އޭއޭއޭގެ ކުދިންނަށް ބޭރުން ކޯސް ފުރިހަމަކުރެވޭނެ ގޮތް ހަދަނީ

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފުލައިންގ ސްކޫލްގެ މައްސަލަތަކާ ގުޅޭގޮތުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުން -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި އެކި މައްސަލަތައް ދިމާވެ ކިޔެވުމަށް ހުރަސްއެޅިފައިވާ ކުދިންނަށް ބޭރުގެ ސްކޫލަކުން ކޯސް ފިރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެ ސްކޫލްގެ މައްސަލަތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ ދަރިވަރުންނަށް ދިމާވެފައިވާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އަދި މައްސަލަތައް ހައްލުކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ ބައިވެރިވެފަ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް ވިދާޅުވީ، ކުދިންގެ ކޯސް ފުރިހަމަ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހެން ފްލައިން ސްކޫލަކުން ކޯހުގެ ބާކީ އޮތް ބައި ފުރިހަމަ ކުރެވޭނެތޯ ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަން ކުރުމަށްޓަކައި ކުދިން މިހާރު ކޯސް ފުރިހަމަކޮށްފައިވާ މިންވަރާއި ކޯހުގެ ނުނިމި އޮތް މިންވަރު ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މައުލޫމާތި ފޯރުކޮށްދިނުމަށް ފްލައިން ސްކޫލުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެބޭފުޅުން އެތަނުގައި އެކަން ކުރައްވާ ކަމަކަށް ނުވާތީ އެ މައުލޫމާތު އަޅުގަނޑުމެންނަކަށް ނުލިބުނު. އެ މައުލޫމަތު އަޅުގަނޑުމެން ބޭނުންވީ މައިގަނޑު ދެ ސަބަބަކަށް. ފުރަތަމަ ސަބަބަކީ، ކުއްޖާގެ ނިމިފަ ހުރި ބައި އަޅުގަނޑުމެން ދެނެގަތުން، އަނެއް ސަބަބަކީ ކުއްޖާގެ ބާކީ އޮތް މުއްދަތު އަޅުގަނޑުމެން ދެނެގަތުން. މި ދެ މައުލޫމާތު ބޭނުންވާ ސަބަބަބީ އެހެން ފްލައިން ސްކޫލެއް ކައިރީ އަޅުގަނޑުމެން ކުއްޖާއަށް އޭނަ ކިޔަވާ ނިންމާފައި ހުރި ބަޔަށް ކްރެޑިޓް ލިބިދާނެތޯ އަހަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންގެ ކިޔެވުން ފުރިހަމަކުރަން ސަރުކާރުން ކުރަންޖެހޭނެ ހަރަދުގެ އެސްޓިމޭޓެއް ލިބުމުން މަސައްކަތް ފަސޭހަވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ސްކޫލުގައި ކިޔަވާ 150 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންގެ ތެރޭގައި ހަޔާ އެޑިއުކޭޝަންގެ ލޯނުގައި ކިޔަވާ 90 އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަމަށެވެ.

"އެހެން ނަމަވެސް މި މައްސަލައިގައި ހައްލު ހޯދައިދޭން ބޭނުންވަނީ ހުރިހާ ކުދިންނަށް. އެއީ ދިވެހި ކިޔަވާ ކުދިންނަށް ވާތީ. ކޮންމެހެން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ލޯނު ނަގާފަ ތިބި ކުދިންނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެކަން ކުރުމަށް ބޭނުންވާ މައުލޫމާތު ފްލައިން ސްކޫލުން ލިބިފައި ނުވާތީ، މިހާރު އެ ސްކޫލުގެ ދަރިވަރުން އުފައްދާފައިވާ ޔޫނިއަން މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ދަރިވަރުންގެ ކިޔެވުން އެހެން ސްކޫލަކުން ފުރިހަމަ ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރި ބޮޑީން އެ ޕްރޮސެސް އެންޑޯސް ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު މިނިސްޓަރު ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލުން ކުދިންގެ ފްލައިން އަވާޒް ނިންމައިދީ، ކޯސް ފުރިހަމަކޮށްދޭތޯ ބަލަން ނުތިބޭނެ ކަމަށެވެ. އަދި ކުދިންގެ ރިކުއެސްޓާއެކު، ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި އަދި ބޭރުގެ އެހެން ސްކޫލަކާ އެކުވެސް ކުދިންގެ ކޯހުގެ ނުނިމި ހުރި ބައި ނިންމޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް އޭގަ ވެސް ދުވަސްތަކެއް އެބަ ނަގާ، އެއީ މިއީ ވަކި ރެގިއުލޭޝަނެއްގެ ދަށުން އިންޓަނޭޝަނަލީ ކަންތައްތަކެއް ފޮލޯކުރަންޖެހޭ ކަމަކަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ ޕްރޮސެސް ފުރިހަމަކުރަން ގާތްގަނޑަކަށް ހަ މަސް ދުވަސް ނަގާނެ ކަމަށާއި، އެކަންކަން ނިމުމާއެކު ދަރިވަރުން ބޭނުންވާނަމަ ބޭރުގެ ފްލައިން ސްކޫލަކުން ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހައްލުކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް މިއީ މިނިސްޓްރީން އެންމެ ކައިރިން ބަލާ އެއް މައްސަލަ ކަމަށާއި، މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ދިގުލައިގެންގޮސް ކޯސް ނުނިމުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން 12-18 މަސް ދުވަހުން ނިމޭ ކޯހެއް، ތިން ހަތަރު އަހަރުވާއިރު ވެސް ނުނިމޭތީ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން އޭއޭއޭގަިއ މިހާރު ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް ވަނީ އިތުރުކޮށްދީފަ އެވެ.

އަދި އެ ސްކޫލަށް އިތުރު ދަރިވަރުން އެންރޯލްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުން އެ ސްކޫލުގައި ކިޔަވަން އަންނަ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދޫކުރުން ވެސް ހުއްޓާލަން އިމިގްރޭޝަނަށް ވެސް ވަނީ އަންގައިފަ އެވެ.

https://sun.mv/146698

comment ކޮމެންޓް