ފުރަތަމަ ފަސް ދުވަހު 15،500 އަށްވުރެ ގިނަ ޓޫރިސްޓުން

ވީއައިއޭގައި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ: އިފާޒް

އަހަރުގެ ފުރަތަމަ ފަސްދުވަހުގެ ތެރޭގައި 15،500 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މި 2021 ވަނަ އަހަރުގެ ފުރަތަމަ ފަސް ދުވަސްތެރޭ 15،678 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

އެގޮތުން ޖެނުއަރީ އެއްވަނަ ދުވަހު 2،005 ޓޫރިސްޓުން، ދެވަނަ ދުވަހު 4،160 ޓޫރިސްޓުން، ތިންވަނަ ދުވަހު 4،195 ޓޫރިސްޓުން އަދި ހަތަރުވަނަ ދުވަހު 2،646 ޓޫރިސްޓުން އަދި އިއްޔެ 2،672 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެވްރެޖުކޮށް 3،136 ޓޫރިސްޓުން ދުވާލެއްގެ މައްޗަށް އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 27،314 ޓޫރިސްޓުން އައިސްފައިވެއެވެ. ނަމަވެސް އޭރު ކޮވިޑު19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުކުރުމުގައި ހަރުކަށި ގަވައިދުތަކާއި ފިޔަވަޅުތައް އަޅައިފައެއް ނުހުރެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު 2020 ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިދިޔަ އޮކްޓޯބަރުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ. ހާއްސަކޮށް މި އާއަހަރާއި ދިމާކޮށް އަންނަ ޓޫރިސްތުންގެ އަދަދު އިތުރުވެފައިވެ އެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ރަޝިއާ، އިންޑިއާ، ޔޫކްރެއިން، ކަޒަކިސްތާން އަދި އިނގިރޭސިވިލާތެވެެ.

މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ އިންޑިއާ އެވެ. މިދިޔަ އަހަރު ޖުމްލަ 555،399 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

comment ކޮމެންޓް