ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ޓެކްސީތަކުން ހިތުހުރި އަގެއް

ޓެކްސީއެއްގައި ރަތްބޯޑު ދިއްލާފައި -- ފައިލް ފޮޓޯ

މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޓެކްސީ ދަތުރު ކުރާނެ އަގު އަދި ކަނޑަނާޅާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

މާލެއިން ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް 100 ރުފިޔާ ޗާޖު ކުރާ ކަމަށްބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ޝަކުވާ އާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާރު ޓްރާންސްޕޯޓުގެ އުސޫލު ބުނާގޮތުން މާލެއިން ހުޅުމާލެ އަށް ކުރާ ޓެކްސީގެ ދަތުރު އަގަކީ 75 ރުފިޔާ އެވެ. އަދި ހުޅުމާލެ އަދި މާލެ ތެރޭ ކުރާ ދަތުުރުތަކަށް 25 ރުފިޔާ ޗާޖު ކުރާއިރު މާލެ އަދި ހުޅުމާލެއިންވެސް ހުޅުލެއަށް ކުރާ ދަތުރުތަކަށް ނަގަނީ 60 ރުފިޔާ އެވެ.

"މާލެއިން ހުޅުމާލެއަށް 75 ރުފިޔާ ޗާޖުކޮށްފައި ހުޅުމާލެ ދެވަނަ ފޭސްއަށް ދާން އެބަ ނަގާ އިތުރު 25 ރުފިޔާ،" ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒް އަލީ މިއަދު ވިދާޅުވީ އެންމެ ފުރަތަމަ މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް ކަނޑައަޅާ އާންމު ކުރިއިރުވެސް، ދެވަނަ ފިޔަވަހީގެ އަގުތައް ފަހުން އާންމު ކުރާނެ ކަމަށްް ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި މަޝްވަރާތަކުގައި ބުނެފައިވާނެ ކަމަށެވެ. ނަމަވެސް އަދި އެ އަގުތައް ފައިނަލައިޒްކޮށް އާންމު ކޮށްފައި ނުވާނެ ކަމަށް ޝިމާޒް ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖު ހުލުވާލުމާއެކު 100 ރުފިޔާ އިން ފެށިގެންގޮސް 200 ރުފިޔާ އާއި ހަމައަށްވެސް ޓެކްސީ ދަތުުރުކުރި އެވެ. އަގުތައް ބޮޑުވެ، ރެގިޔުލޭޓު ނުކުރާ މައްސަލައިގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެންމެފަހުން ޓްރާންސްޕޯޓުންވަނީ މި އަގުތައް ކޮންޓްރޯލުކޮށް މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އެންމެ މަތީ އަގުތައް ކަނޑައަޅައި އާންމުކޮށްފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަހައްދަށް ޓެކްސީ ކުރާނެ އަގު ކަނޑަނޭޅި އޮތްއޮތުމަކި އެ ސަރަހައްދުގައި އުޅޭ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޓްރާންސްޕޯޓުން ބުނީ އަގުތައް ކަނޑައެޅި ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. ނަމަވެސް އަގުތައް ކަނޑާއަޅައި އާންމު ކުރާނެ ތާރީހެއް ނުބުނެ އެވެ.

comment ކޮމެންޓް