ސްވިޑަންގައި ކޮވިޑް ޖެހިގެން މަރުވި ކޮންމެ މީހަކަށް ދަގަނޑު މަލެއް

ގިއާޓް ވެން ޑަ ވޯސެން : އޭނާ މާ ހަރުކުރާ ފީލްޑްގައި ---ފޮޓޯ:ބީބީސީ

ސްވިޑަންއަކީ ކޮވިޑާ ދެކޮޅަށް އެންމެ ތަފާތު ގޮތަކަށް މަސައްކަޔް ކުރި އެއް ގައުމެވެ. ހަރުކަށި ލޮކްޑައުން އަކަށް ނުގޮސް، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކަކުން އެކަނި ސްވެޑަން ފުއްދާލިއިރު، އަވަށްޓެރި ގައުމުތަކާއި އަޅާބަލާއިރު ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ ބޮޑެތި އަދަދުތަކެއް ސްވިޑަން އިން ފެނިފައިވެ އެވެ.

އެއާއެކު، ސްވިޑަން ރައްޔިތެއް މިވަނީ ތަފާތު ގޮތަކަށް އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަނދާން އާކޮށްފަ އެވެ.

ގިއާޓް މާ ހަރުކުރާ ފީލްޑްގައި -- ފޮޓޯ:ބީބީސީ

ވެލްޑަރެއް ކަމުގައިވާ ގިއާޓް ބުނާގޮތުން ކޮވިޑް ފެތުރެން ފަށައި އިތުރުވާން ފެށި ބޮޑެތި އަދަދުތަކުން ނުތަނަވަސްކަމާއި ހާސްކަން އޭނާއަށްވެރިވި އެވެ. އެއާއެކު އެ ނަންބަރުތައް ބޭނުންކޮށްގެން ތަފާތު ކަމެއް ކުރުމުގެ ހިޔާލުވެސް އޭނާއަށް ލިބުނެވެ.

މިގޮތުން އޭނާވަނީ ކޮވިޑް ޖެހި ސްވިޑަން އިން މަރުވި ކޮންމެ މީހަކަށް ދަނގަޑުން މަލެއް ހަދައި ބިމުގައި ހަރުކޮށްފަ އެވެ. ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހާތަނަށް މަރުވި 6561 މީހަކަށް ޓްރިބިއުޓްއެއްގެ ގޮތުގައި އޭނާ ވަނީ ދަގަނޑުން ތައްޔާރުކޮށްފައިވާ މަލެއް ފަސްގަނޑުގައި ހަރުކޮށްފަ އެވެ.

ކޮންމެ ދުވަހަކުވެސް ސްވެޑިޝް ހެލްތް އޮތޯރިޓީއިން ތަފާސް ހިސާބުތައް ގިއާޓް ބަލަ އެވެ. އަދި އެދުވަހެއްގެ ތާރީހާއި މަރުވާ މީހުންގެ ޖުމްލަ އަދަދު އޭނާ އެކަމަށް ހާއްސަ ކޮށްފައިވާ ފޮތެއްގައި ނޯޓް ކުރެ އެވެ. އަދި އޭގެ ކުރީ ދުވަހުގެ އަދަދުތަކުން އެ އަދަދު ގެއްލުމަށްފަހު ބޭނުންވާ އަދަދަށް މާ ތައްޔާރުކުރަން ފަށަަ އެވެ.

މީގެއިތުރުން ގިއާޓް ބުނާގޮތުގައި ކޮރޯނާ ޖެހި ފުރާނަ ގެއްލޭއިރު އެމީހެއްގެ އެއްވެސް ގާތް މީހަކަށް ކައިރީގައި ނުހުރެވުމަކީ ބޮޑު ހިތާމަ އެކެވެ. އެހެންކަމުން އެނާ ބޭނުންވީ އެފަދަ ހުރިހާ ފަރާތްތަކަށް ލިބެންޖެހޭ ސަމާލުކަމާއި އިހުތިރާމް އޭނާގެ މި މަސައްކަތުން ލިބިދިނުމެވެ.

ގާތްގަނޑަކަށް 2 މިނިޓާއި 30 ސުކުންތުގެ ކުރު ވީޑިއޯއެއްގައި އޭނާ މި މަސައްކަތްކުރާ މަންޒަރު ފެނިގެންދެ އެވެ. ހުސްބިމެއްގައި ބަރިބަރިއަށް ހަރުކުރަމުންދާ އެ މާތަކާ އެކު ރީތި ޑިޒައިންތައް ފެނިގެންދެ އެވެ.

މިވީ މުއްދަތުގެ ތެރޭގައި ސްވިޑަންގައި ވަނީ 430،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު 9000އާ ގާތްކުރެ އެވެ.

comment ކޮމެންޓް