ރިޒްވީ ވަކިކޮށް މޯލްޑިވިއަންގެ އެމްޑީއަކަށް މިހާދު

މޯލްޑިވިއަންގެ އެމްޑީއަކަށް ހަމަޖެއްސި މިހާދު

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އެމްޑީކަމުން މުހައްމަދު ރިޒްވީ ވަކިކޮށް އެ މަގާމަށް މ. މޮންޓިރިއަލް މުހައްމަދު މިހާދު އައްޔަންކޮށްފި އެވެ.

ރިޒްވީ ހަމަޖެއްސީ، ރީޖަނަލް އޮޕަރޭޓް ކުރަން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށެވެ.

މޯލްޑިވިއަންއަށް ހަމަޖެއްސި މުހައްމަދު މިހާދު އަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ، ފިނޭންސްގައި 15 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މޯލްޑިވިއަންއަށް ހަމަޖެއްސިއިރު، އޭނާ އަކީ މިހާރުވެސް އެމްއޭސީއެލްގެ ބޯޑު މެންބަރެކެވެ. އަދި މީގެ ކުރިން ވެސް އޭނާ ވަނީ އައިއޭއެސް އާއި އެމްޓީޑީސީގެ ބޯޑު މެންބަރުކަން ކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޕްލިކް ފައިނޭންސް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމުވެސް އަދާކުރައްވާފައިވާ މިހާދަކީ ޓްރެވަލް އަދި ޓޫރިޒަމް ދާިރާގެވެސް ތަޖުރިބާކާރެކެވެ. އޭނާ ދަނީ އެ ދާއިރާގައި އަމިއްލަ މަސައްކަތްވެސް ކުރައްވަމުންނެވެ.

އައިލެންޑް އޭވިއޭޝަނުގެ ބޯޑުގައި މިހާރު ތިއްބަވާނީ ޗެެއާމަން ޑރ. އަހުމަދު ޝަމްހީދުގެ އިތުރުން އެމްޑީ މިހާދު އާއި ޑިރެކްޓަރުންގެ ގޮތުގައި އަބްދުﷲ އާމިރު، އައިޝަތު ޖެނިފާ، އަޒްހީލް އަހުމަދު އަދި އަބްދުﷲ އާޒިމް އެވެ.

އައިއޭއެސްގެ ދަށުން ހިންގާ ގައުމީ އެއާލައިންގެ ދަރަނި ބޮޑުވެ އެއާލައިން ބަނގުރޫޓުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެއާލައިންގެ ހިންގުން ހަރުދަނާ ކުރުމަށް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް