މަޖިލިސް ހުޅުވުން އަންނަ މަހު ހަތަރެއްގައި

2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން: މި އަހަރު މަޖިލިސް ހުޅުވަނީ އަންނަ މަހު ހަތަރެއްގައި -- ފޮޓޯ/ މަޖިލިސް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލްކޮށްފި އެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ މަޖިލިސް މިއަހަރަށް ރަސްމީކޮށް ހުޅުވާ ދުވަސްގެ ގޮތުގައި ހަމަޖެއްސުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށް ވާހަކަ ދައްކާނެ އެވެ. އަދި އެ ރިޔާސީ ބަޔާނަށް ސަރުކާރު ނިސްބަތްވާ ޕާޓީ ފިޔަވައި، މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ އެވެ. އެގޮތުން މި މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމައި، މިދިޔަ ޑެސެމްބަރު މަހު ހަތެއްގައެވެ. އެއީ ދައުރުގެ މުއްދަތު ދިގުދެންމުމަށްފަހު، ހަފްތާއެއްހާ ދުވަހަށް ޖަލްސާތައް ބޭއްވުމަށްފަހުއެވެ.

މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.

comment ކޮމެންޓް