ދުބާއީ ދަތުރުފުޅަށްފަހު، ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ސޯލިހް އެއާޕޯޓްގައި -- ފައިލް ފޮޓޯ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދުބާއީއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު، އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ދުބާއީއަށް ވަޑައިގެންނެވީ، މިދިޔަ އާދިއްތަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހް މާލެ ވަޑައިގެންފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާންއާ ބައްދަލުކޮށްފަ އެވެ. އަދި ދެގައުމަށް ފައިދާ ހުރި ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެ އެވެ.

ދެބޭފުޅުން ވަނީ ދެގައުމުގެ ކޮވިޑް19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި އެކި ގައުމުތަކާ ގުޅިގެން ޕެންޑެމިކް ކޮންޓްރޯލު ކުރުމަށާއި އެ ބަލިމަޑުކަމާ ދެކޮޅަށް ޔޫއޭއީއިން ޓެކްނޮލޮޖީގެ ބޭނުން ކުރި ގޮތަށް ރައީސް ސޯލިހު ވަނީ ތައުރީފު ދަންނަވާފަ އެވެ.

ޔޫއޭއީގެ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ވަނީ މިދިޔަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުތަކަކީވެސް ޔޫއޭއީގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުތަކެވެ.

comment ކޮމެންޓް