ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ ހުކުމް މި މަހު 14ގައި

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމައި މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ.

ހައިކޯޓުން މިއަދު ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން، މި ހިނގާ ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

އިސްތިއުނާފު އަޑުއެހުންތައް ނިމުނުތާ މިހާރު އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް، ހުކުމް ނުކޮށް އޮތުމުން އެމަނިކުފާނުގެ ވަކީލުން ވަނީ އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

ހުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ހުލާސާ ބަޔާނުގައި ޑރ. ޖަމީލް ފާހަގަކޮށްފައިވަނީ، ގާނޫނީ ގޮތުން އެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާނެ ނުކުތާތަކެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ތަހުގީގު މަރުހަލާގައި ވޮޑަމުލާއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާ ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ މުވައްކިލުގެ މައްޗަށް ކޮށްފައިވަނީ ތަހުގީގު ނުކުރާ މައްސަލައެއްގެ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނުންޏަކީ ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ އިރު އެ ކުންފުނިން ރައީސް ޔާމީނަށް ޖަމާކޮށްފައިވާ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއްކަން ބުނުމުން "ހަމައެއް ނުޖެހޭ" ކަން ޑރ. ޖަމީލް ވަނީ ފާހަގަކުރައްވައިފަ އެވެ.

ހަމައެއާއި އެކު އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ އެހެން އެއްވެސް ފަރާތަކަށް މިހާތަނަށް ދައުވާ ކޮށްފައި ނުވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އެހެން ކަމުން ހަމައެކަނި ރައީސް ޔާމީނަށް ދައުވާ ކޮށްފައިވާތީ ޑރ. ޖަމީލް ވަނީ އެކަމާ ސުވާލު އުފައްދަވާފަ އެވެ.

އެ މައްސަލައިގައި ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ދީފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު އަކީ އެމަނިކުފާނުގެ އަދުއްވުން ކަމަށާއި އެހެން ކަމުން އެމީހުންގެ ހިތުގައި ރައީސް ޔާމީންއާ މެދު ހަސަދަވެރިކަން އޮންނާނެކަން ވެސް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.

އަމިއްލަ ދިފާއުގައި ރައީސް ޔާމީން ވެސް އެ އަޑުއެހުމުގައި ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ކުރި ކަމެއްގެ ސަބަބުން ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެކަމުން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ޔާމީން ވެސް ވަނީ އަދީބު އާއި ޒިޔަތުގެ ހެކިބަހާއި މެދު ސުވާލު އުފައްދަވާފަ އެވެ. ވިދާޅުވީ، މީގެ ކުރީގައި އެ ދެ ބޭފުޅުން ވެސް ވޮޑަމުލާ އާއި އެމަނިކުފާނާ ގުޅުވާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދައުލަތުން އަހުމަދު އަދީބު އާއި ޒިޔަތުއާ އެކު ހެދި އެއްބަސްވުމަށްފަހު، މިހާރު އެ ދައްކާ ވާހަކަ ގަބޫލު ކުރަން ދަތިފުޅު ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވެސް މިހާރު ތިބީ ނުފޫޒެއްގެ ދަށުގައި "ފިތިފައި" ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕަބްލިކް ޕްރޮސިކުއުޓާ އަހްމަދު ނައުފަލް ވިދާޅުވީ، އެސްއޯއެފް އަކީ ދަންނަ ކުންފުންޏެއް ނޫން ކަން ރައީސް ޔާމީންގެ ފަރާތުން ވިދާޅުވެފައިވާއިރު، ކާކުކަން ނޭނގޭ ފަރާތަކުން ލިބޭ ފައިސާއެއް ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓަށްވާ ފައިސާ ކަމާއި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް