ވަލީމާގައި އަންހެނުންނަށް ހަދިޔާކުރީ ކުޑައިރުގެ ގޭގެ ދޮރާށި

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

ޅ.ނައިފަރުގެ ހުޅަނގަށް އޮންނަ ނިކަން ހިތްގައިމު ސަންސެޓް ބީޗު މި ހަފްތާގައި ފަޅުފިލުވައިދީފައި އެވަނީ އާދައިގެ ކޮށެއް ނޫނެވެ. އުޑުމަތި ސާފު، މެންދުރުގެ ދަކަ އަވީގައި އެ ހުދު ދޮންވެލިގަނޑާއި ވިލު ނޫކުލައިގެ މޫދުގެ ފުރިހަމަކަން އިތުރަށް މުއްސަނދިކޮށްދިނީ ނިކަން ސަގާފީ ގޮތަކަށް ތައްޔާރުކޮށްފައިއެވާ ފަންގެއެއްގެ ދޮރާށްޓަކުންނެވެ. މިއީ ކުރެހުންތެރިއަކު ކުރަހާފައިވާ މަންޒަރެއް ނޫނެވެ. ނޫނީ ސަގާފީ މުނާސަބާއަކީ އެއްވެސް ނޫނެވެ. މިީ ޅ.ނައިފަރުގެ ދެ ޒުވާނުން ކަމުގައިވާ އަބްދުﷲ މުހައްމަދު (އަބްދޯ) އާއި އަތޫފާ އަބްދުﷲގެ ކައިވެނީގެ ވަލީމާގެ ބެކްޑްރޮޕެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

އަބްދޯއަކީ އެންމެ ކުޑައިރުއްސުރެވެސް ކުރެހުމާއި އެފަންނުގެ އެކި ކަންކަމަށް ލޯބިކުރި މީހެކެވެ. ހިލޭސާބަހަށް ގާތް މީހުންނާއި ރަށްޓެހިންނަށް އެކި އެއްޗެހި ޑިޒައިންކޮށް، ތަފާތު ކުރެހުންތައް ކުރަހާ އެކި މުނާސަބަތުތަކުގެ ޑެކަރޭޝަންތައް ތައްޔާރު ކޮށްދެމުން އައިސް އާމްދަނީއެއްގެ ގޮތުގައި މިކަން ކުރަން ފެށިތާވީ އެންމެ ހަަތަރު ވަރަކަށް އަހަރެވެ. އޭނާގެ އަމިއްލަ ކައިވެނީގެ ބެކްޑްރޮޕަކީވެސް ނިކަން ގިނަ ދުވަސްތަކެއް ވަންދެން ހުވަފެންތަކެއް ދެކި އެތަށް ގޮތަަކަށް އޭނާގެ ސިކުނޑީގައި ފަރުމާ ކުރަމުން އައި ތަސްވީރެކެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

8 އަހަރުގެ ލޯތްބަށްފަހު ވަލީމާ ވަރަށް ހާއްސަ

އަބްދޯ އާއި އަތޫ ރަށްޓެހިވެ އެކުގައި އުޅެމުން އަންނަތާ މިހާރު އަށް ވަރަކަށް އަހަރު ވެދާނެ އެވެ. ޚިތުބާ ކުރުމަށްފަހު ކައިވެނި ކުރަން ނިންމި ތާރީޚަކީ މިއަހަރުގެ ޖެނުއަރީ މަހުގެ ދޭކެވެ.

އެއަށްފަހު ކައިވެންޏަށް ތައްޔާރުވެ މަސައްކަތް ފެށިތާ ދޮޅު އަހަރު ވެދާނެ އެވެ. އެކަމަކު އެއީ ތިފެނުނު ކަހަަލަ ޕާޓީޢަކަށް ނޫނެވެ.

" އަސްލު ބޭނުންވީ ހަމަ ރޯޔަލް ތީމް ވެޑިން އެއް. ގާތްގަނޑަކަށް އަހަރެއްވަރުކުރިން ހުރިހާ އެއްޗެއް ޕްލޭންކުރިން. ހުރިހާ ޑީޓެއިލްތަކާއި ވެސް އެކު. އެކަމަކު އެކަން ފްލޮޕްވީ ޕެންޑެމިކް އާއި ހެދި. އަހަރުމެން ރޭވީ މިދިޔަ އަހަރު ޖޫން ޖުލައިގައި ލަންކާއަށް ގޮސް ވެޑިންއަށް ބޭނުންވާ ސާމާނުތައް ގަނެލަން. އެކަމަކު ކޮވިޑްއާއި ހެދި އެ ދަތުރު ދެވޭގޮތެއް ނުވި. އެހެންވީމަ އެކަން ހަމަ އެއްކޮށް ކެންސަލްވީ." އަބްދޯ މި ތީމް އިޚްތިޔާރު ކުރެވުނު ގޮތާއި ބެހޭގޮތުން ބުންޏެވެ.

ރޯޔަލް ތީމް ވެޑިންއަކުން ސަގާފީ ގޮތަކަށް ވަލީމާގެ ކަންކަން ބަދަލުކޮށްލުމަށް ޚިޔާލު ދިނީ އަބްދޮގެ މަންމަ އެވެ. އެއާއެކު އެ ޚިޔާލު ކަމުގޮސް ބެކްޑްރޮޕްއަކަށް އަބްދޯއަށް އެންމެ ފުރަތަމަވެސް ސިފަވީ އޭނާގެ ޅައުމުރުގެ ގެ ކަމުގައިވާ ވައިޖެހޭ ގެ އެވެ.

ފޮޓޯތަކުން ފެންނަ ބެކްޑްރޮޕްގައި އެހެރީ އަބްދޯކުޑައިރު އުޅެބޮޑުވި ވައިޖެހޭ ގޭގެ ދޮރުމައްޗެވެ. ކުދި ބަދަލުތަކާއި އެކީނަމަވެސް އެ ގެ އިނގޭ މީހަކަށް މި ބެކްޑްރޮޕް ފެނުމުން ނޭގި ނުދާނެ އެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

ވަލީމާގެ ކޮންމެ ދިމާލެއްވެސް އެހާމެ ހާއްސަ

ކައިވެނީގެ ވަލީމާ މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު އިރު އަބްދޯ ބުނާގޮތުން ބެކްޑްރޮޕް އޭނާއަށް ހާއްސަވި ވަރަށް ވެޑިންގެ ކޮންމެ ދިމާލަކުންވެސް އަދި ކޮންމެ ކަމަކުންވެސް ދިވެހިންގެ ސަގާފީ ކުލަތަކާޢި އެ ތީމް ރަމްޒުކޮށްދިނުން ވަރަށް މުހިންމު ވިއެވެ.

މިގޮތުން ފުރަތަމަ ކަމަކަށް 3000 އެއްހާ މީހުންނަށް ދައުވަތު ދީގެން ބޭއްވުނު ޕާޓީގެ ކެއުމަަކީ ސައްތައިން ސައްތަ ދިވެހި ކެއުމެކެވެ.

އާންމުކޮށްވެސް އަތޮޅުތަކުގައި ބޭއްވޭ މިފަދަ ހަފްލާތަކުގެ ކޭޓަރިންއަކީ ރަށުގެ އަންހެނުން އެއްވެގެން ކައްކާ މާކެއުމަކަށް ވާއިރު އަބްދޯއާއި އަތޫގެ ކައިވެނީގައިވެސް އެކަން އޮތީ އެހެނެވެ.

"އެޕެޓައިޒާގެ އެއްގެ ގޮތުގައި ހުރީ ކަދުރުގެ އޮށް ނަގާފައި އޭގެ ތެރެއަށް ކުރޮޅި ލާފައި. ދެން މެއިންކޯސްގައި ހުރީ ހުދުބަތް، މަސްހުނި ބަތް، ގަރުދިޔަ، މަސް ފެން، ރިހާކުރު ދިޔަ، އަލުވި ބަތް، ކައްޓަލަ މާޅޮސް ކެޔޮ، ފިޔާ ލޮނުމެދު ފޮޅިކުރި މިރުސް، ހުންނާނެ. ދެން ބުއިމަކަށް ކަޅުސައި ހުރިއިރު ފޮނިކާއެއްޗެހީގެ ގޮތުގައި ހުރީ ފުފޫ ކަންޖާއި ކަށިކެޔޮ ބަތްޕެނެވެ.

އަބްދޯ ބުނީ ހަވީރު ސައިގަޑިއަށް ޕާޓީ ހެދުމުގެ ބަދަލުގައި މެންދުރު ޕާޓީ ބޭއްވީވެސް، ދިވެހިވަންތަ ކެއުމެއް މެހެމާނުންނަށް ދިނުމަށެވެ. މިގޮތުން ޕާޓީ އޮތީ މެންދުރު 1:30 އިން ފެށިގެން 3:00 ޖެހުމާއި ހަމައަށެވެ.

މި ގަޑީގައި ޕާޓީ ބޭއްވުމުގައި ގިނަ ދަތިތަކެއްވެސް ހުއްޓެވެ. މިގޮތުން އެންމެ ބޮޑު ޗެލެންޖަކަށްވީ މީހުން ކާން ތިބި ސަރަހައްދު ހިޔާކުރުމެވެ. އެހެންނަމަވެސް އެކަންވެސް ކަމިޔާބު ކަމާއި އެކީ ކުރެވުނުއިރު، ފިނި ފެން ފޯރުކޮށްދިނުމަށްޓަކައި ބޮޑު މަސްފޮއްޓެއްގައިވަނީ އައިސް އަޅައިންވެސް ބޭނުންކޮށްފައެވެ.

ހަމައެޔާއެކު ގިވްއަވޭ އެއްގެ ގޮތުގައި ހުނިހަކުރު މެހެމާނުންނަށް ދެވުނު އިރު، މިހާރުގެ ޕާޓީތަކުން ފެންނަ ގެސްޓް ބުކްގެ ބަދަލުގައި، 'މެހެމާނުންގެ ބަސް' ނަމުގައި އޮތީ ކުރީ ޒަމާނުގެ ފަތްކޮޅެކެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

މުޅި ޕާޓީގެ ވޯކްވޭ ވެސް ލަކުޑި ޖަހައިން ފަނުން ތައްޔާރުކުރެވިފައިވާއިރު، އަތޫގެ ރަންވެސް ފަރުމާ ކުރެވިފައިވަނީ އެ ޒަމާނުގައި ކައިވެނިކުރެވޭ އަންހެންކުއްޖާ އަށް ދެވޭ 'ތިން ގަނޑެތި' އަސްލަކަށް ބަލައިންނެވެ.

ހީކުރި ވަރަކަށްވުރެ އަގުވެސް ބޮޑު، ބުރަ ކަމެއް

މީގެކުރިންވެސް ގިނަ ބެކްޑްރޮޕްތަކުގެ މަސައްކަތްކޮށް މި ފަންނުގައި ދުވަސްތަކެއް ހޭދަކުރެވިފައިވާއިރު، އަބްދޯ އެންމެ ފުރަތަމަވެސް ބުނި ވާހަކައަކީ މިއީ އެވެ. ސަގާފީ ތީމްއަކަށް ކައިވެނި ހަފްލާ ބެއްވުމަކީ މާ ޚަރަދު ކުޑަ ފަސޭހަ ކަމެކޭ ހީކުރެވުނަސް މިއީ މުޅިއަކުން ތެދެއް ނޫނެވެ.

އަބްދޯ އާއި އަތޫގެ ކައިވެންޏަށް ދެމީހުން ގިނަ ދުވަސްތަކެއް ވާންދެން ފައިސާ ރައްކާކުރިއެވެ. އަދި އަމިއްލަ އަތުން ލައްކައެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާވާއިރު، އާއިލާއާއި ގާތް ރަހުމަތްތެރިންވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ހަމަ އެހާވަރަށް ޚަރަަދުތައް އެކި ކަންކަމަށް ގޮސްފައިވާނެކަމަށް އަބްދޯ ބުންޏެވެ.

"މިސާލަކަށް ބެކްގައި ހުރި ހިރިގާގެ މަސައްކަތަކީ ފުޅިމަދު ޝީޓުގައި ހޮޓްގަންއަކުން ކަނޑައި ނަގައިގެން އޮމާންކޮށްފައި އެ އެފްކްޓް ގެންނަން ކުރި މަސައްކަތެއް. ބައެއް ރާބަނދިތައް ހުންނާނެ ޕްލާސްޓިކުން ހަދާފައި. ދެން ކެމިކަލް ފޯމްއެއް އެއްވެސް ބޭނުންކޮށްފައި ހުންނާނެ. އެނޫނީ ހުރިހާ އެއްޗަކީވެސް ރޯނާއި ފަނުން ފެށިގެން ހަމަ އޮތެންޓިކް ލޯކަލް ޕްރޮޑަކްޓްސް. ގިނަ އެއްޗެހި ހަމަ ގެނައީ ނ. އަތޮޅާއި ބ. އަތޮޅުން ޕްރީ އޯޑަރު ދީގެން" އަބްދޯ ބުންޏެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

އެހެންކަމުން އެހެނިހެން ތީމްތަކަށް ރާއްޖެއިން ބޭރުން ގިނަ އަދަދަކަށް ފަސޭހައިން ތަކެތި ގަންނަން ލިބުނަސް، ދިވެހި މިފަދަ އުފެއްދުންތަކަކީ ވަގުތުން މީހުން ހަދައިގެން ވިއްކާ ތަކެތި ކަމުން އެކަމަށް ގިނަ ޚަރަދުތަކަކާއި، ވަގުތުތަކެއް ދިޔައެވެ.

އަބްދޯއާއި އަތޫގެ ކައިވެނި---ފޮޓޯ:އައި ޝަޓާސް

ތިމާވެއްޓާއި ވެސް ރަށްޓެހި ކައިވެންޏެއް

ވަލީމާގެ މި މަސައްކަތްތަކަކީ ހަމަ ސީދާ އަބްދޮއާއި ދެފަރާތުގެ އާއިލާއާއި ރަހުމަތްތެރިންވެގެން ކުރި މަސައްކަތެކެވެ. ގާތްގަނޑަކަށް ފަހެއް ނުވަތަ ހަތަރު މަހެއްހާ ދުވަސް މަސައްކަތްތަކަށް ނެގިއިރު، ކައިވެނީގެ ދެހަފްތާއެއްވަރު ކުރިންވަނީ ކުރީބައިގައި ތައްޔާރުކޮށް ނިންމަންޖެހޭ ހުރިހާ މަސައްކަތެއްހެން ކޮށް ނިންމާފައެވެ.

މި ބޮޑު މަސައްކަތުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިއީ ތިމަވެއްޓާއި ރަށްޓެހި ގޮތަކަށް ބޭއްވުނު ޕާޓީއެއް ކަމެވެ. އަބްދޯ ބުނިގޮތުގައި ޕާޓީގައި އުކާލަންޖެހޭ ޕްލާސްޓިކެއްގެ ގޮތުގައި ބޭނުންކުރީ ހަމައެކަނި ޕްލާސްޓިކް ބޮޑެތި ފުޅިތަކެކެވެ. ދެން ބޭނުންކުރި ހުރިހާ އެއްޗިއްސަކީވެސް ތިމާވެއްޓާއި ރަށްޓެހި ތަކެއްޗަށް ހެދުމަށް ވަރަށް ބޮޑަށް ވަނީ މަސައްކަތްކޮށްފައެވެ.

މިގޮތުން ކާން ބޭނުންކުރި ތަށިތަކަކީވެސް މާލެއިން ގަނެގެން ގެންދިޔަ ކޮމްޕޯސްޓަބަލް ތަށިތަކެކެވެ.

ނައިފަރު ހޮސްޕިޓަލްގެ އިންޓަރޕްރިޓާ އަކަށް މަސައްކަތްކުރަމުން އަންނަ ޒުވާން އަބްދޯގެ މި މަސައްކަތަކީ ހަމަގައިމުވެސް ގިނަ ދުވަސްތަކަކަށް އެތަށް ބަޔަކު މިސާލު ޖަހާނެ ފަދަ މޮޅު ރީތި އަދި ހުނަރުވެރި މަސައްކަތެކެވެ. ދިވެހިވަންތަކަމާއި ސަގާފަތަކީ މިފަދަ އެތަށްކަމެއްގައި ތަނަވަސްކަމާއިއެކު ބޭނުންކުރެވިދާނެ އެއްޗެއްކަން މިއަދު އަހަރެމެންނަށް ތަފާތުގޮތަކަށް އޭނާމިވަނީ ދައްކުވައިދީފައެވެ.

comment ކޮމެންޓް