުވާލައިގެން ޖުއާން ހުއްޓެވެ. މިނެޓެއް ފަހުން އެނބުރި ނުކުތްއިރު، ފިނީގައި ލާއިރު ގެންގުޅޭ ކަހަލަ ބޯ ޖެކެޓެއް އަތުގައި އޮތެވެ. ޖެކެޓު ޖުއާން އާއި ދިމާއަށް އެއްލުމަށްފަހު ޒެނިލް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖެހި އެވެ. ސިކުންތެއްވެސް ނުވެ، ދޮރު ހުޅުވައިލާފައި ޖުއާންގެ އަތުގައި އޮތް ސިޓީއުރަ ދަމައިގަނެގެން ކޮޓަރިއަށް ވަދެއްޖެ އެވެ.

"ތޭންކް ބްރޯ... ތޭންކްސް..." ކޮޓަރީގައި ހުރި ޒެނިލްއަށް އިވޭ ވަރަށް ޖުއާން ބުންޏެވެ.

ބައެއް ފަހަރު ޒެނިލް ކަމަކަށް އެއްބަސް ވިޔަސް، އެކަން ހާމަކުރަނީ އަމަލުންނެވެ. އެފަދަ ވަގުތުތަކުގައި މާ ގިނަ ވާހަކަ ދެއްކުން ޒެނިލްއަކަށް މުހިއްމެއް ނުވެ އެވެ. އަނެއްބައި ފަހަރު، އަނގަ ގަދަކަމުން، ކައިރީގައި ހުންނަ މީހާ ބޮލަށް އުނދަގޫވާވަރު ކުރެއެވެ.

ޒެނިލް އަކީ ޖުއާންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. މައިންބަފައިންގެ ކައިވެނި ރޫޅިފައި ވަނީ ޒެނިލްގެ އުމުރުން، އަށް އަހަރުގަ އެވެ. އޭރު ޖުއާންއަށް ވާނީ ހަތަރު އަހަރެވެ. ކައިވެނި ރޫޅުމަށްފަހު، ދެކުދިން އުޅެމުން ދިޔައީ ބައްޕަ ދާއޫދާއި އެކުގަ އެވެ. ދާއޫދަކީ، ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކޮރެއާގެ ރައްޔިތެކެވެ. ކޮރެއާގެ ނަން މަޝްޙޫރު މީހުންގެ ލިސްޓުގައި ހިމެނިފައިވާ މުއްސަންޖެކެވެ. ނުފޫޒުގަދަ އާއިލާއެއްގައި ތިބި ތިންބެއިންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. އަމިއްލަ އެތައް ކުުންފުންޏެއް އޭނާގެ ނަންމަތީގައި އޮންނައިރު، ކޮރެއާގެ އެންމެ ނަން މަޝްޙޫރު ޓީވީ ޗެނަލް އަކީވެސް އޭނާގެ ތަނެކެވެ. ވިޔަފާރީގެ ކަންތައްތަކުގައި ދާއޫދަށް ގިނައިން އުޅެން ޖެހެނީ، ޤައުމުން ބޭރުގަ އެވެ. ދެ ދަރިންނަށް ބައްޕަ ފެންނަނީ، އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. ކުޑައިރޫއްސުރެ ކުދިންގެ ކަންތައްތައް ބަލަހައްޓަން ގެއަށް ތިބެނީ ނޯކަރުން ލާފައެވެ. ކުދިން ބޮޑެތިވީ އެމީހުންގެ ލޯބި ލިބިގެންނެވެ. އެ ކަންކަމާއި ހުރެ، ބައްޕަ އާއި ދަރިންގެ ގުޅުން ހީނަރެވެ. ކުޑައިރޫއްސުރެ، ދާއޫދުގެ މާބޮޑު އަޅާލުމެއް ދަރިންނަކަށް ނުލިބެ އެވެ. ސަބަބަކަށް ވަނީ ކުރަންޖެހޭ މަސައްކަތެވެ. ދަރިންނާއިއެކު ވަގުތު ހޭދަ ނުކުރެވުމެވެ. ކައިވެނި ރޫޅުމަށްފަހު، މަންމަވީ ކޮންތާކު ކަމެއްވެސް ދާއޫދު އޭނާގެ ދެ ދަރިންނަކަށް ބުނެއެއް ނުދެ އެވެ. ކުދިން އެކަމާއި ބެހޭގޮތުން ސުވާލު ނުކުރާތީ ކަމަށްވެސް ވެދާނެ އެވެ. ދާއޫދާއި ކުދިންނާއި ދެމެދު އޮންނަ ގުޅުން ކުޑަވުމުން، އެފަދަ ސުވާލެއްވެސް ކުރަން ދަރިންނަށް ނުވެސް ކެރެނީ އެވެ.

ޒެނިލް އަކީ ނުދަންނަ މީހުންނާއި މާގިނަ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ. ޖުއާން ތަފާތެވެ. ނުދަންނަ މީހަކު އެއްޗެއް އަހައިލިޔަސް، އަނގަ ގަދަކަމުން ހުއްޓުވަން ޖެހެނީ ގަދަކަމުންނެވެ. ދެމީހުން އުމުރުގެ ގޮތުން ހަތަރު އަހަރު ތަފާތަސް، އެކުގައި ފެނުމުން، ހީވަނީ އެއް އުމުރެއްގެ ދެމީހުން ހެންނެވެ. ޒެނިލް އެކޭ އެއްވަރަށް ޖުއާންވެސް އިސްކޮޅުން ދިގުވެފައި، ފިރެހެންވަންތަ އެވެ. ހަމުގެ ކުލަ އައްޔެވެ. ހަންގަނޑު އޮމާންވެފައި އިސްތަށިގަނޑު ވަރުގަދަ އެވެ. ޒެނިލްގެ އިސްތަށިގަނޑުގައި ހުންނަނީ ގަދަ މުށި ކުލަ އެކެވެ. އެއާއި ޚިލާފަށް ޖުއާންގެ އިސްތަށިގަނޑު ކަޅެވެ.

********

އާދައިގެ މަތީން ހެނދުނު ހޭލިގޮތަށް ޖިލްވާ ދިޔައީ ކަސްރަތު ކުރާށެވެ. އިންތިޒާރުގައި ރިފްއާން މަޑުކޮށްލައިގެން ހުއްޓެވެ. ގޭގެ ބަގީޗާ ގަސްތަކުގައި ރީތި މާތައް ފޮޅިފައިވި ދުވަހެކެވެ. ދެތިން މަލެއް ބިނދެލައިގެން ޖިލްވާ ގޮސް ރިފްއާނުގެ ކައިރީގައި ހުއްޓުނެވެ. އެތަނުން އެއް މާ ރިފްއާނުގެ ބޮލުގައި ޖަހައިދިނުމަށްފަހު، އަނެއް މާ އޭނަގެ އިސްތަށިގަނޑުގައި ހަރުކޮށްލަ ދިނުމަށް އެދުނެވެ. ޖިލްވާ އެދުނުގޮތަށް ރިފްއާން ކަންތައް ކޮށްދިނެވެ.

"ރޭގަ މިތާ ހުރިންތަ؟..." ބަގީޗާ ގަސްތައް ދައްކައިލަމުން، ޖިލްވާ ސުވާލު ކުރި އެވެ.

"ނޫނޭ..." ރިފްއާން ބޯ ހޫރައިލި އެވެ. "ކިހިނެއްވީ؟..."

"ކަމެއްނުވޭ..." ރިފްއާން ހާސްވެދާނެތީ ޖިލްވާ ބޭނުންވީ އެވާހަކަ އޮޅުވައިލާށެވެ. "ތިއެއްނޫނޭ... ކީއްވެތަ މީހުން ތިބޭ ތަންތާނގަ މޭމް ކިޔަނީ؟..."

ރިފްއާން އެސުވާލުގެ ޖަވާބެއް ނުދިނެވެ. ހަމައެކަނި ހިނިގަނޑަކުން ފުއްދައިލީ އެވެ. ރިފްއާނަކީ، އާމިރާއި ހަމްދާގެ ދަރިއެއް ނޫނެވެ. އުމުރުން އެންމެ ދެ އަހަރުގައި ޖިންސީގޯނާގެ ތުހުމަތުތަކެއްގައި، ރިފްއާނުގެ މަންމަ އާއި ބައްޕަ ހައްޔަރު ކުރެވުނެވެ. އާއިލާގައި ރިފްއާން ބަލާނެ މީހަކު ނެތި، މަގުމަތިވެފައި ވަނިކޮށް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލި މީހަކީ އާމިރެވެ. އާމިރުގެ އޯގާތެރި ހިތަށް ރަޙުމު ވަނީ އެވެ. ރިފްއާން ގެނައީ، އެ ދެމަފިރިންނަށް ދަރިއަކު ނުލިބޭނެ ކަމަށް ޑަކުޓަރު ބުނެފައިވާތީ އާއިވެސް އެކުގަ އެވެ.

ޖިލްވާއަށްވުރެ ރިފްއާން ހަގީ ދެ އަހަރެވެ. ދެކުދިންގެ ގުޅުން އާދަޔާ ޚިލާފަށް ރަނގަޅެވެ. ޚާއްސަކޮށް ޖިލްވާގެ ކޮންމެ ކަމެއް ރިފްއާން ކޮށްދެނީ، ކުރާހިތުންނެވެ. އެކްސިޑެންޓެއްގައި ޖިލްވާގެ އަތުގެ ކުޑަހުޅު ނެއްޓުނު ފަހުން، ތަނަކަށް ދަންޏާ އެކުގައި ދާން ރިފްއާން ބޭނުންވާނެ އެވެ. އެފަދަ ހާދިސާއެއް ހިނގާފާނެތީ، އެކަނި ފޮނުވަން ހިތްހަމަނުޖެހޭ ކަމަށް ބުނެ އެވެ. އެ އަމަލުތަކުން އާމިރަށް ފެނުނީ ބޭބެއަކު ކޮއްކޮއަކު ދެކެވާ މަތިވެރި ލޯތްބެވެ. އެކަންކަމާއި އާމިރު ހުންނަނީ އުފަލުންނެވެ. އޭނަގެ ނިންމުން، ފޮނިވީތީ އެވެ. ބޮޑުވެގެން ރިފްއާން ވީ ފެޝަން ޑިޒައިނަރަކަށެވެ. އާމިރުގެ ކުންފުނިން އުފައްދާ ދަބަސްތަކާއި ހެދުންތައް ފަރުމާ ކުރަނީ އޭނަ އެވެ. ހަމަ އެއާއިއެކު، ޖިލްވާގެ ފިލްމީ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް އޭނަ ޙަވާލުވީ، އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންނެވެ.

"ރިޕްސް!..." ޖިލްވާ ގޮވައިލި އެވެ. "ކޮން ކަމަކަށް ގެއްލިފަ؟..."

ފޯނަށް ބަލަން ހުރެފައި ރިފްއާން ފޯނު ފޮރުވި އެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ކަން އެނގުމުން ޖިލްވާއަށް ލިބުނީ އައު ހިއްވަރެކެވެ.

"ކޯއްޗެއް ތި ފޮރުވަނީ؟..." ރިފްއާންގެ އަތުން ފޯނު ޖަހައިގަންނަން މަސައްކަތް ކުރަމުން ޖިލްވާ އެހި އެވެ.

ފޯނު ނުދޭން ރިފްއާން އޭނާގެ އަތް ހިއްލައިލީ މައްޗަށެވެ. ޖިލްވާ ފުންމަފުންމާފައި ފޯނު އަތުލަން އުޅުނެވެ.

"ދޭށޭ!..." ކުޑަކުއްޖެއްހެން ތުންދަމައިލަމުން ޖިލްވާ ބުންޏެވެ.

ރިފްއާން ބޯ ހޫރައިލި އެވެ. ޖިލްވާ އަނެއްކާވެސް ފުންމައިލި އެވެ. އެފަހަރު އޭނަގެ ބޯ ޖެހުނީ ރިފްއާނުގެ ދަތްދޮޅީގަ އެވެ. ވީތަދުން ރިފްއާނަށް ދެއަތް ތިރިކޮށްލެވުނެވެ. ވަގުތުގެ ބޭނުން ހިފައި ޖިލްވާ ރިފްއާނުގެ އަތުން ފޯނު ޖަހައިގަތެވެ.

"ހިލަގަނޑެއްތަ؟..." ޖިލްވާގެ ބޮލުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ރިފްއާނު ބުންޏެވެ.

ޖިލްވާ ޖަހައިލީ ހިނިގަނޑެކެވެ. ރިފްއާންގެ ފޯނުން ޖިލްވާއަށް ފެނުނީ، އޭނަ ބޭނުންވިފަދަ މަންޒަރެއް ނޫނެވެ. ސަނާހާ އެފްބީގައި ޚިއްސާކޮށްފައިވާ ޕޯސްޓުގައި ވަނީ ޝާވިން އާއިއެކު ގައިގޯޅިވެގެން ނަގާފައިވާ ތަސްވީރެކެވެ. ތަސްވީރުގެ ތިރީގައި އިނގިރޭސިން "ބީއެފް" ޖަހާފައިވާއިރު، އޭގެ އިތުރަށް ލިޔެފައިވާ ލިޔުންކޮޅު ކިޔައިލުމުން ޖިލްވާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ސަނާހާ ލިޔެފައިވާ ކޮންމެ ޖުމުލައެއް ރައްދުވަނީ އޭނައަށް ކަން ޖިލްވާއަށް ވިސްނުނެވެ. ޖިލްވާގެ މަޖާ މޫޑު ގެއްލި، ތަބީއަތު ބަދަލުވެއްޖެ އެވެ. ފުން ނޭވާތަކެއް ލަމުން، ދެކޮޅަށް ހިނގަން ފެށިގޮތުން ރިފްއާން ހާސްވެފައި ޖިލްވާ މައިތިރި ކުރެވޭތޯ އުޅެން ފެށި އެވެ.

"އޭނަ ހީކުރަނީ ކީކޭ ކަމަށްތަ؟..." މާނޭވާ ލަމުން ޖިލްވާ ބުންޏެވެ. "އަހަންނަކީ އެއްވެސް ކަމެއް ނުވާ، އެއްވެސް ކަމެއް ކޮށްނުދެވޭ މީހެކޭތަ ބުނެފަ އެއޮތީ؟... އަދި ބުނެފިއެއްނު، މީހުންނާ ރައްޓެހިވެގެން އުޅޭކަށް ނޭނގެއޭ... ހައު ޑެއަރ ޝީ..."

ޖިލްވާގެ ހިތް ޝަކުވާއިން ފުރިގެން އައީ ޝާވިން ކަންތައް ކުރި ގޮތުންނެވެ. އެކަމަކު އެކަން ރިފްއާނުގެ ކުރިމަތީގައި ހާމަކުރަން ބޭނުން ނުވާތީ ހުރިހާ އެއްޗެއް ކީ ސަނާހާ އާއި ދިމާއަށެވެ.

"އޭނައަށް ނޭނގެނީތަ އޭނަގެ ފޮލޯވަރުންނަށްވުރެ އަހަރެންގެ ފޮލޯވަރުން ގިނަ ކަން..." ޖިލްވާ ހުރީ ތުން ފިއްތާލައިގެންނެވެ.

"މޭމް!..." ރިފްއާން ހާސްވެފައި ގޮވައިލި އެވެ.

"ބުނެފީމެއްނު ތިހެން ނުކިޔާށޭ!... ޖިލް ކިޔާށޭ!... ޖިލް ކިޔާށޭ!..." ޖިލްވާ ހަޅޭއްލަވައިގަތެވެ.

"ކިހިނެއް ވެގެން މިއުޅެނީ؟..." ވާފިރުގެ އަޑު އިވުމުން، ޖިލްވާ ބަލައިލީ، ކުރިއަށްވުރެ ބޮޑަށް ތުން ފިއްތައިލަމުންނެވެ.

"ކާފާ!..." ޖިލްވާ ދުވެފައި ގޮސް ވާފިރުގެ ގައިގައި ބައްދައިލި އެވެ.

"ކާފަގެ ކުޑަ ދޫންޏަށް ކާކު ތޮޅުނީ؟..." ޖިލްވާގެ ގައިގައި ދެއަތް ވަށައިލަމުން ވާފިރު ސުވާލު ކުރި އެވެ.

ކުށްވެރިއެއްހެން އިސްޖަހާލައިގެން ރިފްއާން ހުއްޓެވެ. އެ އާއިލާއިން ރިފްއާން އެންމެ ޤަދަރުކުރާ މީހަކީ ވާފިރު ކަމަށްވީތީ އެވެ. ވާފިރާއި ޖިލްވާ އެކުގައި ގޮސް އިށީނީ، ބަގީޗާ ގަސްތަކުގެ ކައިރީގައި ހިލައިން ހަދާފައިވާ ގޮނޑީގަ އެވެ.

"ބައްޕާ!..." ދުރުގައި މަންޒަރު ބަލަން ހުރި އާމިރު ގޮވައިލި އެވެ. "ވިހި އަހަރުގެ ބޮޑު އަންހެންކުއްޖެކޭ ތީ... ބުނަމެއްނު ތިހެން ނުހައްދާށޭ... މީހަކާ އިންނައިރުވެސް ޔަގީނޭ އުޅޭނީ ޅަކުއްޖެއްހެން ކަން..."

"ސަނާހާ ފާޑުފާޑުގެ އެއްޗެހި ކިޔަނީއޭ ބައްޕާ!... ޕަބްލިކްގަ އެކަހަލަ ކަންތައް ކުރީމަ ޤަދަރަށް ހުތުރުވާނެއެއްނު... ބައްޕައަށްވެސް އެނގޭނީ ބައްޕައާ ދިމާއަށް މީހަކު އެއްޗެހި ކިޔާނަމަ ވާގޮތެއް..." ޖިލްވާ ޝަކުވާ ކުރި އެވެ.

ސަނާހާގެ ވާހަކަ ޖިލްވާ ވާފިރަށް ޚިއްސާކުރީ، ހިތް ރަޙުމުން ފުރިގެންދާނެވަރުގެ ހިތާމަވެރި ރާގެއްގައެވެ. ދެފަރާތަށް ބޯ ހޫރާލަ ހޫރާލާ އާމިރު ހުރިއިރު، ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ރިފްއާނު ހުއްޓެވެ. ވާފިރު އިނީ ކާފަ ދަރިފުޅު ރުއްސަން، އޭނާގެ ބާރުން ކުރެވޭނެ ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށެވެ. އެތައް އިރަކު ވިސްނާފައި ޖިލްވާ އެދުނީ، ބޭރު ޤައުމަކަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. ވާފިރު ކޮން ޤައުމެއްތޯ ސުވާލު ކުރީ ވަރަށް ހަމަޖެހިލައިގެން އިނދެ އެވެ. އެކަމަކު ޖިލްވާ ދިން ޖަވާބުން އޭނަގެ ބޮލަށް އެނބުރުން އަރައިގަތެވެ. ސިހިފައި ކޮޅަށް ތެދުވެއްޖެ އެވެ.

"ކާފައަކަށް ނުކެރޭނެ ތިހާ ދުރަށް ދަރިފުޅު ފޮނުވާކަށް..." ވާފިރު ދެކޮޅު ހެދި އެވެ. "މީހަކު ދާވެސް ހިސާބަކަށް ނޫންވިއްޔަ ދަރިފުޅު ދާން ތިބުނީ..."

"ކީއްވެތަ ކާފާ!..." އަކުރުތަކަށް ދަމައިލަމުން ޖިލްވާ އަހައިލި އެވެ. "ކޮރެއާ އަކީ، ވަރަށް ރަނގަޅު މީހުން އުޅޭ ތަނެކޭ... ރިޕްސް ވެސް ގޮވައިގެންނޭ ދާނީ... ކާފާ ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް..." ޖިލްވާ ކުރުނުކޮށް ކިޔަން ފެށި އެވެ.

********

"ޒެލް!... ޒެލް!..." އަންހެން ކުއްޖަކު ވޭނީ އަޑަކުން ހަޅޭއްލަވަމުން ދިޔައެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ޒެނިލް ހުރީ ދެކޮޅަށް ދުވެދުވެ ވަރުބަލިވެފަ އެވެ. އެއް އަތުގައި އަންހެން ކުއްޖެއްގެ ބޫޓެއް އޮތްއިރު، އަނެއް އަތުގައި އޮތީ، ފިނިއިރު ކަރުގައި އަޅާ ޒާތުގެ އިސްކާފެކެވެ. ފަޅުކަން ވެރިވެފައިވާ ހިމަ މަގުތަކުގެ ވަށައިގެންވީ ވީރާނާ ވެފައިވާ ގެތަކެވެ. ޒެނިލްގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށް ނިމުމެއް ނައެވެ. އުއްމީދު ގެއްލެން ފެށީ، އެ އަޑު ހިނދެން ހިނދަކަށް މަޑުވާން ފެށުމުންނެވެ.

"ހައިޖީން!..." ޒެނިލް އޭނާއަށް ގޮވުނު އެންމެ ބާރަކަށް ގޮވައިލި އެވެ.

(ނުނިމޭ)

comment ކޮމެންޓް